މިއަދުގެ މެޗުގެ ތެރެއިން ޓީސީގެ ފައްރާހު (ވ) ކައިރިން ނިއުގެ އުމެއިރު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ފެބުރުއަރީ 2018 - 18:39
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓް މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން މިއަދު ހަވީރު އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ ފެށުން ރަނގަޅުކޮށްފި އެވެ.
ނިއު އިން މިދިޔަ ސީޒަނުގެ ފަހު ތިން މުބާރާތް ކާމިޔާބުކުރީ ބަލިނުވެ 16 މެޗަށް ހަމަކޮށްގެންނެވެ. އަދި މިދިޔަ ސީޒަނުގެ ފަހު ތިން މުބާރާތުގައި ނިއުއާ އެންމެ ބޮޑަށް ވާދަކުރި ޓީސީ އަތުން ނިއު ބަލިވެފައިނުވެ އެވެ.
ޓީސީން އޭއެފްސީ ކަޕް ކޮލިފައިންގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ބޭނުންކުރީ އެއް ފުރަތަމަ އެގާރަ އެވެ. އެކަމަކު މި މެޗުގައި އެ ޓީމުން ވަނީ ގޯލްކީޕަރު އިފްރާހް އަރީފް އާއި ޒުވާން ކުޅުންތެރިޔާ އަހުމަދު އައިހަމް އަށް ފުރުސަތު ދީފަ އެވެ.
ނިއު އިން ވަނީ މި ސީޒަނުގައި އެ ޓީމާ ގުޅުނު މުހައްމަދު އުމެއިރު އާއި ހިސާމް ސަލީމް (ކޮކީ) އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނިއު އިން މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެން މަސައްކަތްކުރި ނަމަވެސް ޓީސީން ދިޔައީ އެ ހުއްޓުވުމުގައި ކާމިޔާބު ހޯދަމުންނެވެ.
ނިއު އަށް މެޗުގެ ލީޑުނަގަން މެޗުގެ 13 ވަނަ މިނިޓްގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ފޮނުވާލުމުގެ ބަދަލުގައި އޭނާ މަސައްކަތް ކުރީ އެ ޓީމުގެ އެހެން ކުޅުންތެރިޔަކަށް ޕާސް ދޭށެވެ. އެހެންވެ އެ ބޯޅަ އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.
އޭގެ ތިން މިނިޓް ފަހުން މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް އޭރިއާ ތެރެއިން ނިއުގެ ސްޕެއިން ފޯވާޑް ހުއިލެމް ފޮނުވާލި ބޯޅަ ކީޕަރު އިފްރާހް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 28 ވަނަ މިނިޓްގައި ނިއު އިން ވަނީ ކޮކީ އަށް ލިބުނު އަނިޔާއެއްގެ ސަަބަބުން މުހައްމަދު ރަޝީދު (ހޮކޭ) ކުޅެން އަރުވައިފަ އެވެ.
ނިއު އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ޓީސީން ވަނީ މެޗުގެ ލީޑުނެގުމާ ގާތަށް ޖެހިލައިފަ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝިޗޭވް ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ލިބުނީ އޭރިއާ ތެރެއިން ޓީސީގެ މުހައްމަދު ސާމިރު އަށެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ނިއު އަށް މެޗުގެ 43 ވަނަ މިނިޓްގައި ލީޑުނަަގައިދިނީ އުމެއިރު އެވެ. ޓީސީ އޭރިއާ ތެރެއިން މަތިން ހުރަސްކޮށްލި ބޯޅައެއް އަފްގާނިސްތާންގެ ފުލްބެކް ހާރޫން އަމީރީ ބޮލުން ޖައްސާލީ އުމެއިރު އަށެވެ. އުމެއިރު ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުގެ އޭރިއާ ތެރެއިން ޓީސީގެ އައިހަމް ފޮނުވާލި ބޯޅަ ބޭރުވީ ކީޕަރު އިމްރާން މުހައްމަދު އަތުގައި ޖެހިފައި ގޮސް ހުރަސް ދަނޑީގައި ވެސް ޖެހިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އަވަސް ކުޅުމެކެވެ. ހާފް ފެށުނުތާ ދެ މިނިޓް ފަހުން އޭރިއާ ތެރެއިން ނިއުގެ އަލީ ފާސިރު (ސެންޓޭ) ހުރަސްކޮށްލި ބޯޅަ ޖަހާނެ ކުޅުންތެރިޔަކު ނެތެވެ.
