އޭއެފްސީ ޖާގަ ގެއްލުން: ޒިންމާ ނުނެގުމާއި އިހުމާލު

އޭއެފްސީން 2004 ވަނަ އަހަރު ތައާރަފް ކުރި އޭއެފްސީ ކަޕަކީ ރާއްޖޭގެ ކްލަބްތަކަށް ބައިނަލްއަގްވާމީ މައިދާނުގައި ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށާއި މާލީ ގޮތުން ފައިދާ ހޯދަން ލިބުނު ރަނުގެ ފުރުސަތެކެވެ. ރާއްޖޭގެ ދެ ކްލަބަށް މި މުބާރާތުން ފުރުސަތު ލިބޭތީ ނިސްބަތުން ގިނަ ކުޅުންތެރިންތަކެއް ވަނީ މި މުބާރާތުގެ ތެރެއިން އެހެން ހަރުފަތަކަށް އަރައިފަ އެވެ. އަދި 2005 ވަނަ އަހަރު ނިއު ރޭޑިއަންޓުން މުބާރާތުގެ ތިން ވަނަ ހޯދައި ބޮޑު މާލީ ފައިދާއެއް ނެރެ، ފުރަތަމަ ފަހަރަށް ފައިދާގައި ސީޒަން ނިންމާލި އެވެ. އެކަމަކު އަންނަ އަހަރު ރާއްޖޭގެ ކްލަބްތަކަށް މި މުބާރާތުން ފުރުސަތެއް ނެތެވެ. ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކްލަބް ލައިސަންސް ނުލިބޭތީ އެވެ.


ކްލަބް ލައިސަންސިން ކަންތައްތައް ފުރިހަމަ ކުރަން ކަނޑައަޅާފައި އޮތް އެންމެ ފަހުގެ މުއްދަތަކީ މިދިޔަ މަހުގެ 31 ވަނަ ދުވަހެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން ރާއްޖޭގެ ކްލަބްތަކުން ލިޔެކިއުންތައް ހަމަނުވާ ކަމަށް ބަލާފައި އޭއެފްސީން ވަނީ ރާއްޖެ އަށް ފުރުސަތު ނުދޭން ނިންމައިފަ އެވެ. އެ ސިސްޓަމް އަލުން ހުޅުވައިދޭން އެފްއޭއެމުން އެދުނު ނަމަވެސް އޭއެފްސީ އެކަން ކޮށްނުދިނެވެ. އަދި މިހާރު ވަނީ ރާއްޖޭގެ ކްލަބްތައް ނުލައި މުބާރާތުގެ ގުރުއަތުލުން ވެސް ބާއްވައިފަ އެވެ.

ކްލަބް ލައިސަންސިން އަކީ ކޮބާ؟

އޭއެފްސީން އަންނަނީ މީގެ އަހަރުތަކެއް ކުރިން ކްލަބްތައް ހިނގުން ހަރުދަނާ ކުރުމުގެ ގޮތުން ކްލަބް ލައިސަންސިން ސިސްޓަމެއް ތައާރަފްކޮށްފަ އެވެ. އޭގެ މައުލޫމާތު ދިނުމަށް ގިނަ ޕްރޮގްރާމްތަކެއް ވެސް އޭއެފްސީގެ އޮފިޝަލުން ފޮނުވައިގެން ވަނީ ހިންގައިފަ އެވެ. އަދި އެފްއޭއެމްގައި އެކަމަށް ހާއްސަކޮށް އޮފިޝަލެއް ވެސް ހަމަޖައްސާފައިވެ އެވެ. ތަފާތު އެކި ޓްރެއިނިންތައް ވެސް އެ އޮފިޝަލަށް ވަނީ ދީފަ އެވެ. އަދި ކްލަބްތަކަށް ވެސް ޕްރޮގްރާމް ވަނީ ހިންގައިފަ އެވެ.

