ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލުގައި ނޭޕާލާ ދެކޮޅަށް މިއަދު ކުޅޭ މެޗަށް ނުކުންނައިރު ރާއްޖޭގެ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް ޒުވާން ވާތު ބެކް މުޖުތާޒް މުހައްމަދު (މުޖޭ) ބުނެފި އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުޖޭ ބައިވެރިވީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ގެ ބަދަލުގަ އެވެ. އަކްރަމް ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރި ނަމަވެސް މެޗުގައި ކުޅެވޭނެ އެވެ.

ސެގާޓް ޓީމާ ހަވާލުވި ފަހުން ރާއްޖެ ކުޅުނު ވާދަވެރި ހުރިހާ މެެޗެއްގައި ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުނު މުޖޭ ބުނީ ސެމީ އަށް ޓީމުގެ ހުރިހާ ތައްޔާރީތައް ވަރަށް ރަނގަޅު ކަމަށެވެ.

"ފުރަތަމަ ކަމަކަށް ސެމީ ފައިނަލުން ޖާގަ ލިބުނީތީ ހެއްދެވި ފަރާތަށް ޝުކުރު އަދާކުރަން. އިންޝާﷲ އަހަރެމެންނަށް ނޭޕާލާ ދެކޮޅަށް ރަނގަޅު މެޗެއް ކުޅެވޭނެ. ޓީމު އޮތީ ތައްޔާރަށް. ޕްރެކްޓިސްތައް ވެސް ދަނީ ވަރަށް ރަނގަޅަށް. ޓީމުގެ ހުރިހާ ކަމެއް މި ވަގުތު އޮތީ ވަރަށް ރަނގަޅަށް،" މުޖޭ ބުންޏެވެ.

އޭނާ "މިހާރަ"ށް ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަމާޒަކީ ކުރިން ދެ މެޗު ހަނދާން ނައްތާލައި މިއަދުގެ ސެމީ ފައިނަލުން މޮޅުވެ ފައިނަލުގެ ފުރުސަތު ހޯދުމަށް ކަމަށެވެ.

އިންޑިއާގެ އަނިރޫދް ތާޕާ (ވ) ހުއްޓުވަން މުޖޭ މަސައްކަތްކުރަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ
އިންޑިއާގެ އަނިރޫދް ތާޕާ (ވ) ހުއްޓުވަން މުޖޭ މަސައްކަތްކުރަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ

"އަޅުގަނޑުމެން ހުރިހާ ކުޅުންތެރިންގެ އެދުމެއް މި ޓީމަށް އެންމެން ސަޕޯޓްކުރުމަކީ،" މުޖޭ ބުންޏެވެ.

އުމުރުން 26 އަހަރުގެ މުޖޭ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ މީގެ ހަތަރު އަހަރު ކުރިން އިޗިއޮންގައި އޮތް އޭޝިއަން ގޭމްސްގައި ވާދަކުރި 23 އަހަރުން ދަށުގެ ޓީމުންނެވެ. އޭގެ ފަހުން ގައުމީ ޓީމުން އެކި ފަހަރު ފުރުސަތު ލިބުނު ނަމަވެސް ފައިނަލް ސްކޮޑުގައި ހިމެނޭ ގޮތެއްނުވި އެވެ.

ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއާ އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ކޯޗުކަމުގައި ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި މުޖޭ ފަހުން ބަދަލުވީ ކްލަބް އީގަލްސް އަށެވެ. އެ ޓީމުގައި އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ އިރުޝާދުގެ ދަށުން ރަނގަޅު ކުޅުމެއް ދެއްުކުމަށް ފަހު މިހާރު އޭނާ ކުޅެމުން އަންނަނީ މާޒިޔާ އަށެވެ.

އެންމެ ފަހުން ކުޅުނު ދެ ސެމީ ފައިނަލުގައި ނޭޕާލުން ރާއްޖެ އަތުން މޮޅުވިއިރު، ފުރަތަމަ ސެމީގައި 2016 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު ގޯލްޑް ކަޕްގެ ސެމީ ފައިނަލުން އެ ޓީމު ވަނީ ރާއްޖެ އަތުން 4-1 އިން މޮޅުވެފަ އެވެ. އަދި އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޒުވާން ޓީމު އަތުން ފަހު ވަގުތު ނޭޕާލް މޮޅުވީ 4-3 އިންނެވެ.

އެކަމަކު ސާފްގެ ތާރީހަށް ބަލާއިރު އަދިވެސް ކުރީގައި އޮތީ ރާއްޖެ އެވެ. ނޭޕާލުން ވަނީ ސާފްގައި ރާއްޖެއާ ދެކޮޅަށް ހަ މެޗު ކުޅެފަ އެވެ. އޭގެތެރެއިން ހަތަރު މެޗުން ބަލިވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ނޭޕާލާއި ރާއްޖެ ކުޅޭ މިއަދުގެ ސެމީ މެޗު ފަށާނީ ރާއްޖެ ގަޑިން 3 ޖަހާއިރު އެވެ.