ގިނަ ކޯޅުންތަކަކަށް ފަހު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް ކަމަށް މުހައްމަދު ލަތީފް، 2016 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވުމަށް ފަހު އެންމެ ވަރުގަދަ އަށް ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެއް ކަމަކީ ވޮލީގެ އިސްލާހީ އެޖެންޑާ އެވެ. ގައުމީ ޓީމުތަކާއި ކްލަބްތަކުގެ ހިންގުން ހަރުދަނާކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެ މަސައްކަތް ފެށިތާ ދެ އަހަރު ދުވަސްވާން ގާތްވެފައިވާއިރު، އޭގެ ނަތީޖާއެއް ފެންނަން ނެތްއިރު ލަތީފަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

ލަތީފްގެ މި ދައުރުގައި ގިނަ މަގާމުތަކެއް ފުރުއްވި މުހައްމަދު ޝަރަފް ވަނީ ޕީއެސްއެމްގެ ވޮލީ އަށް ހާއްސަ "ޓައިމް އައުޓް" ޕްރޮގްރާމްގައި ލަތީފްގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ވޮލީގެ ހިންގުން ހުރި ގޮތުން މިހާރު ކްލަބްތަކަށް އޮތީ އުނދަގޫ ހާލަތެއް ކަން ވެސް ފާހަގަކުރި އެވެ. އެސޯސިއޭޝަން އުފެދިގެން އަންނަނީ ކުޅުންތެރިންނާއި ކްލަބްތަކުގެ ތެރެއިން ކަމަށާއި އެކަމަކު މި ވަގުތު މާހައުލު އޮތީ ހަމައެކަނި އެއް ފަރާތަކުން ނިންމާ ގޮތެއްގެ މައްޗަށެވެ. އެއީ އަސާސީ ގަވައިދުން ވީއޭއެމްގެ ރައީސަށް ލިބިފައިވާ ބާރުތަކެއް ބޭނުންކޮށްގެން ކަމަށެވެ.

"އަޅުގަނޑު ހަނދާންވާ ގޮތުން ވިއްޔާ 2016 ވަނަ އަހަރު ވޮލީގެ އިންތިހާބު އޮތްއިރު 18 ކްލަބެއް ފުރަތަމަ ވޯޓުލި. އެކަމަކު މިދިޔަ އަހަރު ވޮލީގެ އަހަރީ އާންމު ޖަލްސާ ބޭއްވިއިރު ވޯޓު ލެވޭ ހާލަތުގައި އޮތީ އެކެއް ނޫނީ ދެ ކްލަބް. މިއީ މިހާރު ކްލަބްތަކުގެ ހާލަތު އޮތްގޮތަކީ،" 2017 ވަނަ އަހަރުގެ އިންޓަ ރިސޯޓުގެ ތެރެއިން ވީއޭއެމްގެ މަގާމުތަކުން ވަކިވި ޝަރަފް ބުންޏެވެ.

ލަތީފްގެ ދައުރުގައި މިހޭދަވީ ދެ އަހަރަށް ވުރެން ގިނަ ދުވަސްތަކުގައި ވީއޭއެމްގެ ގިނަ މަގާމުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެކި މީހުން އެކި ސަބަބުތަކާ ހުރެ ވަނީ މަގާމުން އިސްތިއުފާ ވެސް ދީފަ އެވެ.

މި އަހަރުގެ ވޮލީބޯޅައިގެ އަހަރީ ކަލަންޑަރު އާންމުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލަތީފް ވިދާޅުވީ އޭނާގެ ދައުރުގައި މިހާތަނަށް މަގާމުތަކުގައި ހުރެފައި ވަކިވެގެން ދިޔައީ ނަތީޖާ ނުނެރެވުނު މީހުން ކަމަށެވެ. އެކަމަކު ޝަރަފް ވަނީ އެ ވާހަކަތަކަށް ރައްދުދީފަ އެވެ.