ކްލަބް ލައިސަންސިންގައި ރާއްޖޭގެ ކްލަބްތައް ހިމަނައިފައިވަނީ ފުރަތަމަ ކްރައިޓީރިއާގަ އެވެ. ކްލަބް ލައިސަންސިންގައި އޮންނަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިފަ އެވެ. އެއީ ސްޕޯޓިން، އިންފްރާސްޓްރަކްޗާ، ލީގަލް އަދި ފައިނޭންޝިއަލް އެވެ. މި ބައިގެ ދަށުން އެކި ބައިތަކެއް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ކުޅުންތެރިންގެ މެޑިކަލް ކަންތައްތައް ފުރިހަމަވުމާއި ކްލަބްގެ މާލީ ރިޕޯޓާއި އެކެޑަމީ ޕްލޭނާއި އަދި އޭގެ އިތުރުން ވެސް އެކި އެކި ކަންތައްތަކާ ބެހޭ ލިޔެކިއުންތައް ހުށަހަޅަން ޖެހެ އެވެ.

ކްލަބް ލައިސަންސިންގައި ކްލަބްތަކުން ފުރިހަމަ ކުރަން ޖެހޭ ބައިތަކުގެ އިތުރުން އެފްއޭއެމް އިން ވެސް ބައެއް ފުރިހަމަ ކުރަން ޖެހެ އެވެ. އޭގެ ތެރޭގައި އިންފްރާސްޓްރަކްޗާ ބައިގައި ހިމެނޭ ހޯމް މެޗުތައް ކުޅޭ ދަނޑުގެ ބައި ވެސް ހިމެނެ އެވެ. ރާއްޖޭގެ ކޮންމެ ޓީމެއް އޭއެފްސީ ކުޅުނަސް ހޯމް މެޗުތައް ކުޅެނީ ގަލޮޅު ދަނޑުގައި ކަމަށްވާތީ އެ ދަނޑުގެ ލިއެކިއުންތަކެއް ހުށަހަޅަން ޖެހޭއިރު އެއީ ކްލަބްތަކަށް ވުރެން އެފްއޭއެމަށް ލިބޭނެ ލިއެކިޔުންތައް ކްލަބްތަކުން ގަބޫލުކުރެ އެވެ.

މި އަހަރު ރާއްޖޭގެ ދެ ޓީމުން އޭއެފްސީ ކަޕްގައި ކުޅުނެވެ. ނިއު ރޭޑިއަންޓް ގްރޫޕް ސްޓޭޖުގައި ކުޅުނުއިރު، ކޮލިފައިން ބުރުގައި ޓީސީ ސްޕޯޓްސް ކްލަބް ވަނީ ކުޅެފަ އެވެ. މި އަހަރު އޭއެފްސީން ލުއިތަކެއްދީ ކްލަބް ލައިސަންސިން ގިނަ ކަންތައްތަކެއް ފުރިހަމަ ނުވެ ހުއްޓަސް އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުސަތު ދިނީ ޖެހިގެން އަންނަ އަހަރަށް ކަންތައްތައް ރަނގަޅުކުރާނެ ކަމުގެ އުއްމީދުގަ އެވެ.

އެފްއޭއެމުން ބުނީ ކްލަބް ލައިސަންސިން ކަންތައް ފުރިހަމަ ކުރުމަށް ކޮންމެ ކްލަބަކުން ހާއްސަ އޮފިޝަލެއް ހުންނަން ޖެހޭ ކަމަށެވެ. އެ އޮފިޝަލް އޭއެފްސީގެ ކްލަބް ލައިސަންސިން ސިސްޓަމް (ކްލާސް) އަށް އެ ކްލަބަކަށް ދީފައިވާ ހާއްސަ ލޮގިން އަކުން ހުރިހާ ލިޔެކިއުންތަކެއް އަޕްލޯޑް ކުރަން ޖެހޭނެ ކަމަށެވެ.

ކްލަބްތަކުން ހުރިހާ ލިޔެކިއުންތަކެއް ކްލާސް އަށް އަޕްލޯޑް ކުރުމުން އެ ހިސާބުން ހުރިހާ ކަމެއް ނުނިމެ އެވެ. އެއީ ކްލަބްތަކުން ފޮނުވާ ލިއުންތައް ސައްހަތޯ ބަލައި އެ އެޕްރޫވްކުރުމުން މެނުވީ އޭއެފްސީ އަށް އެ ލިއުންތައް ނުލިބޭނެތީ އެވެ. އޭގެ މާނަ އަކީ ލިއެކިއުންތައް ހަމަކުރިޔަސް ނުކުރިޔަސް މީގެ ފަހު ބަސް ބުނާ ފަރާތަކީ އެފްއޭއެމް ކަމެވެ.

