ފައިނަލުގައި ޓީސީ ސްޕޯޓްސްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ނިއު ރޭޑިއަންޓުން ހޯދައިފި އެވެ.
މިއީ 2018 ވަނަ އަހަރުގެ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދި ފަހުން ނިއުއިން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ. އެ އަހަރު ފަހުކޮޅު އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކުރި އެވެ.
އެ ޓީމުގެ ސަސްޕެންޝަނުގެ އަދަބުން ސަލާމަތްވެ، 2022 ގައި އަލުން ފުޓްބޯޅަ އަށް އެނބުރި އައީ ދެވަނަ ޑިވިޝަނަށެވެ. ދެ އަހަރު ދެވަނަ ޑިވިޝަންގައި ކުޅުމަށްފަހު، އަލުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިބުނީ ކުރިން ފުރަތަމަ ޑިވިޝަނުގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ދޫކޮށްލި ޖާގައަށް ނިއު ޕްރޮމޯޓް ކުރުމުންނެވެ.
އެއީ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމަށް ނިއު ވުމުންނެވެ. ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރު ކުރި ދެ ޓީމަށް ވަނީ ސީދާ އެއްވަނަ ޑިވިޝަނުން ޖާގަ ލިބިފަ އެވެ.
ނިއުއިން މީގެ ކުރިން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދީ 2017 ގަ އެވެ. އެ އަހަރު ވެސް އެ ޓީމުން ފައިނަލުގައި ކާމިޔާބު ހޯދީ ޓީސީއާ ދެކޮޅަށެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ނިއުގެ ފުރަތަމަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އެވެ.
ޓީސީގެ އޭރިއާ ތެރެއިން އެ ޓީމުގެ ހަސަން އީނާޒް، ސެންޓޭއަށް ކުރި ފައުލަށް ދިން ޕެނަލްޓީ އޭނާ ކާމިޔާބު ކުރީ ވަރަށް އިތުބާރާއެކު އެވެ.
ޓީސީގެ ކީޕަރު ޑެނިއަލް އޭބިޔޯއަށް ބޯޅައިގެ މިސްރާބު އޮޅުވާލުމަށްފަހު ސެންޓޭ ފޮނުވާލި "ޕެނެންކާ" ޕެނަލްޓީ މަޑުމަޑުން ގޮސް ވަނީ ގޯލުގެ މެދަށެވެ.
ނިއުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 40 ވަނަ މިނެޓުގައި ނައިޖީރިއާގެ ފޯވާޑް އަލްހާޖީ ޖެރޯ އެވެ.
ބްރެޒިލްގެ މިޑްފީލްޑަރު ގިލްޔޭމީ ސިލްވާ ނަގައިދިން ބޯޅަ ޓީސީގެ ކުޅުންތެރިއެއްގެ ފައިގައި ޖެހުމުން ވެސް، ހާޖީ އެ ބޯޅަ ހޯދައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ދަނޑީގައި ޖެހިފައި އެތެރެއަށް ވަނީ އެވެ.
ނިއުގެ ތިންވަނަ ލަނޑަކީ ވެސް ސިލްވާ އާއި ހާޖީގެ ހިއްސާއެކެވެ. މެޗުގެ 82 ވަނަ މިނެޓުގައި ސިލްވާ އޭރިއާ ތެރެއަށް ނަގައިދިން ހުރަސް، ހާޖީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ވަނީ މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ކްލަބް، ނިއު ރޭޑިއަންޓްގެ މި ކާމިޔާބީއާއެކު އެ ޓީމުން ވަނީ އެ މުބާރާތުގެ ތަށި 13 ވަނަ ފަހަރަށް އުފުލާލައިފަ އެވެ.
މިއާއެކު އެ ކްލަބުން ފުޓްބޯޅައިގައި މިހާތަނަށް ހޯދާފައިވާ ޖުމްލަ ތަށީގެ އަދަދު މިވަނީ 50 އަށް އަރާފަ އެވެ. ދިވެހި ފުޓްބޯޅައިގެ ތާރީޚހުގައި، ތަށި ހޯދުމުގެ ރެކޯޑުން "ހާފް ސެންޗަރީ" ނުވަތަ 50 ތަށީގެ މައިލްސްޓޯން ހަމަކުރެވުނު އެހެން އެއްވެސް ޓީމެއް ނެތެވެ.
ފުޓްބޯޅައިގައި ނިއު ރޭޑިއަންޓް ހޯދި ތަށިތަކުގެ ލިސްޓް
- އެފްއޭ ކަޕް: 13 ތަށި
- ޕްރެޒިޑެންޓްސް ކަޕް: 13 ތަށި
- ދިވެހި ލީގު: 6 ތަށި
- ކަޕް ވިނާސް ކަޕް: 4 ތަށި
- ވެޓަރަންސް ކަޕް: 4 ތަށި
- މާލޭ ލީގު: 3 ތަށި
- ޕޯމިސް ކަޕް: 3 ތަށި
- އަންހެން ފުޓްބޯޅަ މުބާރާތުގެ 2 ތަށި
- ޗެރިޓީ ޝީލްޑް: 2 ތަށި