އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގެ ޖާގަ އަށް ކުޅޭ ރެލިގޭޝަން ޕްލޭއޮފް (މާލޭ ލީގު ކޮލިފިކޭޝަން) ގައި ދެ ވަނަަ ޑިވިޝަނުގެ ރަނަރަޕް ޖޭޖޭ ސްޕޯޓްސް ކްލަބް ބައިވެރިނުވާން ނިންމުމުން އެ ޖާގަ އަށް ވާދަކުރާނީ މާލޭ ލީގުގެ ފުލަށްދިޔަ ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީންނެވެ.

މިދިޔަ އަހަރު ވެސް މާލޭ ލީގު ކޮލިފިކޭޝަން ކެންސަލްވީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ކްލަބް ޒެފްރޯލާއި ރަނަރަޕަށް ދިޔަ ކުޑަހެންވޭރު ޔުނައިޓެޑަށް މާލީ ހާލަތުގެ ސަބަބުން ކުޅެވެން ނެތުމުންނެވެ. އެއާ އެކު ވިކްޓަރީ، އީގަލްސް، ޔުނައިޓެޑް ވިކްޓަރީ އަދި ވެލެންސިއާ އަށް ވަނީ އޮޓޮމެޓިކުން މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުވެފަ އެވެ.

މި ފަހަރުގެ ފޯމެޓް އޮތްގޮތުން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނަށް ފުރަތަމަ ޑިިވިޝަނުގެ ސީދާ ޖާގައެއް ލިބެ އެވެ. އެ ގޮތުން އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން މި ފަަހަރުގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަން ދަ ގޭންގް ވަނީ ޖާގަ ކަށަވަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ޖޭޖޭ އިން ވަނީ މި މަހުގެ 14 ވަނަ ދުވަހު ރެލިގޭޝަން ކުޅެވެން ނެތް ކަމަށް ބުނެ އެފްއޭއެމަށް ސިޓީ ހުށަހަޅައިފަ އެވެ.

އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުގެ ފަހު ޖާގަ ލިބޭނީ ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިއާ ތެރެެއިން އެއް ޓީމަކަށެވެ. ރެލިގޭޝަން ޕްލޭއޮފްގެ ދެ މެޗު ކުޅޭއިރު ފުރަތަމަ މެޗު އޮންނާނީ މި މަހު 26 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު އެއް ވަނަ ދުވަހު އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފެށުން ތިމަރަފުށްޓާއި ނިއު އަށް

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު އޮންނާނީ މި މަހު 28 ވަަނަ ދުވަހުގެރޭގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި ދާދި ފަހުން އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއު އެވެ. ނިއު އިން ވަނީ މީގެ 10 ވަރަކަށް އަހަރު ކުރިން އެފްއޭ ކަޕްގެ މެޗެއްގައި ތިމަރަފުށި އަތުން 7-1 އިން މޮޅުވެފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މި ދެ ޓީމުގެ އިތުރުން ދެން ކުޅެނީ މިނިވަން ޗެމްޕިއަންޝިޕުން އައި ފ. ނިލަންދޫ އާއި ށ. ފޯކައިދޫ އަދި ބ.ފެހެންދޫ އެވެ. ދެން ކުޅޭނީ މާލޭ ލީގުގެ ގަދަ ހަޔަކުން ފުރުސަތު ހޯދި މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް އަދި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

ފުރަތަމަ ބުރުގައި 10 ޓީމު ވާދަކުރާއިރު، ދެ ވަނަަ ބުރަށް ކޮލިފައިވާނީ ގަދަ އަށް ޓީމެވެ. އަނެއް ދެ ޓީމު މުބާރާތުން ވަކިވާނެ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުތައް:

ތިމަރަފުށި - ނިއު ރޭޑިއަންޓް (28 ޖޫން، 21:00)

އީގަލްސް - މާޒިޔާ (29 ޖޫން، 16:00)

ނިލަންދޫ - ޓީސީ (29 ޖޫން، 21:00)

ގްރީން ސްޓްރީޓްސް - ފޯކައިދޫ (30 ޖޫން، 16:00)

ވިކްޓަރީ - ފެހެންދޫ (30 ޖޫން، 21:00)