އޭގެ ފަހުން ނިއުގެ އޭރިއާ ތެރެއިން ޓީސީގެ އައިހަމް އަށް ލިބުނު ގިނަ ފުރުސަތުކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނެވެ. އޭނާ ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.
ލަނޑު ޖެހުމަށް ފަހު ނިއުގެ އަމީރީ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިއު އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 67 ވަނަ މިނިޓްގައި ސެންޓޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ދަގަނޑޭ ހުސްކޮށްލާފައި އޭރިއާ ތެރެއިން ސެންޓޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު އިފްރާހް ވަނީ މަތަކޮށްފަ އެވެ.
ޓީސީ އަށް އެންމެ ބޮޑު މައްސަަލައެއް ދިމާވީ މެޗުގެ 73 ވަނަ މިނިޓްގައި އެ ޓީމުގެ އަހުމަދު ރިލްވާން (ބެން) އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް ބެން އަށް ކާޑު ދެއްކި ނިއުގެ ސްޕެއިން ޑިފެންޑަރު ޖޯޖް ގޯތޯރް އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ވެސް ޓީސީން ނިއު އަށް ނުރައްކާ ކުރި އެވެ. އެގޮތުން މެޗުގެ 76 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން އަތުގައި ޖެހިފައި ލިބުނީ ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އަށެވެ. ސައްޓު އަށް އެ ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނު ނަމަވެސް ލިބުނީ އެ ޓީމުގެ އައިހަމް އަށެވެ. އައިހަމް ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
ނިއުގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 85 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ދަގަނޑޭ އާއި ސެންޓޭ އޭރިއާ ތެރެއިން އުފެެއްދި ފުރުސަތެއްގައި ހަމްޕު އަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މެޗު ނިމެން މިނިޓަކަށް ވެފައި ހުއްޓައި ނިއުގެ ތިން ވަނަ ގޯލު ޖެހީ އަމީރީ އެވެ. ހާފު މެދުތެރެއިން ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ނަގައިދިން ބޯޅަ އަމީރީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އޭނާގެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި މެޗު ގެއްލުނީ އެކި ކަހަލަ ކަންތައްތަކެއް ދިމާވުމުން ކަމަށެވެ.
"އެބަޖެހޭ ކަންނޭނގެ ވަކި ކުލަޔަކަށް ވަކި ބަޔަކަށް ނުބަލާ ވީ އެންމެ ރަނގަޅަކަށް ހުރިހާ އެންމެން ވެސް ކަންތައްތައް ކުރަން. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން މި ލެވެލްގައި އުނދަގޫވާނެ. އެކަމަކު ވެސް ޓީސީން ކުޅުނު ފުދޭވަރަކަށް. ހަގީގަތުގައި ވަކި ކަންތައްތަކެއް ހާސިލްކުރަންވެގެން ބަޔަކު ގޭމުން ބޭރުކުރަން މަސައްކަތް ކުރިތަން ފެނުނީ،" ނިޒާމްބެ ބުންޏެވެ.
ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ ސީޒަނުގެ ފުރަތަމަ މެޗާ ބަލާ އޭނާގެ ޓީމުގެ ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށެވެ.
