މީގެ ދެ އަހަރު ކުރިން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކ. ގުރައިދޫ އަށް ކުޅުނުއިރު މުހައްމަދު ނާއިމްގެ އެންމެ ބޮޑު އުއްމީދަކީ ފުރަތަމަ ޑިވިޝަން ޓީމަކަށް ކުޅުމެވެ. އޭގެ ދެ އަހަރު ފަހުން ގައުމީ ޓީމުގެ ކޯޗުކަމާ ޕީޓާ ސެގާޓް ހަވާލުވުމަށް ފަހު ނާއިމް އަށް ގައުމީ ޓީމުން ފުރުސަތު ލިބުނުއިރު، އޭނާ އަށް ލިބުނީ ދެ އުފަލެކެވެ. އެއީ އެއްބަނޑު އެއްބަފާ ބޭބެ، އަހުމަދު ނޫމާން (ހެލްމެޓް)އާ އެކު ޓީމުގައި ހިމެނުމެވެ.

އުމުުރުން 21 އަހަރުގެ ނާއިމް އަކީ މީގެ ކުރިން އެއްވެސް އުމުރު ފުރާއެއްގެ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިޔެއް ނޫނެވެ. އޭނާ ފުރަތަމަ ޑިވިޝަން ފުޓްބޯޅަ ކުޅެން ފެށީ މިދިޔަ އަހަރު ކްލަބް އީގަލްސް އިންނެވެ. އޭގެ ކުރިން ދެ އަހަރު އޭނާ ވަނީ މިނިވަން ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ.

"އަސްލު ފުރަތަމަ މަސައްކަތް ކުރީ އީގަލްސްގެ ފުރަތަމަ 11 އިން ޖާގަ ހޯދަން. ދެން އީގަލްސްގެ ފުރަތަމަ އެގާރައިން ޖާގަ ލިބުނީމަ ވަރަށް ގިނަ ބަޔެއްގެ ސަޕޯޓް ލިބުނު ގައުމީ ޓީމުން ޖާގަ ހޯދަން މަސައްކަތް ކުރަން،" ނާއިމް "މިހާރަ"ށް ބުންޏެވެ.

"އަލަށް ފަށާއިރު މި ކަހަލަ ފުރުސަތެއް ލިބޭނެ ކަމަށް ވެސް ހިއެއް ނުކުރަން"

މިދިޔަ އަހަރު އީގަލްސްގެ އޭރުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ އިރުޝާދުގެ ދަށުން ނާއިމް ފުރަތަމަ ގިނައިން ކުޅުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް ބެންޗުން އަރައި އޭނާ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން ސާންތީ އޭނާ އަށް ފުރަތަަމަ އެގާރައިން ފުރުސަތު ދޭން ފެށި އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓާއި މާޒިޔާ އަތުން އީގަލްސް މޮޅުވިއިރު ލަނޑު ޖަހައިފަ އެވެ.

އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ނާއިމް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ނާއިމް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ސީޒަނުގައި އީގަލްސްއާ ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި މިހާތަނަށް އީގަލްސް ކުޅުނު މެޗުތަކުގައި ނާއިމް ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. މި ސީޒަނުގެ މިހާތަނަށް އޭނާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އޭނާގެ ކުޅުމުގެ ސްޓައިލަށް ބަލާއިރު ބޮޑަށް ފާހަގަކުރެވެނީ ވާތުފައިން ކުޅޭއިރު ގޯލާ ރައްޓެހި ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

"އަބަދުވެސް ބޭބެގެ ހިތްވަރު ލިބޭ"

ނާއިމްގެ ބޭބެ ނޫމާން (ހެލްމެޓް) އަކީ 2012 ވަނަ އަހަރު ސްރީލަންކާގައި އޮތް މަހިންދުރަ ރާޖަ ޕަކްސަ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އޭނާ އަކީ ފާއިތުވި އަހަރުތަކުގައި އީގަލްސްގެ ފަހަތުގައި މުހިއްމު ދައުރެއް އަދާުކުރި ކުޅުންތެރިޔެކެވެ. ގައުމީ ޓީމަށް މީގެ ކުރިން ފުރުސަތު ލިބުނު ނަމަވެސް ފަހަކަށް އައިސް އަނިޔާގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހުމުން އޭނާ އަށް ފުރުސަތު ނުލިބިދިޔަ އެވެ.

އީގަލްސް ޓީމާ ހަމައަށް ނާއިމް ގެނެސް ދިނުމުގައި ނޫމާން (ހެލްމެޓް)ގެ ދައުރު ވަރަށް ބޮޑެވެ. އޭނާގެ އެހީތެރިކަން އަބަދުވެސް ލިބޭ ކަމަށް ނާއިމް ވަނީ ބުނެފަ އެވެ.

"ބޭބެގެ ސަޕޯޓް މި ކަމަށް ވަރަށް ލިބޭ އަބަދުވެސް. އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ،" ބޭބެގެ ފަރާތުން ލިބޭ އެހީތެރިކަން ކިޔައިދެމުން ނާއިމް ބުންޏެވެ.

ނާއިމް: ގައުމީ ޓީމުން ޖާގަ ލިބުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށް ވަނީ ބުނެފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނާއިމް: ގައުމީ ޓީމުން ޖާގަ ލިބުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށް ވަނީ ބުނެފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމަށް އެކުގައި މީގެ ކުރިން އެއް އާއިލާ އަކަށް ނިސްބަތްވާ ކުޅުންތެރިން ވަނީ ކުޅެފަ އެވެ. އޭގެ ތެރޭގައި ނ. މާފަރަށް އުފަން ތިން ބެން ކަމަށްވާ އައްސަދު އަބްދުލް ގަނީ އާއި އަކުރަމް އަބްދުލް ގަނީ (އަކޫ) އަދި އަންވަރު އަބްދުލް ގަނީގެ އިތުރުން އދ. މަހިބަދޫގެ ދެބެން ކަަމަށްވާ މިހާރު މާޒިޔާ އަށް ކުޅެމުން އަންނަ ގާސިމް ސައްމާމު (ސައްމެ) އާއި ސަމޫހު އަލީ (ސަމުއްޓެ) ހިމެނެ އެވެ. މި ފަހަރުގެ ސްކޮޑުގައި ނާއިމް އާއި ނޫމާން (ހެލްމެޓް) މި ވަނީ ހިމެނިފަ އެވެ.

"އަބަދުވެސް ޓާގެޓެއް (ހުވަފެނެއް) ދެ މީހުން އެއްކޮށް ގައުމީ ޓީމަށް ކުޅުމަކީ. ދެން ބޭބެއާ އެއްކޮށް ގައުމީ ޓީމަށް ދާން ލިބުނީމަ ވަރަށް ހިތްހަމަ ޖެހޭ،" ނާއިމް ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗު ސެގާޓް ވަނީ މިއަދު ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި ގިނަ ކުޅުންތެރިންތަކަަކަށް ފުރުސަތުދޭނެ ކަމަށް ވަނީ ބުނެފަ އެވެ. ގައުމީ ޓީމު އެކުވަލާލުމުގައި ސެގާޓް ވަނީ އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު ސާންތީ އާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ އެހީ ހޯދައިފަ އެވެ ޝާކިއްޓެ އާއި ސާންތީ އަކީ މިދިޔަ ސީޒަނުގައި ނާއިމް އަށް މާލޭ ލީގާއި ޔޫތު ޗެމްޕިއަންޝިޕްގައި އިރުޝާދުދިން ދެ ކޯޗެވެ. ނާއިމް ވަނީ ޔޫތު ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.