ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ލީޑަޝިޕް މިހާރު އޮތްގޮތުން ރާއްޖޭގެ ވޮލީބޯޅަައިގައި މިސްރާބެއް ނެތް ކަމަށާއި އިންތިހާ އަށް ކަންބޮޑުވާންޖެހޭ ކަންތައްތައް އެބަހުރި ކަމަށް އެ ކުޅިވަރުގެ ތަޖުރިބާކާރުންތަކެއް ބުނެފި އެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު މާޗް މަހު މުހައްމަދު ރިޔާޒް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންވެފައިވަނިކޮށް، އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، ސްޕޯޓްސް ކޮމިޝަނާއި ހޯމް މިނިސްޓްރީން އިންތިހާބު ކެންސަލްކުރުމުން ބޭއްވި އިންތިހާބު ކާމިޔާބުކޮށް މަގާމާ ހަވާލުވެވަޑައިގަތީ މިހާރުގެ ރައީސް މުހައްމަދު ލަތީފް އެވެ.

ލަތީފްގެ ލީޑާޝިޕްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ބޮޑު އެއް ކަމަކީ އެކި މަގާމްތަކުގައި މީހުން ހަރުނުލުމެވެ. މިހާރުގެ ހާލަތަށް ބަލާނަމަ ލަތީފް އިންތިހާބު ކާމިޔާބު ކުރެއްވިއިރު، އޭނާގެ ޓީމުގައި ހިމެނުނު ގިނަ ބަޔަކު ވަނީ މަގާމުން ދުރުވެފަ އެވެ. އެކަމާ ބެހޭގޮތުން ލަތީފް ވިދާޅުވީ "އިސްތިއުފާދީފައި ދިޔަ ފަރާތްތަކަކީ މަގާމުގެ ޒިންމާ އަދާނުކުރެވިގެންދިޔަ ފަރާތްތައް" ކަމަށެވެ.

ލަތީފްގެ ދައުރުގެ ކުރީކޮޅުގައި އެސޯސިއޭޝަނުގެ ގިނަ ޒިންމާތަކެއް އަދާކުރި މަޝްހޫރު ކޯޗު މުހައްމަދު ޝަރަފް "މިހާރަ"ށް ބުނީ ވޮލީބޯޅަ އާއިލާގެ އެންމެންގެ އެހީތެރިކަން ލަތީފަށް ލިބުނު ކަމަށާއި އެ އެންމެން ދުރުވީ ކީއްވެތޯ އެއީ ސުވާލެއް ކަމަށެވެ.

"ވަރަށް ސާފުކޮށް އެގެން އޮތް ކަމެއް އެއީ ލަތީފަށް ލިބުނު ވޮލީގެ އާއިލާގައި އުޅޭ ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން. އެކިއިރު އެކި ފަރާތްތަކުން ލަތީފްގެ ދައުރުގައި ވޮލީގެ ކުރިމަގަށް މަސައްކަތްކުރި ބައިވެރި ވެސް ވި. މީގެ ސުވާލަކީ ކީއްވެތޯއޭ އެންމެނަށް ލަތީފާ އެކު މަސައްކަތް ނުކުރެވުނީ. ހުރިހާ ފަރާތްތަކުން ވެސް އެއްކައިރިވާންޖެހުނު ސަބަބެއް އޮންނާނެ،" ރާއްޖެ އަށް ވޮލީން ރިހި މެޑަލް ގެނެސްދިން ކޯޗު ޝަރަފް ބުންޏެވެ.