"ނިއު ރޭޑިއަންޓް ކުޅެން ޖެހޭ ގޮތަށް މެޗު ކޮންޓްރޯލް ހޯދައިގެން ކުޅުނު. އެކަމު ސީދާ އަަހަރެން ބޭނުންވާ ގޮތަށް ކުޅުނީ މެޗުގެ ދެ ވަނަ ހާފުގައި. ވަރަށް ހިތްހަމަ ޖެހޭ މޮޅަކާ އެކު އަދި ކްލީން ޝީޓެއް ވެސް ލިބިގެން ނިންމާލެވުމުން. މިއީ ފެށުމަކަށް ބަލާއިރު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" އޮސްކާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓީސީޓީސީހޭ
27 February 2018
ނިއުއަކަށް ނުލިބޭ މިހާތަނަށް ރާއްޖޭން ބޭރު މުބާރާތެއްގެ ރަން މެޑެއްޔެއް....މި ޝަރަފު ލިބުނީ ވެލެންސިޔާއަށާއި ޓީސީއަށް...ޓީސީއަށް މިލިބުނު ކާބިޔާބީއަކީ ކުޑަ ދުވަސްކޮޅަކާ ބަލާފަ ބޮޑު ވަރެއް ޓީސީޓީސީ ހެއް # ޓީސީލަޔަންސް #ގައުމަށްރަނެއް #ޕްރައިޑް އޮފް ހެންވޭރު
މާކަނާ
27 February 2018
ޓީސީއިން ރަން މެޑަލް ގެނާ މުބާރާތަކީ ދުނިޔޭގެ އެއްވެސް ފުޓްބޯޅައިދާރާއަކުން ބަލައިގަންނަ މުބާރާތެއްނޫން. ރަން މެޑެއްޔެއްގެ ޝަރަފު ލިބުނު ކަމަށް ހިޔަންނަށް މުޑިނަގަނަ ތިއްބާ ޖެހިޖެހިގެން 9މެޗުން ބަލިވީ
ފުންއަސަރު
27 February 2018
މަރްހަބާ ނިއުރޭޑިއަންޓް.
ޓީސީ އެފްސީ
27 February 2018
އަދި ވާނެ ..ޓީސީއަށްވާނެ
އާރީ
26 February 2018
ހަގީގަތަށް ބުނަށްޏާ ނިޒާމްބެއަކީ އިދިކޮޅު ޓީމަށް އިހުތިރާމް ކުރަށް ނުދަށްނަ ކޯޗެއް. ވެދާނެ އަދި އެބައި ނުކިޔަވަނީ ކަމަށްވެސް. އޭ ލައިސަންސް އޮތްނަމަ. އިހުތިރާމް ގެ ބައި ވަރަށް ރަގަޅަށް އިގޭނެ. އަވަހަށް ކޯސް ހަދާ.
ނުޒޭރު
26 February 2018
ވަރަށް ބޮނޑް ތެދެއް. ޖައްސަ ޖައްސާގެން 9 ބަލިވީވެސް ރެފްރީ ކަޑަކަމުންތަ. ނޫނީ ކޯޗެއްގެ ޒިންމާ ނުނެގޭތީތަ. އަގައިން ދެރައެއް ނުވާނެ އަގައެއް އޮތީމަ ތަޅުވަނި އޭރުންތާ މަގާމްގަ ދެމި ހުރެވޭނި
އައްމި
26 February 2018
އަމީރީ ހުނަރު ގެ ގޮތުން މޮޅު ގޮލައެއް. ހެޑިން ވަރަށް ސަޅި.
ޖޯޖް
26 February 2018
އުމޭރު ސަފޯޓަރުންނަށް ހަދިޔާއެއް ދީފި
ފީކޭ
26 February 2018
ޓީސީ އުޅުނީ ފުޓްބޯޅަ ކުޅޭކަށް ނޫން. އަބަދު ފައުލްކުރަނި .ނުވިތާކަށް ދަނޑް މަށްޗަށް ވެއްޓިފަ މެޗްލަސްކުރަށް އުޅެނި.
އާސިމް
26 February 2018
އެމީހުން ބަލިވެގެން މިކަށް ނިމޭނި.
ދިވެހި ފުޓްބޯޅަ ހަލާކުވަނީ
26 February 2018
ކީއްވެގެން ކަން އެބަޖެހޭ އިނގެން އެންމެނަށް. އަހަރެން ނުބުނަން މަމީ ކޯޗަކަށް ނުވަތަ އެނަލިސްޓަކަށް ކުފޫ ހަމަވާ މީހެކޭ. ގޭމަކުން ބަލިވީމާ ދެން އޮތް ޓީމު ބުނާ ގޮތަށް ރެފްރީ ހަދަނީ އޭ މިކޯޗު ކިޔާތާ ކިތައް ދުވަސްތަ؟ މިހެން ކިޔަންޏާ މީހަކު ވަންނާނެތަ ތި ބޯޅަ ބަލަން. އަސްލު ރެފްރީ ޑިސިޝަންސް 90 ޕަރސެންޓް ރަނގަޅު. ކޯޗުގެ ގޭމް ޕްލޭން ވޯރކް ނުކުރީ.
ކޯއްޗެ؟؟
01 March 2018
ކޯޗު ކަޑަައީ!!!!