މި އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ނިއު ކުޅުނު މެޗެއްގެ ތެރެއިން ސަޕޯޓަރުން ޓީމަށް ހިތްވަރުދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު" އާ ވާހަކަ ދެއްކި ބައެއް ކްލަބްތަކުން ބުނީ ލިޔެކިއުންތައް ފޮނުވުމުން އެ އެޕްރޫވްކޮށް އޭއެފްސީ އަށް ހަމައަށް އެ ފޯރުކޮށްދިނުމުގެ ފަހު ޒިންމާ އޮތީ އެފްއޭއެމް ކޮނޑުގައި ކަމަށާއި އެހެންވެ، މި ކަމުގައި އެފްއޭއެމާއި ކްލަބްތަކުގެ ވެސް އިހުމާލު ވެސް އެބައޮތް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އެފްއޭއެމުން މީގެ ކުރިން ބުނެފައިވަނީ ކްލަބް ލައިސަންސިން ކަންތައްތައް އެންމެ ރަނގަޅަށް ފުރިހަމަކުރީ މާޒިޔާ ކަމަށާއި ފުރުސަތު ލިބުނަސް މާޒިޔާ އަށް ކުޅެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެފްއޭއެމުން އޭރު ފާހަގަކުރީ މާޒިޔާ އިން ހަތަރު ކުޅުންތެރިއެއްގެ މެޑިކަލް ރިޕޯޓް ހުށަހަޅާފައި ނެތް ކަމެވެ. އެކަމަކު "މިހާރަ"ށް ވާހަކަ ދެއްކި ބޭރު ޓީމެއްގެ އޮފިޝަލަކު ބުނީ ހަމައެކަނި ހަތަރު ކުޅުންތެރިންގެ މެޑިކަލް ރިޕޯޓް ހުށަނާޅައިގެން ފުރުސަތު ނުދޭނެ ކަމަށް ގަބޫލުކުރެވެން ނެތް ކަަމަށެވެ.

ރާއްޖޭގައި ކްލަބް ލައިސަންސިންގެ މަސައްކަތް އެންމެ ބޮޑަށް ކުރީ މާޒިޔާ އާއި ނިއު އަދި ޓީސީން ކަން އެފްއޭއެމުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެހެން ޓީމުތަކުގެ ތެރޭގައި ކްލަބް ލައިސަންސިންގެ މަސައްކަތް އެންމެ ފުރިހަމަ އަށް ނުކުރީ އޭއެފްސީ ކަޕަށް އެ ޓީމުތައް ކޮލިފައިނުވާނެކަމަށް މާކުރިން ނިންމައިގެން ތިބުމުންނެވެ.

އޭއެފްސީން ވަނީ އޭއެފްސީ ކަޕްގެ ފޯމެޓަށް 2016 ވަނަ އަހަރު ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެއީ ދެ ޒޯނަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެންދާ ގޮތަށެވެ. އޭގެ ފަހުން މުބާރާތުގައި ދެކުނު އޭޝިއާގެ ޓީމުތައް ވާދަކުރަނީ މި ސަރަހައްދުގެ ޓީމުތަކަށް ހާއްސަކޮށްފައި އޮތް ގްރޫޕުގަ އެވެ. ރާއްޖެ އާއި ޕާކިސްތާން ނުލައި މި ސަރަހައްދުގެ ހުރިހާ ގައުމަކަށް ވަނީ އޭއެފްސީ ކަޕުން ފުރުސަތު ލިބިފަ އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން މި ފަހަރު ރާއްޖެ އަށް އޮތް ޖާގަ ދިނީ ނޭޕާލަށެވެ. މިއީ އެ ގައުމުގެ ފުޓްބޯޅަ އަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ. އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖެ 2020 ގެ މުބާރާތުގައި ވާދަކުރާއިރު ދެ ޖާގައިގެ ބަދަލުގައި އެންމެ ޖާގައެއް ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ހުރިހާ ގެއްލުމެއް ކުޅުންތެރިންނަށް!

