ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ނިއު ރޭޑިއަންޓް ތާވަލްގެ ތިންވަނައިގައި މަގާމް ދަމަހައްޓައިފި އެވެ.
ނިއު އަށް މިއާ އެކު ލީގުގައި 14 މެޗުން 27 ޕޮއިންޓް ލިބިފައި ވާއިރު، ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބް ވަނީ މިއަދު 4-1 އިން ވެލެންސިއާ ބަލިކޮށް 26 ޕޮއިންޓް ހޯދައިފަ އެވެ.
ނިއުގެ ދެ ލަނޑު ވެސް މެޗުގެ އިތުރު ވަގުތުހައި ޖަހައިދިނީ ނައިޖީރިއާގެ ފޯވާޑް އަލްހާޖީ ޖެރޯ އެވެ.
ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި އޭނާ ލީޑު ނެގީ އަހުމަދު ވިޖުދާން (ވިޖުއްކޮ) ނަގައިދިން ބޯޅައަކުންނެވެ. އަދި މިނިޓެއް ފަހުން އޭނާ ދެވަނަ ލަނޑު ޖެހީ ގުއިލާމޭ ޑަ ސިލްވާ ނަގައިދިން ބޯޅައެއް ބޮލުން ޖަހައެވެ.
ލީގުގައި ބާކީ ދެ ޓީމަށް ވެސް ހަތަރު މެޗު އޮތް އިރު، ނިއު އަށް ދެން އޮތީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ކުޅޭ މެޗެވެ.
އޮޓަމެޓިކް ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ޓީސީ އަށް މި ގެއްލުނީ މުހިއްމު ޕޮއިންޓެކެވެ. އެ ޓީމު މިވަގުތު ހަތްވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ޓީސީ އަށް ލީގުގައި ދެން އެންމެ އަވަހަށް އޮތީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
އެއް މެޗު މަދުން ކުޅެގެން އަށް ޕޮއިންޓާ އެކު އަށްވަނައިގައި އޮތް ގްރީން ސްޓްރީޓްސް މާދަމާ ރޭ، ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭނެ އެވެ.