ލަތީފްގެ ދައުރުގައި އެންމެ ބޮޑު ބަދަލެއް އައި އެއް މަގާމަކީ ޖެނެރަލް ސެކްރެޓަރީގެ މަގާމެވެ. އެ މަގާމަށް މި ދައުރުގައި ހަތަރު މީހަކު ވަނީ ހަމަޖައްސައިފަ އެވެ. ޝަރަފް ބުނީ ޒިންމާދާރު މަގާމުތައް އެކި ފަރާތްތަކާ ހަވާލުކުރެވުނު ނަމަވެސް އޮންނަ އުސޫލުގެ ތެރެއިން ކަންތައްތައް ނުދާނަމަ އެއްވެސް މަސައްކަތެއް ރަނގަޅަށް ނުކުރެވޭނެ ކަމަށެވެ.

ގައުމީ ޓީމުގެ ނަތީޖާތަށް ދަށްވުން، ބޮޑު މާޔޫސްކަމެއް

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން 2013 ވަނަ އަހަރު ރިހި މެޑަލް ހާސިލްކޮށް އޭގެ ފަހުން ފައިނަލްގައި ކުޅެ، އޮތީ ވަރަށް ބޮޑަށް ރަން މެޑަލަކަށް އަމާޒުހިފައިފަ އެވެ. ވީއޭއެމްގެ މި ދައުރުގައި ފިރިހެން ވޮލީ ޓީމު ކުރިމަތިލި ފުރަތަމަ މުބާރާތަކީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން މުބާރާތެވެ. ރަން މެޑަލަށް އަމާޒުހިފައި ސްރީލަންކާގެ ކޯޗު ކުމާރް ވެންޑަކޫންގެ ކޯޗުކަމުގައި އެ މުބާރާތުން ރާއްޖެ އަށް ތިން ވަނަ ލިބުނުއިރު، އޭގެ ފަހުން ކުޅުނު ދެ މުބާރާތުން މޮޅެއް ނުލިބެ އެވެ. އޭގެ ތެރޭގައި 2017 ވަނަ އަހަރު މާލޭގައި އޮތް ސެންޓްރަލް ޒޯން މުބާރާތް ވެސް ހިމެނެ އެވެ. އެ މުބާރާތުގައި ޓީމުގެ ކޯޗަކީ ޝަރަފެވެ.

ގައުމީ ޓީމުތަކުގެ ނަތީޖާތައް ރަނގަޅު ކުރުމަށާއި ރިފޯމްކުރުމަށް ކަމަށް ބުނެ، ލަތީފް ވަނީ މީގެ ދެ އަހަރު ކުރިން ގައުމީ ޓީމުތަކަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެއީ ގައުމީ ޓީމުގެ ކަންތައްތައް ހަރުދަނާ ކުރުމަށް ކަމަށް ބުނެ އެޅި ފިޔަވަޅެއްކަމަށް ލަތީފް އޭރު ވިދާޅުވި އެވެ. ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ކުރީގެ ކޯޗު މުހައްމަދު އަނީސް (ތަރި އަނީސް) އެވެ.

އަނީސް "މިހާރަ"ށް ބުނީ ގައުމީ ޓީމުގެ ކަންތައްތައް ރަނގަޅު ކުރަން ހެދި ކޮމިޓީ އަކީ އެއްވެސް ރޭވުމެއްނެތި "ނަމެއްގައި" ކުރި ކަމެއް ކަމަށެވެ.

"މަސައްކަތްކުރާ ކަމަށް ބުނެ ކޮމީޓިއެއް ހަދާފައި މީޑިއާ އަށް ދިނުމެއް ނޫން މި އޮންނަނީ. މަޝްވަރާކޮށްގެން ކަންތައްތައް ރަނގަޅުކުރުން އޮތީ. އެކަމަކު މި ކޮމިޓީ އަށް ކަންތައްތައް ހިއްސާ ކުރުމުގެ ކުރިން ކަންތައްތައް އޮންނަނީ ނިމިފައި. އެހެންވީމަ މި ކޮމިޓީގެ ބޭނުމެއް ނެތް. ކޮމިޓީ އަކަށް ފަހު ކޮމިޓީ އެއް އަޔަސް ބޭނުމެއް ނުހިފާ. މި ކޮމިޓީ އަކީ ވެސް ނަމެއްގައި އޮތް އެއްޗެއް،" އަނީސް ބުންޏެވެ.

ވީއޭޭއެމުން މި ދައުރުގައި އެންމެ ވަރުގަދަ އަށް ކުރާނެ ކަމެއް ކަމަށް ބުނި އެއް ކަމަކީ ވޮލީގެ އިސްލާހީ އެޖެންޑާ އެވެ. އިސްލާހީ އެޖެންޑާ މީގެ ދެ އަހަރު ކުރިން އިއުލާނުކުރި ނަމަވެސް އޭގެން ކުރި ފައިދާއެއް ނެތެވެ. ކްލަބްތަކާއި ކުޅުންތެރިންގެ ހާލަތަށް ބަދަލެއް ނާދެ އެވެ.

"އިސްލާހީ އެޖެންޑާގެ މަސައްކަތެއް ކުރެވޭނެ މާހައުލެއް ނެތް. ކޮމިޓީތަކުގައި ތިބި މީހުންގެ މަސްއޫލިއްޔަތެއް ނެތް. ކޮމިޓީ އަށް މީހުން އައްޔަންކުރެވޭ ގޮތެއް ނޭނގޭ. ކޮމިޓީތައް ހެދީ ހަމައެކަނި މީޑިއާ އަށް ނަން އަރުވާލަން. މިއީ ކަންތައްތައް ހިނގާފައިހުރި ގޮތް،" 2017 ވަނަ އަހަރުގެ އިންޓަ ރިސޯޓުގެ ތެރެއިން ވީއޭއެމްގެ މަގާމުތަކުން ވަކިވި ޝަރަފް ބުންޏެވެ.

ކުޅުންތެރިން ނުއުފެއްދޭ، މުބާރާތްތަކުގެ ފެންވަރު ދަށް

މީގެ ހަތް ވަރަކަށް އަހަރު ކުރިއަށް ބަލާނަމަ އަބަދުވެސް ގައުމީ ޓީމަށް ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް އަންނަކަމަށް ޝަރަފް ފާހަގަކުރި އެވެ. އެކަމަކު ފަހަކަށް އައިސް ފެންނަނީ ގައުމީ ޓީމަށް ރަނގަޅު ޒުވާން ކުޅުންތެރިޔަކު ވެސް ނުފެނިދާތަން ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ މިހާރު އޮތް ލީޑަޝިޕާ ކުޅުންތެރިންނާ ދެމެދު އޮންނަ ގުޅުން ވެސް ކުޑަވުމުގެ އިތުރުން ކުރިމަގަށް ކުރެވޭ މަސައްކަތުގައި މަގުސަދެއް ނެތި ދިއުން ކަން ޝަރަފް ފާހަގަކުރި އެވެ.

"މީގެ ކުރިން އަބަދުވެސް ޒުވާން ކުޅުންތެރިން ގައުމީ ޓީމަށް އަންނާނެ. ވައިޑީޕީގެ ތެރެއިންނާއި އެހެން ގޮތްގޮތުން. މިހާރު އޮތީ އެކަން ވެސް ހުއްޓިފައި. ދެން އަނެއްކޮޅުން ބަލާކަމަށްވާނަމަ މިހާރުގެ ލީޑަޝިޕާ ކުޅުންތެރިންނާ އޮންނަ ގުޅުން ދުރު. ކުޅުންތެރިން ވެސް އެކަން ފާހަގަކުރޭ. ގައުމީ ކޯޗަކަށް ހުރިއިރު އެކަން އަހަންނަށް ވެސް ފާހަގަ ވެސް ކުރެވުނު. ކުޅުންތެރިންނަށް ލިބޭ އުޖޫރަ އެތައް ގޮތަކުން ކުޑަ ވެސް ވެއްޖެ،" ޝަރަފް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޝަރަފް ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޝަރަފް ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިސާލަކަށް ބަލަމާ އިންޓަ ރިސޯޓް މުބާރާތް. ކުރިން ކުޅުންތެރިންނަށް މުޅި އަހަރަށް މުސާރަ ލިބޭ އެ މުބާރާތުގެ ތެރެއިން. ހަމައެކަނި ތިން މަހަށް މުސާރަ ލިބެނީ. މިއީ ކުޅުންތެރިންނަށް ބަލާއިރު އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެއް. އެންމެ ފޯރިގަދަކޮށް އޮތް އެ ރިސޯޓް މުބާރާތް މިހާރު އެ ނެތިގެން ދަނީ އިންތިޒާމް ދަށްވުމާއި ރިސޯޓްތަކުން މި މުބާރާތާ މެދު އޮތް އިތުބާރު ގެއްލިދާތީ. މިއީ ވެސް އެސޯސިއޭޝަނުގެ ހިންގުމުގައި ހުރި މައްސަލަތައް."

