17 ސެޕްޓެމްބަރ 2017 - 23:55
ފަހު ވަގުތު އަހުމަދު ރިޒުވާން (ރިޒޭ) ވައްދާލި ގޯލުން 2-1 އިން ށ. މިލަންދޫގެ މައްޗަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގދ. ތިނަދޫ އިން ކުރިހޯދައިފި އެވެ.
މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ތިނަދޫ ލީގުގެ ފަސް ވަނައިގައި އޮތީ ހަ މެޗުން 10 ޕޮއިންޓާ އެކު އެވެ. މިލަންދޫ އަށް ލިބުނީ ހަ މެޗުން ދެ ޕޮއިންޓެވެ. އެ ޓީމު ލީގުގެ ހަ ވަނައިގައި އޮތްއިރު، އަދި ލީގުގައި މޮޅެއް ނުލިބެ އެވެ.
މިއީ މި ފަހަރުގެ ލީގުގައި ފަހު ވަގުތު ލަނޑު ވަދެގެން މިލަންދޫ ބަލިވި ތިން ވަނަ މެޗެވެ. ކުރިން ގްރީން ސްޓްރީޓްސް އާއި މާޒިޔާ އަތުން ވެސް އެ ޓީމު ބަލިވީ ފަހު ވަގުތު ވަން ގޯލަކުންނެވެ.
މިރޭގެ މެޗު ފަށައިގެން މިލަންދޫ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމަށް މެޗުގެ 25 ވަނަ މިނިޓްގައި އާދަމް އިމްރާން ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ގްރީން ސްޓްރީޓްސް އަށް ކުރިން ކުޅުނު އިމްރާން މި ލަނޑު ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.
ދެ ވަނަ ހާފް ފަށައިގެން ތިނަދޫ އިން ކުޅުން ރަނގަޅުކުރި އެވެ. އަދި މިލަންދޫ އަށް ނުރައްކާ ކުރަން ފެށި އެވެ. ތިނަދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ރިސްވާން އެވެ. ކުރިން ވިކްޓަރީ އަށް ކުޅުނު ރިސްވާން ކުޅެން އެރީ އަހުމަދު ޒުބެއިރުގެ ބަދަލުގަ އެވެ.
މެޗު އެއްވަރުވާން ދަނިކޮށް ތިނަދޫ މޮޅުވީ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޒުވާން ފޯވާޑް ރިޒޭ ޖެހި ހިތްގައިމު ގޯލުންނެވެ. މިލަންދޫ ހާފްގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ގޮސް އޭރިއާ ރޮނގުކައިރިން ރިޒޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
މާލޭ ލީގުގައި އީގަލްސް އަށް ވެސް މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ ފޯވާޑް ރިޒޭ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނުއިރު، އޭނާ ވަނީ މާޒިޔާއާ އެއްވަރުވި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗަށް ފަހު ތިނަދޫގެ ކޯޗު މާޓިނޭޒް ހުއާން މެނުއަލް ބުނީ ފުރަތަމަ ހާފްގައި ދަށްކޮށް ދިޔަ ނަމަވެސް ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް މެޗުން މޮޅުވުމުން ބޭނުންވި ކަންތައް ހާސިލްވެއްޖެ ކަމަށެވެ.
"ފުރަތަމަ ހާފްގައި ފެނުނީ އަހަރެން ބޭނުންވި ކުޅުމެއް ނޫން. އެކަމަކު ބަދަލުތައް ގެނެސްގެން ދެ ވަނަ ހާފްގައި އަހަރެން ބޭނުންވި ގޮތަށް ކުޅުންތެރިން ކުޅެން ފެށި. އެ ގޮތަށް މަސައްކަތް ކޮށްގެން މެޗުން މޮޅުވުމުން ވަރަށް ހިތްހަމަ ޖެހިއްޖެ،" އޭނާ ބުންޏެވެ.
މާޓީނޭޒް ވަނީ މިއަދުގެ މެޗުގައި މޮޅުވި ގޯލު ރިޒޭ ކާމިޔާބު ކުރުމަކީ އޭނާ އަށް ލިބުނު ހިތްހަމަ ޖެހުން އިތުރުވެގެންދިޔަ ކަމެއް ކަމަށް ބުނެފަ އެވެ.
މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ ސަސްޕެންޝަންގެ ސަބަބުން މުހިއްމު ކުޅުންތެރިން ނުލައި ކުޅެން ޖެހުމުން އެ އުނދަގޫ މި މެޗުގައި ކުރިމަތިވި ކަމަށެވެ.
"ސަސްޕެންޝަންގެ ސަބަބުން މުހިއްމު ކުޅުންތެރިން ނުލައި މި މެޗު ކުޅެން ޖެހުނީ. ދެން ސައްޓު (އިޝާން އިބްރާހިމް) އަށް އަދިވެސް އެއްކޮށް ރިލީސް ނުލިބޭތީ އެކުގައި ޕްރެކްޓިހެއް ނުކުރެވޭ. ދެން އެ ކަމުގެ ސަބަބުން ބޭނުންވާ ކޮމްބިނޭޝަން އެއް ނުގެނެވި މިދަނީ،" ނާސިރު ބުންޏެވެ.
ސައްޓު އަށް ލީގުގެ ދެ ވަނަ ބުރުގައި ޓީމުގެ ޕްރެކްޓިސްތަކުގައި ގަވައިދުން ބައިވެރިވެވޭނެ ކަމަށް ނާސިރު ވަނީ މީގެ ކުރިން ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy