ރަށްރަށަށް ސާފް ތަށި ގެންދަން އަންނަ ހަފްތާގައި ފަށަނީ

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ނިސްބަތްވާ ރަށްތަކަށް ތަށި ގެންދިއުމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އަންނަ ހަފްތާ ތެރޭގައި އެކަން ފެށޭނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.


ސަރަހައްދުގެ ޗެމްޕިއަންކަން 10 އަހަރު ފަހުން ރާއްޖެ މި ފަހަރު ހޯދީ ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުބާރާތުގެ ފައިނަލުގައި އިންޑިއާ އަތުން 2-1 އިން ހޯދި މޮޅާ އެކު އެވެ. ސާފްގެ ކާމިޔާބީއާ ގުޅިގެން ގައުމީ ޓީމަށް ގިނަ ފަރާތްތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. އުފާފާޅުކުރުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ ކުޅުންތެރިންނާއި ތަށްޓާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ސަޕޯޓަރުންނަށް ފަހި ކޮށްދީފަ އެވެ.

ރާއްޖޭން 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރުމުން މުބާރާތުގެ ތަށި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގެންދިޔަ އެވެ. އެއީ ސަރުކާރުން އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރިއަށް ގެންދިޔަ ކަމެއް ކަމަށް ބުނެ އެއް ބަޔަކު އެކަމަށް ފާޑުކިޔެވެ.

މި ފަހަރު މުބާރާތުގެ ތަށި ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންގެ ރަށްތަކަށް ގެންދަން އެފްއޭއެމުން ނިންމީ އެ ކުޅުންތެރިން ހޯދި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ފުރުސަތު އުފަން ރަށުގައި ވެސް ދިނުމުގެ ގޮތުންނެވެ. އަދި މިއީ މުސްތަގުބަލަށް ބަލާއިރު ކުޅުންތެރިންނަށް ދެވޭ ހިތްވަރެއްގެ ގޮތުގައި އެފްއޭއެމުން ގަބޫލުކުރެ އެވެ.

ރަށްރަށަށް ތަށި ގެންދިއުމާ ބެހޭގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ތަށްޓާ އެކު ކުޅުންތެރިން ގެންދިއުމުގެ ކަންތައްތައް ކުރިއަށްގެންދާނީ ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

"ރަށްރަށަށް ތަށި ގެންދިއުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފެށޭ ވަރުވާނެ. ކްލަބްތަކާ ވާހަކަ ދައްކައިގެން ކުޅުންތެރިންނަށް ހުސް ދުވަސްތަކުގައި އެކަން ކުރެވޭނީ. ކްލަބްތަކާ މަޝްވަރާކޮށް އަންނަ ހަފްތާ ތެރޭގައި އެކަން ފެށޭވަރުވާނެ،" ޖަވާ ވިދާޅުވި އެވެ.

ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ އަންނަ ބުދަ ދުވަހު އެވެ. ޖަވާ ވިދާޅުވީ އެއްވެސް ކަމެއް ކުރުމުގެ ގޮތުން މިހާރު އޮތް ޝެޑިއުލަށް ބަދަލެއް ގެނެވެން ނެތް ކަމަށެވެ.

"މިހާރު އޮތް ޝެޑިއުލަށް ހުރިހާ ކަމެއް ގެންދިއުން ވަރަށް މުހިއްމު. ވަރަށް ބާރުބޮޑުކޮށް އޮތީ. އެހެންވެ ޝެޑިއުލާ އެއްގޮތަށް މެޗުތައް ކުރިއަށްގެންދާނަން. އެހެންނޫނީ ކްލަބްތަކަށް އޭގެ އުނދަގޫތަކެއް ކުރިމަތިވާނެ،" ޖަވާ ވިދާޅުވި އެވެ.

މި ފަހަރުގެ ސާފްގެ ތަށި ހޯދި 20 ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ގިނަ އަތޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރެއިން އެއް ރަށަކަށް ނިސްބަތްވާ ކުޅުންތެރިން ވެސް ހިމެނެ އެވެ. އެ ރަށްތަކަށް ބަލާއިރު ހދ. ނޮޅިވަރަމްފަރު، ހދ. ނޭކުރެންދޫ، ނ. މާފަރު، ނ. ކުޑަފަރި، އދ. މަހިބަދޫ، އދ. ފެންފުށި، ބ. އޭދަފުށި، ދ. ރިނބުދޫ، ތ، ތިމަރަފުށި، ތ. ކިނބިދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ކ. ގުރައިދޫ، ސ. ފޭދޫ އަދި ސ. ހިތަދޫ ހިމެނެ އެވެ.