ވީއޭއެމުން ބާއްވަމުން އަންނަ މުބާރާތްތަކުގެ ފެންވަރު އަހަރަކަށް ވުރެން އަހަރެއް ދަށްވާ ކަމަށާއި އެކަން ފެނިގެންދަނީ މުބާރާތްތަކަށް ލިބޭ ސްޕޮންސަރުންގެ އަދަދު މަދުވެ، ޓީމުތަކުން މުބާރާތްތަކަށް ތައްޔާރުވުމުގައި އުފުލަންޖެހޭ ބުރަ އިތުރުވުމުންކަން ޝަރަފް ފާހަގަކުރި އެވެ. އަދި މުބާރާތްތައް ތާވަލުކުރާގޮތަށް ކުރިއަށްނުދާ ކަމަށާއި ބައެއް މުބާރާތްތައް ކެންސަލްކުރަން ޖެހުމަކީ އެސޯސިއޭޝަނަށް ޒިންމާ އަދާނުކުރެވުން ކަމަށް ޝަރަފް ބުންޏެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ވޮލީބޯޅަ އަށް 50 އަހަރު ފުރުނު އަހަރު ކަމަށްވީއިރު، ވޮލީގެ ހައްގުގައި އެންމެ ބޮޑަށް މަސައްކަތްކުރަން ޖެހޭ ފަރާތް ކަމަށްވާ އެސޯސިއޭޝަނަށް ބޮޑު ކަމެއް ނުކުރެވުމަކީ ލިބުނު ވަރަށް ބޮޑު ދަރައެއްގެ ގޮތުގައި އަނީސް ސިފަކުރި އެވެ.

"މި ކިޔަނީ ދިވެހި ވޮލީބޯޅަ އަށް ޓަކައި އެތަކެއް މަސައްކަތްތަކެއް ކޮށްފައިތިބި އެތައް ގުރުބާނީއެއް ވެފައިތިބި ފަރާތްތަކުގެ ހައްގުގައި ބޮޑު ކަމެއް ފާހަގަކުރަން. ފަންސާސް އަހަރަކީ ވަރަށް ބޮޑަށް ފާހަގަކުރަންޖެހޭ ކަމެއް. އެކަމަކު އެކަން ވެސް ނުވި. ހަގީގަތުގައި ވޮލީބޯޅައިގެ ކަމެއްގައި ވޮލީގެ އިސް ފަރާތް ނޫޅޭނަމަ އެކަން ކުރެވޭނެ ގޮތެއް ނޯންނާނެ. މިއީ ވަރަށް ބޮޑު ވެއްޓުމެއް،" އަނީސް ބުންޏެވެ.

