ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ވޮލީ ކުޅުންތެރިޔާ އަހްމަދު ފާޒިލް ހައްޔަރުކޮށްފި އެވެ. 

ވ. ކެޔޮދޫއަށް އުފަން އުމުރުން 31 އަހަރުގެ ފާޒިލް ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެ ރަށުންނެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފާޒިލް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

އޭނާ މީގެ ކުރިން ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް ވެސް ކުޅުނެވެ.