"އަމާޒަށް ވާސިލްނުވެވިގެންވިއްޔާ އަޅުގަނޑުމެން އަމިއްލަ އަށް ނޫން ބޭރުވާން ޖެހޭނީ. އަޅުގަނޑުމެން ބޭރުކުރަން ޖެހޭނީ. އަޅުގަނޑުމެންނަކީ މަސައްކަތް ކުރެވޭނެ މާހައުލެއް ނެތިގެން ހިތްހަމަ ނުޖެހިގެން އަމިއްލަ އަށް ބޭރުވި މީހުން. މިހާރު އެތަނުގައި ތިބި މީހުންނަށް ވެސް އެބައޮތް އެ ފުރުސަތު،" ކުރިން ވީއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރި ޝަރަފް ބުންޏެވެ.

ވޮލީބޯޅައިގެ އިސްލާހީ މަސައްކަތުގެ ތެރެއިން ގައުމީ ޓީމުގެ ކަންތައްތައް ރަނގަޅުކުރުމުގެ ގޮތުން ޝަރަފް ވެސް ވީއޭއެމްގައި ހުރިއިރު، ވަނީ ކޮމިޓީތަކެއް އެކުލަވާލައިފަ އެވެ. ޝަރަފް ބުނީ ގިނަ ކޮމިޓީތަކެއް ހެދީ ހަމައެކަނި މީޑިއާ އަށް ނަން އަރުވާލުމުގެ މަގުސަދުގައި ކަމަށާއި އޭގެ އަމަލީ މަސައްކަތްތައް ނުކުރެވޭ ކަމަށެވެ. އަދި ގައުމީ ޓީމުގެ ކަންތައްތަކަށް ހެދި ހާއްސަ ކޮމިޓީގެ ބޭއްވުނީ އެންމެ ބައްދަލުވުމެއް ކަމަށާއި ވޮލީގެ އިސްލާހީ މަސައްކަތަށް ހެދި ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ބޭއްވިފައިނުވާކަން ޔަގީންކަމާ އެކު ދަންވަން ކެރޭ ކަމަށެވެ.

އަދި މިހާރު އޮތް ވޮލީގެ ލީޑަޝިޕަކީ މީޑިއާ އަށް ގިނަ ކަންތައްތަކެއް ދެއްކުމަށް ފަހު ކަމެއް ނުވެ އޮތް ބައެއް ކަމަށް ބުންޏެވެ. އަދި މީޑިއާގައި ވޮލީގެ ވާހަކަތައް މިހާރު ދައްކަން ޖެހިފައި އޮތް ސަބަބަކީ ކުޅުންތެރިންގެ ހައްގުގައި ކަމަށާއި މިއީ ކުރަން ފަސޭހަ ނޫނަސް ބައެއްގެ ހައްގުގައި ކުރަން ޖެހޭތީ ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.

ޝަރަފްގެ ވާހަކަތަކާ ބެހޭގޮތުން ވީއޭއެމްގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ "މިހާރަ"ށް ވިދާޅުވީ ޝަރަފްގެ ވާހަކަތަކުގައި ހަގީގަތްތަކެއް ހުރި ނަމަވެސް ކަންތައްތައް ނުވެދިޔައީ އޭނާ އަށް ވެސް ޒިންމާ ނުނެގިގެން ކަމަށެވެ.