ކުޅުންތެރިން ކޮންމެ އަހަރަކު ކްލަބް ބަދަލުކުރާއިރު އެންމެ ބޮޑަށް ބަލަނީ އޭއެފްސީ ކަޕްގައި ވާދަކުރާ ކްލަބަކަށް ބަދަލުވުމަށެވެ. ސަބަބުތައް ބައިވަރެވެ. ބައިނަލްއަގްވާމީ ތަޖުރިބާ ގިނަކޮށް ގައުމީ ޓީމުން ފުރުސަތު ހޯދުމުގެ މަގުސަދުގައި ވެސްމެ އެވެ. އޭއެފްސީ ކަޕްގައި ކުޅެލުމުގެ ފުރުސަތު ރާއްޖޭގެ ކްލަބްތަކަށް ގެއްލުމުން އޭގެ ހަގީގީ އެންމެ ބޮޑު ގެއްލުން ލިބެނީ ކުޅުންތެރިންނަށެވެ، މި ފަހަރުގެ ލީގު ކާމިޔާބުކުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސަައިފް އަތުން މޮޅުވުމަށް ފަހު ޓީސީގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިސާލަކަށް ގައުމީ ޓީމުގެ 22 ކުޅުންތެރިންގެ ތެރެއިން 18 ނޫނީ 19 ކުޅުންތެރިންނަށް އެންމެ ގިނަ ވެގެން ކުޅެލަން ފުރުސަތު ލިބެނީ. ދެން ތިބި ހުރިހާ ކުޅުންތެރިންނަށް މި ފުރުސަތު މި ގެއްލެނީ. މި އަހަރު އިންގޮތުން ވިއްޔާ ޕްލޭއޮފާ އެކު ދޭއް ނޫނީ ތިން ޓީމަކަށް ފުރުސަތު ލިބޭ ގޮތަށް އޮތީ. އެކަމަކު އެކަން ނުވީމަ މި ގެއްލުނީ ގާތްގަނޑަކަށް 60 ކުޅުންތެރިންގެ އިންޓަނޭޝަނަލް އެކްސްޕޯޝާ. އެކަމުގެ އަސަރު ދިވެހި ފުޓްބޯޅަ އަށް ކުރާނެ އެއީ ޔަގީންކަމެއް،" ނިޒާމްބެ ބުންޏެވެ.

"މިހާރަ"ށް ވާހަކަ ދެއްކި ކުޅުންތެރިޔަކު ބުނީ އެކަށީގެންވާ ވަރަށް މުބާރާތެއް ކުޅެން ނުލިބުމުގެ މާޔޫސްކަން އޮއްވައި އޭއެފްސީ ކަޕް ގެއްލުނު ހަބަރާ އެކު އަންނަ އަހަރާ މެދު ކުރި އުއްމީދުތައް ވެސް ފެނަށް ދިޔައީ ކަމަށެވެ.

"ކޮންމެ ސަބަބަކާ ހުރެ ނަމަވެސް މި އަހަރު ނެތް އެފްއޭ ކަޕެއް. ޕްރެޒިޑެންޓްސް ކަޕެއް. އެހެން އޮއްވައި މި އިނގެނީ އަންނަ އަހަރު އޭއެފްސީ ކަޕް ކުޅެވެން ނެތްކަން. އެ ދިޔައީ އަންނަ އަހަރަށް ކުރާ އުއްމީދުތައް ފެނަށް. އޭއެފްސީ ކަޕަކީ ރާއްޖޭގެ ކުޅުންތެރިން އެންމެ ބޮޑު ސަމާލުކަމެއްދޭ މުބާރާތް. އެ ނެތިއްޔާ ގައުމީ ޓީމު ކުޅުންތެރިންނަށް ވެސް ގެއްލުން ވާނެ،" އެ ކުޅުންތެރިއާ ބުންޏެވެ.