ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގައި މިރޭ ގްރީން ސްޓްރީޓްސް 3-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް އެއްވަނައަށް ޖެހިލައިފި އެވެ.

މިރޭގެ މެޗުގައި ޓީސީގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް ޖިމޯ އާއި ބޯޑު ޕްރިންސް އަދި އައިހަމް ހަމްދޫން އެވެ.

ޓީސީ ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، އެއް މެޗު އެއްވަރު ކޮށްލައިގެން ހަތް ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި މާލޭ ރީޖަން ލީގު ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސްއާ 1-1 އިން އެއްވަރު ވި އިރު، ދެވަނަ މެޗުގައި ވަނީ 3-0 އިން ހއ. ދިއްދޫ ބަލިކޮށްފަ އެވެ.

މިރޭގެ މެޗުގައި ޓީސީގެ ކުލުންތެރިން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އެފްއޭއެމް
މިރޭގެ މެޗުގައި ޓީސީގެ ކުލުންތެރިން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އެފްއޭއެމް

ދިއްދޫ ވަނީ ފުރަތަމަ މެޗުގައި 1-0 އިން ގދ. ގައްދޫ ބަލިކޮށް، މިއަދު ހަވީރު 3-1 އިން ކ. ހުރާ ބަލިކޮށްފަ އެވެ. މިއާ އެކު ދިއްދޫ އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން، ހަ ޓީމު ވާދަކުރާ ކޮލިފައިންގެ ދެވަނައިގަ އެވެ.

ތިންވަނައިގައި އޮތް ބިސް ބުރަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ބިސް ބުރު ވަނީ އެ ޓީމުގެ ދެވަނަ މެޗުގައި ގްރީން ސްޓްރީޓްސް 5-2 އިން ބަލި  ކޮށްފަ އެވެ.

ގައްދުއަށް ވަނީ ދެ މެޗުން ތިިން ޕޮއިންޓް ލިބިފަ އެވެ. އެއީ އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ކ. ހުރާ 2-1 އިން ބަލި ކޮށްގެންނެވެ.

ހުރައަށް ތިން މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެއީ ފުރަތަމަ މެޗުގައި ގްރީންއާ 1-1 އިން އެއްވަރު ކޮށްގެން ހޯދި ޕޮއިންޓެވެ. ގްރީން އަށް ވެސް މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

މި އަހަރު އެފްއޭއެމުން މުޅި ރާއްޖެ ޝާމިލްވާ ފަދަ ލީގު ސިސްޓަމެއް ގާއިމު ކުރުމަށް މަސައްކަތް ފަށާފައި ވާއިރު، ޕްރިމިއާ ލީގު ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ދެވަނަ ޑިވިޝަންގައި ހިމެނޭ ރީޖަނަލް ހަތަރު ލީގުގެ ޗެމްޕިއަނުން ޕްލޭއޮފްގައި ވާދަ ކުރެ އެވެ.

އެއީ ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދު އާއި ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރާ އަދި ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫގެ އިތުރުން މާލޭ ރީޖަން ލީގު ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބެވެ.

ޕްލޭއޮފްގެ ގަދަ ހަތަރު ޓީމު 2026/2027 ސީޒަނުގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.