ގެއްލިފައި އޮތް އިތުބާރު އަލުން ވޮލީން ހޯދަންޖެހޭ

ތަފާތު އެކި ސަބަބުތަކާ ހުރެ ވޮލީގެ މިހާރުގެ ލީޑަޝިޕަށް ފާޑުކިޔުން އަންނަނީ އަމާޒުަވަމުންނެވެ. މިދިޔަ އަހަރު ވޮލީގެ އަހަރީ އާންމު ޖަލްސާގައި ފުރިހަމަ އެއް މެމްބަރު ކްލަބްގެ ހާޒިރުގައި ކުރިއަށް ގެންގޮސް އަސާސީ ގަވައިދަށް ބަދަލު ގެނެސް ވޮލީގެ ލޯގޯ އަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި އެ ލޯގޯ ކޮމިޝަނަ އޮފް ސްޕޯޓްސް އިން ރަޖިސްޓްރީ ނުކޮށްދެނިސް ވީއޭއެމުން ވަނީ ބޭނުންކޮށްފަ އެވެ. މިއީ ގައުމީ އެސޯސިއޭޝަނެއްގެ ފަރާތުން ފެނިގެންވާނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

"އަށާރަ ވަރަކަށް ކްލަބް ވޯޓް ލައިގެން ދެ އަހަރު ކުރިން ގެނައި ވޮލީގެ ލީޑަޝިޕެއްގައި ދެ އަހަރު ފަހުން އެއް ކްލަބް ލައިގެން އަހަރީ އާންމު ޖަލްސާ ބޭއްވީމަ ވޮލީގެ ހާލަތު އެބަ އެނގިގެންދޭ. އިރު އިރުކޮޅާ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ މަގާމުތައް އެކަކު ބޭނުންވާ ގޮތަށް ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" ވީއޭއެމްގައި މި ދައުރުގައި މަސައްކަތްކުރި އޮފިޝަލަކު "މިހާރަ"ށް ބުންޏެވެ.

އެނގިފައިވާ ގޮތުގައި ވީއޭއެމްގެ ލީޑަޝިޕަށް ބަދަލު ގެނެސް ރާއްޖޭގެ ދެ ޖިންސުން އެންމެ ގިނަ މީހުން ކުޅޭ ކުޅިވަރު ސަލާމަތްކޮށް ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދޭން ވޮލީ އާއިލާގައި އުޅޭ ގިނަ ފަރާތްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ވޮލީގެ މިސްރާބު ރަނގަޅަށް ކުރިއަށް ގެންދިއުމުގެ ގޮތުން ގޯސްކޮށް ހިނގާ ކަންތައްތައް ސަރުކާރުގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ. "މިހާރަ"ށް އެނގިފައިވާ ގޮތުގައި ވޮލީބޯޅައިގެ ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުންތައް ހިފައިގެން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ އަަރިހަށް ވެސް ގޮސްފަ އެވެ.

އިދާރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވޮލީގެ އެކި މައްސަލަތައް ވަނީ ފެނިގެން ގޮސްފަ އެވެ. މީޑިއާ އަށް ދައުވަތުނުދީ އެއް ކްލަބްގެ ހާޒިރުގައި އަހަރީ އާންމު ޖަލްސާ ބާއްވައި އަސާސީ ގަވައިދަށް ބަދަލު ގެނައުމާއި ސަރުކާރުގެ ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތާ ހިލާފު ސްޕޮންސަރުން ހިމަނައިގެން މުބާރާތް ބޭއްވުމުގެ އިތުރުން ފާސްނުކުރެވި އޮތް ލޯގޯއެއް ބޭނުންކޮށް ތަފާތު އިވެންޓްތައް ބޭއްވުން ފަދަ ކަންތައްތަކަކީ ސްޕޯޓްސް ކައުންސިލާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަދި ކުޅިވަރާ ބެހޭ މިނިސްޓްރީން ރަނގަޅަށް ބަލަންޖެހޭ ކަންތައްތައް ކަމަށް ވޮލީ އާއިލާގެ ގިނަ ބަޔަކު ދެކެ އެވެ.