މާލޭ ސޯޝަލް ސެންޓަރުގައި އިއްޔެ ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ލީގު 2025 ގައި ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކްލަބް ކުޅުނު ފުރަތަމަ މެޗުން ފުރިހަމަ މޮޅެއް ހޯދައިފި އެވެ.

ހަތް ޓީމު ވާދަ ކުރާ މުބާރާތް ފެށީ އިއްޔެ ހަވީރު ކަޒަކިސްތާންގެ ޓުރާން ވޮލީބޯލް ކްލަބާއި ސްރީލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބް ބައްދަލުކުރި ގުރޫޕް އޭގެ މެޗުންނެވެ. ޓުރާން ވީސީ ވަނީ މި މެޗު ފަސޭހަ ކަމާއެކު 25-11، 25-8 އަދި 25-20 އިން ސެޓުތައް ގެންގޮސް މެޗު ކާމިޔާބު ކޮށްފަ އެވެ.

ކާވާ ވިމެންސް ލީގު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ކާވާ
ކާވާ ވިމެންސް ލީގު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ކާވާ

ރަސްމީކޮށް މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތަށް ފަހު ކުޅުނީ ހަތަރު ޓީމު ހިމެނޭ ގުރޫޕް ބީގެ ހުރާ ސީސީ އާއި އުޒްބަކިސްތާންގެ ހުމޯ ވޮލީބޯލް ކްލަބެވެ. ވާދަވެރި ކުޅުމަކަށް ފަހު ހުރާ ވެސް ވަނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްފަ އެވެ.

ރާއްޖޭގައި ބޭއްވި ކާވާ އަންހެނުންގެ ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް 2024ގެ ރަނަރަޕް ހުމޯ ވީސީއާ ދެކޮޅަށް ހުރާ ސެޓުތައް ގެންގޮސްފައި ވަނީ 26-24، 25-20 އަދި 25-20 އިންނެވެ.

ހުރާ ސީސީ.-- ފޮޓޯ: ކާވާ
ހުރާ ސީސީ.-- ފޮޓޯ: ކާވާ

ހުރާ އާއި ހުމޯގެ އިތުރުން ގުރޫޕް ބީގައި ދެން ހިމެނެނީ ނޭޕާލް ޕޮލިސް ކްލަބާއި އިރާނުގެ ފޫލަދު މޮބާރަކާ ސެޕަހާން އެވެ. ނޭޕާލް ޕޮލިސް ކްލަބަކީ ކާވާ އަންހެނުންގެ ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް 2024ގެ ޗެމްޕިއަން ޓީމެވެ.

ހުރާގެ ދެވަނަ މެޗުގައި މިރޭ 8:30 ގައި ނުކުންނާނީ ފޫލަދު މޮބާރަކާ ސެޕަހާނާ ދެކޮޅަށެވެ.

މުބާރާތުގައި ކޮންމެ ދުވަހަކު ދެ މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މިއަދު ހަވީރު 4:15 ގައި ބައްދަލު ކުރާނީ ހުމޯ އާއި ނޭޕާލް ޕޮލިހެވެ.

ހުރާގެ އިތުރުން ރާއްޖޭގެ ކްލަބް ވެމްކޯ ވެސް މުބާރާތުގައި ވާދަ ކުރާނެ އެވެ. ވެމްކޯ ހިމެނެނީ ޓުރާން ވީސީ އާއި ހިރުދަރަމާނީ އާއެކު ތިން ޓީމު ވާދަ ކުރާ ގުރޫޕް އޭގަ އެވެ. ވެމްކޯގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ.