ވޮލީގެ އާ ލޯގޯއާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް

ފުރިހަމަ މެމްބަޝިޕް ލިބިފައިވާ އެންމެ ކްލަބަކާ އެކު ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް)ގެ އަހަރީ އާއްމު ޖަލްސާ މިދިޔަ އަހަރު އޮކްޓޫބަރު މަހު ބާއްވައި، އަސާސީ ގަވާއިދަށް އިސްލާހުތަކެއް ގެނެސް އާ ލޯގޯއެއް ފާސްކުރުމުން ގިނަ ބައެއްގެ ފާޑުކިއުންތަކެއް އަމާޒުވި އެވެ. ކުޅިވަރު އެސޯސިއޭޝަނެއްގެ މަސްލަހަތު ހިމެނޭ ބޮޑެތި ކަންތައްތަކެއް އެންމެ ކްލަބެއްގެ ހާޒިރުގައި ނިންމީތީ އެވެ.


މީޑިއާ އަށް ދައުވަތު ނުދީ މިދިޔަ އޮކްޓޫބަރު މަހު 16 ވަނަ ދުވަހު ބޭއްވި އެ ޖަލްސާގައި ކަންތައްތައް ނިމިގެންދިޔައީ އެ އެސޯސިއޭޝަނުގެ ހިންގާ ގަވައިދާ އެއްގޮތަށް ކަމަށް އޭރު ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވަނީ ވިދާޅުވެފަ އެވެ.

އެ ގޮތުން މިދިޔަ އަހަރުގެ އާންމު ޖަލްސާ ބޭއްވިއިރު ޝަރުތު ހަމަވާ އޮތީ ޕޮލިސް ކްލަބާއި އައްޑޫ ސްޕޯޓްސް ކަމަށާއި އޭގެ ތެރެއިން އައްޑޫ ސްޕޯޓްސް ހާޒިރުވުމުން ކޯރަމް ހަމަވި ކަމަށް އެސޯސިއޭޝަނުން ނިންމީ އެވެ. ފުރިހަމަ މެމްބަރުންގެ ގޮތުގައި ދެން އޮތް ފުވައްމުލަކު މިސްކިތްމަގާއި މޯލްޑިވިއަން ސްޕޯޓްސް އިން ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓްރީވެފައި ނެތުމުން މެމްބަޝިޕް ގެއްލުނީ ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދިނެވެ.

މާޗް 26 ވަނަ ދުވަހު ވީއޭއެމްގެ އާ ލޯގޯ ޖެހި ބެނާއަކާ އެކު ރަސްމިއްޔާތެއް ބާއްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިދިޔަ އަހަރުގެ އާންމު ޖަލްސާގައި ފާސްކުރި ގިނަ ކަންތައްތައް ސްޕޯޓްސް ކޮމިޝަނަރު އޮފީހުން އެއްކޮށް ރަޖިސްޓްރީ ކޮށްދީފައެއް ނުވެ އެވެ. އެއީ އޭރު އާންމު ޖަލްސާގައި ކަންތައްތައް ހިނގާދިޔަ ގޮތާ ބެހޭގޮތުން އެ ޖަލްސާގައި ބައިވެރިވި އޮބްޒާވަރުންގެ ރިޕޯޓަށް ބެލުމަށް ފަހު އެވެ. އެ ޖަލްސާގައި ބައިވެރިވި އޮބްޒާވަރެއްގެ ރިޕޯޓްގެ ކޮޕީއެއް "މިހާރަ"ށް ލިބިފައިވާއިރު، އެ ޖަލްސާ ކުރިއަށް ގޮސްފައިވާ ކަންތައްތައް ރަނގަޅަށް ބަލަންޖެހޭ ކަމަށް ލިޔެފައިވެ އެވެ. އަދި ޖަލްސާގެ ކަންތައްތައް ދިޔައީ ވޮލީބޯޅަ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް ސުވާލު އުފެދޭ ކަމަށް ވެސް ރިޕޯޓްގައި ހިމަނައިފައިވެ އެވެ.

އާންމު ޖަލްސާގައި އެންމެ ކްލަބެއްގެ ހާޒިރުގައި ނިމިގެންދިޔަ ބޮޑެތި ނިންމުންތަކުގެ ތެރެއިން ގިނަ ބަޔެއްގެ ލޯ އެންމެ ބޮޑަށް އަމާޒުވީ ވީއޭއެމްގެ ބަދަލުކުރެވުނު ލޯގޯ އަށެވެ. އެއީ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އެވަރުގެ ނިންމުމެއް އެންމެ ކްލަބެއްގެ ރުހުމާ އެކު ނިމިގެންދިއުމުންނެވެ.

"މިހާރަ"ށް އެނގިފައިވާ ގޮތުގައި ކޮމިޝަނާ އޮފް ސްޕޯޓްސް އިން މިދިޔަ މަހު 24 ވަނަ ދުވަހު ވަނީ ލޯގޯ ރަޖިސްޓްރީކޮށްދީފަ އެވެ. ސުވާލު އުފެދޭ އެންމެ ބޮޑު ކަމަކީ ކޮމިޝަނާ އޮފް ސްޕޯޓްސް އިން އާ ލޯގޯ ރަޖިސްޓްރީކޮށްދިނުމުގެ ކުރިން ރަސްމީ ހަފްލާތަކުގައި ވީއޭއެމުން އާ ލޯގޯ ބޭނުންކުރުމެވެ.

ވީއޭއެމުން އާ ލޯގޯއާ އެކު މިދިޔަ މާޗް މަހު 26 ވަނަ ދުވަހު އެކްޓިން ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު ބައިވެރިވި ހަފްލާއެއްގައި ވަނީ އޮފީސް ހުޅުވައިފަ އެވެ. އަދި އެ ދުވަހު ބޭއްވި މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ޓީމު އިއުލާނުކުރަން ބޭއްވި ރަސްމިއްޔާތުގައި ކުޅުންތެރިންގެ ޖޯޒީ އާއި ބެނާގައި ބޭނުންކުރީ ވެސް އާ ލޯގޯ އެވެ. މިއީ އެ ލޯގޯ އެއްކޮށް ފާސްނުވަނީށް ހިނގައިދިޔަ ކަމެކެވެ.

މާޗް 27 ވަނަ ދުވަހު ކުޅުނު އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުތަކުގެ ތެރެއިން: ވީއޭއެމްގެ ކުރީގެ ލޯގޯގެ ބެނާއެއް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފާއިތުވި އެއް މަސް ދުވަހަށް ބަލާއިރު ތަފާތު އިވެންޓުތަކަށާއި އެކި މުބާރާތްތަކާ ގުޅިގެން ވީއޭއެމުން އާންމުކުރި ލިޔެކިއުންތަކުގައި އެކި ފަހަރު ބޭނުންކޮށްފައިވަނީ އެކި ލޯގޯ އެވެ. މި އަހަރު ގައުމީ ޓީމުގެ ކުޅުންތެރިން ފަރިތަކުރަމުން އައި ޖޯޒީގައި އެންމެ ފުރަތަަމަ ވެސް ބޭނުންކޮށްފައިވަނީ އާ ލޯގޯ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ހިންގުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ލަތީފާއި އެސޯސިއޭޝަނަށް ވޮލީބޯޅައިގެ ބައެއް ހިދުމަތްތެރިން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އެސޯސިއޭޝަނުގެ އިސް މަގާމުތަކުގައި ހުރި އެކި ފަރާތްތަކުން ވަނީ އިސްތިއުފާ ދީފަ އެވެ. ލަތީފް ވިދާޅުވީ އިސްތިއުފާދީފައި ދިޔަ މީހުންނަކީ މަގާމުގެ ޒިންމާ އަދާނުކުރެވިގެންދިޔަ މީހުންނެވެ.