އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ފަހު ޖާގަ ގދ. ގައްދޫ ހޯދި އިރު، ކްލަބް ގްރީން ސްޓްރީޓްސް ރެލިގޭޓް ވެއްޖެ އެވެ.
ގައްދޫ ވަނީ އެންމެ ފަހުން ކުޅުނު ދިވެހި ޕްރިމިއާ ލީގު ޕްލޭއޮފްގައި ޓީސީ ސްޕޯޓްސް ކްލަބާ ވާދަ ކޮށް 1-0 އިން މޮޅު ވެފަ އެވެ.
ގައްދޫގެ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި ޖަހައިދިނީ ޑޮނާލިއޯ މަލަޗިއޯ ދޮއަންލާ އެވެ.
މި ނަތީޖާއާ އެކު ގައްދޫ ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމު އޮތީ ޖުމްލަ ހަ ޓީމު ވާދަ ކުރާ ޕްލޭއޮފްގެ ހަތަރު ވަނައިގަ އެވެ.
ޕްލޭއޮފްގެ ގަދަ ހަތަރު ޓީމު 2026/2027 ގެ ޕްރިމިއާ ލީގަށް ކޮލިފައި ވާއިރު، ކޮންމެ ޓީމެއްގެ ފަހު މެޗުގެ ކުރިން، ޖާގަ ލިބުނު ހަތަރު ޓީމު މި ވަނީ ޔަގީން ވެފަ އެވެ.
އެއީ، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގައްދޫގެ އިތުރުން، ހަތް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ އާއި ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް އަދި 10 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް މާލޭ ރީޖަން ލީގު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބެވެ.
އަހަރު އެފްއޭއެމުން މުޅި ރާއްޖެ ޝާމިލްވާ ފަދަ ލީގު ސިސްޓަމެއް ގާއިމު ކުރުމަށް މަސައްކަތް ފަށާފައި ވާއިރު، ރީޖަނަލް ހަތަރު ލީގަކީ ރާއްޖެގެ ފުޓްބޯޅަ ޕިރަމިޑްގައި ދެ ވަނަ ޑިވިޝަނެވެ. އެއް ވަނަ ޑިވިޝަނަކީ ދިވެހި ޕްރިމިއާ ލީގެވެ.
މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި އަށްވަނައަށް ދިޔަ ކްލަބް ގްރީން ސްޓްރީޓްސް ޕްލޭއޮފްގައި ވާދަ ކޮށްފައި ވާއިރު، ގްރީން މި ވަނީ ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ރެލިގޭޓް ވެފަ އެވެ.
ގްރީން އަކީ 2016 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައިގެން 2017 އިން ފެށިގެން އެއްވަނަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ ޓީމެކެވެ. އެ އަހަރު މާލޭ ލީގުގެ ދެވަނަ ހޯދައި ގްރީން ވަނީ ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ވެސް ކުޅެފަ އެވެ. ނަމަވެސް ހަތް ސީޒަނަށް ފަހު އަންނަ ސީޒަންގައި ގްރީން ފެންނާނީ ދެވަނަ ޑިވިޝަނުންނެވެ.
ޕްލޭއޮފްގައި ވާދަ ކުރި ޓީމުތަކުގެ ތެރެއިން ގްރީންގެ އިތުރުން ޕްރިމިއާ ލީގުން ފުރުސަތު ނުލިބުނު އަނެއް ޓީމަކީ ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ އެވެ. ހުރައަށް ހަތަރު މެޗުން ލިބިފައި ވަނީ އެއް ޕޮއިންޓެވެ.