އަންނަ އަންގާރަ ދުވަހު ބަންގްލަދޭޝްގައި ފަށާ ސާފް ސުުޒުކީ ކަޕަށް ނެގި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ 22 ކުޅުންތެރިންގެ ފައިނަލް ސްކޮޑުން ތަޖުރިބާކާރު ކުޅުންތެރިއާ މުހައްމަދު އުމެއިރު ބާކީކޮށްފި އެވެ.

އުމެއިރުގެ އިތުރުން ދެން ބާކީވީ ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު އައްޒާމް އާއި މުހައްމަދު ސާމިރު، އީގަލްސްގެ ޒުވާން ތަރި ހަސަން ރާއިފް (ހަންނަ) އަދި ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް އެވެ. ގައުމީ ޓީމު ޑާކާ އަށް ފުރާނީ އާދިއްތަ ދުވަހު ގަތަރު މަގުންނެވެ.

އެފްއޭއެމުން މީގެ ކުރިން ރާވާފައިވަނީ 20 ކުޅުންތެރިންގެ ސްކޮޑަކާ އެކު ބަންގްލަދޭޝް އަށް ދާށެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކޮށް މިހާރު ނިންމާފައިވަނީ 22 ކުޅުންތެރިންނާ އެކު މުބާރާތަށް ދާށެވެ.

އުމުރުން 30 އަހަރުގެ އުމެއިރަކީ މީގެ ކުރިން ގައުމީ ޓީމާ އެކު ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި މިދިޔަ ފަސް ވަރަކަށް އަހަރަށް ބަލާއިރު ޓީމުގެ ފުރަތަމަ އެގާރައިގައި ގިނަ މެޗުތަކެއް ކުޅުނު ކުޅުންތެރިއެކެވެ.

ތޭވީސް އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ވެސް މުހިއްމު ތަޖުރިބާތަކެއް ކޮށްފައިވާ އުމެއިރު ވަނީ ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ގިނަ ޓީމުތަކަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ވަގުތު ރާއްޖޭގެ ޓީމަށް ބަލާއިރު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއަކީ ވެސް އޭނަ އެވެ. ކެރިއަރުގެ ކުރީކޮޅުގައި ޑިފެންޑަރެއްގެ ގޮތުގައި ފެނުނު ނަމަވެސް ފަހުން އޭނާ ފެންނަނީ އެޓޭކިން މިޑްފީލްޑަރެއްގެ ރޯލުންނެވެ.

ޓީމުން ދެން ފުރުސަތު ނުލިބުނު ސާމިރާއި އައްޒާމް އަކީ ޓީސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިންނެެވެ. މިއީ ސާމިރު ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރު ކަމަށް ވިޔަސް އައްޒާމް ވަނީ މީގެ ކުރިން ގައުމީ ޓީމުގައި ކުޅެފަ އެވެ. އޭގެ ތެރެއިން ގިނަ ފަހަރު އޭނާ އަށް ފަހު ވަގުތު ޓީމުން ފުރުސަތު ގެއްލެނީ އަނިޔާގެ ސަބަބުންނެވެ.

ގައުމީ ސްކޮޑުން ބާކީވި ސާއިފް (މ.ކ.1)، ހަންނަ (މ.ވ1)، ސާމިރު (ތ.ކ1) އަދި އައްޒާމް (ތ.ވ1).-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ގައުމީ ސްކޮޑުން ބާކީވި ސާއިފް (މ.ކ.1)، ހަންނަ (މ.ވ1)، ސާމިރު (ތ.ކ1) އަދި އައްޒާމް (ތ.ވ1).-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޒުވާން ޑިފެންޑަރު ސާއިފް އަކީ މީގެ ކުރިން އުމުރުފުރާ ގައުމީ ޓީމުތަކަށް ގަވައިދުން ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ އަށް މިދިޔަ އަހަރު ވެސް ގައުމީ ޓީމުން ފުރުސަތު ލިބުނެވެ. އެކަމަކު މިހާތަނަށް އަދި އޭނާ ވާދަވެރި މެޗެއްގައި ޓީމުގެ ފުރަތަމަ އެގާރައިގައި ނުކުޅެ އެވެ.

މި ސީޒަނުގައި ލީގުގައި ކުޅޭ އެންމެ ހުނަރުވެރި އެއް ޒުވާން ކުޅުންތެރިއަކީ ހަންނަ އެވެ. މި އަހަރު އޭނާގެ ކުރިއެރުން ގިނަ ބަޔަކު ފާހަގަކުރެ އެވެ. އެކަމަކު ޓީމުން ފަހު ވަގުތު މި ވަނީ ފުރުސަތު ގެއްލިފަ އެވެ.

ގައުމީ ޓީމުން އެންމެ ފުރަތަމަ ނެގި 30 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ) ނުހިމެނެ އެވެ. މި ސީޒަނުގައި 25 ގޯލް ޖަހާފައިވާ ދަގަނޑޭ އަށް ފުރުސަތު ނުދިނުމުން ކޯޗަށް ފާޑުކިޔުން އަމާޒުވި އެވެ. ހާއްސަކޮށް ތަޖުރިބާހުރި ފޯވާޑުންގެ ދަތިކަން އިންތިހާ އަށް ބޮޑު ދަނޑިވަޅެއްގައި އެގޮތަށް ނިންމުމުންނެވެ. ސެގާޓް ބުނީ ދަގަނޑޭ ނުނެގި އެއް ސަބަބަކީ އޭނާގެ އުމުރު ކަމަށެވެ. އެކަމަކު އޭނާއާ ދާދި އެއް އުމުރެއްގެ ކުޅުންތެރިންތަކަށް ވަނީ ފުރުސަތު ދީފަ އެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ ހިމެނެނީ ލަންކާ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ބައްދަލުކުރާނީ ސްރީލަންކާއާ އެވެ. ދެ ވަނަ މެޗުގައި އޭގެ ދެ ދުވަސް ފަހުން އިންޑިއާއާ ދެކޮޅަށް ކުޅޭނެ އެވެ.

ސާފަށް ނެގި ފައިނަލް ސްކޮޑު:

ނިއު ރޭޑިއަންޓް: މުހައްމަދު ފައިސަލް، އަކްރަމް އަބްދުލްގަނީ، ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ)، ރިހާމް އަބްދުލްގަނީ (ބޮބީ).

މާޒިޔާ: މުޖުތާޒް މުހައްމަދު (މުޖޭ)، ހުސެއިން ޝަރީފް، ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އަސަދުﷲ އަބްދުﷲ، ނާއިޒް ހަސަން (ދާދު)، އަހުމަދު އިމާޒް (އާއްކޮ)

އީގަލްސް: ހުސެއިން ސިފާއު ޔޫސުފް، މުހައްމަދު ނާއިމް، އަހުމަދު ނޫމާން، މުހައްމަދު އާރިފް (ބަކާ)

ޓީސީ: އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު)، އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ)

ވިކްޓަރީ: ހުސެއިން ނިހާން

ޔުނައިޓެޑް ވިކްޓަރީ: ހުސެއިން ތޮލާލް

ގްރީން ސްޓްރީޓްސް: އަބްދުﷲ ޔާމީން، މުހައްމަދު ސަމްދޫހު.