ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

މާޒިޔާ އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި

މާޒިޔާގެ އިމްރާހް (ވ) ގްރީން ސްޓްރީޓްސްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

05 ފެބުރުއަރީ 2019 - 19:49

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ގްރީން ސްޓްރީޓްސް އަތުން 1-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

ގްރީން ސްޓްރީޓްސް އަކީ މިދިޔަ އަހަރު 19 އަހަރުން ދަށަށް ހާއްސަކޮށްގެން މި މުބާރާތް ބޭއްވިއިރު، ޗެމްޕިއަންކަން ހޯދި ޓީމެވެ.

މާޒިޔާގެ ޓީމުގެ ކެޕްޓަނަކަށް ހުރީ ގައުމީ ޓީމުގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ. އަނެއްކޮޅުން ގްރީން ސްޓްރީޓްސްގެ ބޭންޑް އަޅައިގެން ކުޅުނީ ގައުމީ ޓީމުގެ އަބްދުﷲ ޔާމީން (ޔާން) އެވެ. ގްރީން ސްޓްރީޓްސްގެ ޓީމުގައި މިދިޔަ އަހަރު ވިކްޓަރީ އަށް ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ހާޒިމް ފައުޒީ އާއި މިރާހު މުހައްމަދު (މިރަޓީ) ހިމެނެ އެވެ.

މެޗު ފަށައިގެން 10 ވަނަ މިނިޓްގައި މާޒިޔާގެ މުހައްމަދު ޝަޒާން ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ގައިގައި ޖެހިފައި ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ގްރީން ސްޓްރީޓްސްގެ ފޯވާޑް އަހުމަދު ތޮލާލް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދޭން މެޗުގެ 27 ވަނަ މިނިޓްގައި ޔާން މާޒިޔާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ވަދެ ފޮނުވާލި ބޯޅަ ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 32 ވަނަ މިނިޓްގައި ކާމިޔާބުކުރީ އިބްރާހިމް އިމްރާހް އެވެ. ކައިރީގައި ހުރި ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ލީޑުފުޅާކުރަން މެޗުގެ 37 ވަނަ މިނިޓްގައި މާޒިޔާގެ ޔާމީން އަށް ލިބުނު ފުރުސަތުން އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ހުސްކޮށް ވަދެ ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު އިބްރާހިމް އަޒްލީމް ވަނީ ހުއްޓުވައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ގްރީން ސްޓްރީޓްސް އިން ފުރަތަމަ ކޮޅުގައި ކުރިއަށް ޖެހިގެން ރަނގަޅު އެޓޭކްތަކެއް އުފެއްދި އެވެ. އެ ގޮތުން މެޗުގެ 62 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ޔާން ޖެހި ބޯޅަ ކީޕަރު ހުސެން ވަނީ ހުއްޓުވައިފަ އެވެ.

މި ހާފުގައި މާޒިޔާ އަށް ލަނޑެއް ޖަހައިދޭން ފުރަތަމަ ފުރުސަތު ލިބުނީ އެ ޓީމުގެ މެދުތެރެއަށް ކުޅުނު މުހައްމަދު އަހަދުﷲ އެވެ. އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ އެއް ފަހަރުން ފޮނުވާލަން މަސައްކަތްކުރިއިރު، އޭނާ ފައިގައި އެ ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ. އޭގެ ފަހުން މެޗުގެ 80 ވަނަ މިނިޓްގައި މާޒިޔާގެ މުހައްމަދު ސާހިލް ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

މާޒިޔާގެ ކޯޗު އަހުމަދު ސުޒޭރު ބުނީ ގްރީން ސްޓްރީޓްސް އަކީ އެންމެ ފަހުގެ ޗެމްޕިއަން ކަމަށާއި މެޗަށް ނުކުތްއިރު ވެސް މިއީ އުނދަގޫވާނެ މެޗެއްކަން އެނގޭ ކަމަށާއި މޮޅަކުން ފެށުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ކިޔަވާ ކުދިން ޓީމުގައި ގިނަ ވުމުން ހުރިހާ ކުޅުންތެރިން އެކުގައި ޕްރެކްޓިސްކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް މުޅި ސްކޮޑަށް ބަލާއިރު ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަޝްރަފު ލުތުފީ (ސަމްޕަތު) ބުނީ މެޗުގައި އޭނާގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި މާޒިޔާގެ ކޮޅަށް ނަތީޖާ އެނބުރުނީ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިންނަށް ހެދުނު އެންމެ ގޯހެއްގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ކުޅުން ރަނގަޅުކުރާނެ ކަމަށް ބުންޏެވެ.

ފަސް ޓީމު ވާދަކުރާ މި ގްރޫޕުގެ ދެ ވަނަ މެޗުގައި މިރޭ ކްލަބް އީގަލްސް ނުކުންނާނީ ކްލަބް އޭދަފުށްޓާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454