"ހަގީގަތުގައި ޝަރަފް ވެސް ހުއްޓައި އެ މަސައްކަތް ނުވެދިޔައީ. އަޅުގަނޑު އެ ހުރިހާ ކަމަކަށް ޑިނައި (އިންކާރު) ކުރަނީއެއް ނޫން. މި ދަންނަވަނީ އެ ކޮމިޓީތަކުގެގެ މަސައްކަތްތައް ނުވެފައި އޮތީ ޝަރަފް ވެސް މަގާމުގައި ހުރެފައި ދޫކޮށްދިޔަ ފަހުން ކަމަށް،" ޝާފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި ދާދި ފަހުން ގައުމީ ޓީމުގެ އޮފިޝަލުން ކަނޑައަޅައި އެއްބަސްވުން ހެދުނީ ވެސް އެ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އިސްލާހީ އެޖެންޑާގެ މަސައްކަތުގެ ތެރެއިން ކުރެވުނު އަނެއް ބޮޑު މަސައްކަތަކީ ގައުމީ ޓީމުގެ ކުޅުންތެރިން އިގުރާރެއްގައި ސޮއިކުރުމެވެ. އެ އިގުރާރުގައި ހިމެނޭ ކަންތައްތަކާ މެދު ގިނަ ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އިގުރާރުގައި ސޮއިނުކޮށްގެން ގިނަ ކުޅުންތެރިންތަކެއް ވަނީ ގައުމީ ޓީމާ ވަކިވާން ވެސް ޖެހުނެވެ.

ޝަރަފް ދެއްކި ވާހަކައިގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ މި ވަގުތު ވޮލީގެ ލީޑަޝިޕު އޮތްގޮތުން މިހާރު ތިބި މީހުންނާ އެކު ކުރިއަށްދެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ.

"ވޮލީބޯޅަ ހިއްގުމަށް މަގު ދައްކައިދޭން މިއޮތީ ކްލަބްތައް. އެންމެ ފަހުން އަސާސީ ގަވާއިދު ބަދަލުކުރީ އެންމެ ކްލަބެއް އޮވެގެން. މިހާރު ބާރު އޮތް ކްލަބްތަކެއް ނެތް. ކްލަބްތަކުގެ މެމްބަރުން ކުޅުންތެރިންނާއި ކޯޗުންނަކީ އެ މީހުންގެ ވާހަކަތައް ދައްކާނީ ކޮންތާކުތޯ ކްލަބެއް (ބާރު އޮތް ކްލަބެއް) ނެތިސް. ކްލަބްތަކުގެ ވެސް ޒިންމާ އެބައޮތް. އެކަމަކު އެސޯސިއޭޝަނުން ކްލަބްތަކާ އަޅާލަން ޖެހޭ މިންވަރަށް އަޅައެއް ނުލާ،" ޝަރަފް ބުންޏެވެ.

ވޮލީބޯޅައިގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ކޯޗު ޝަރަފް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވޮލީބޯޅައިގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ކޯޗު ޝަރަފް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މުބާރާތްތަކުގައި ބައިވެރިވާން ބަލާއިރު ޓީމުތަކުގެ އަދަދު އެބައަރާ 30 ނޫނީ 40 އަށް. އެކަމަކު އެސޯސިއޭޝަންގައި ވޯޓުލާން ބަލައިފިއްޔާ ފުރިހަމަ މެމްބަރުންނަށް ވިޔަކަނުދޭ. ނޫނީ ނުވެވޭ ނޫނީ އެހެން ކަމެއްވޭ. މިހެންދިމާމިވަނީ މީގެ ތެރޭގައި އޮތް ޕޮލިޓިކްސްގެ ބޭނުން ނަހަމަ ގޮތުގައި ކުރާތީ."

ޝަރަފް ބުނީ ވޮލީބޯޅަ އަށް މި ވަގުތު ދިމާވެފައި މި އޮތް ނުތަނަވަސްކަމުން ހައްލެއް ލިބެން އޮތީ މިހާރުގެ ރައީސް ލަތީފް އިސްތިއުފާ ދެއްވައިގެން ކަމަށާއި މި ވަގުތު އެސޯސިއޭޝަންގެ އިސް މަގާމުތަކުގައި ތިބި މީހުން ވެސް ވިސްނަން ޖެހޭ އެންމެ މުހިއްމުކަމަކީ ނަމެއްގައި މަގާމުގައި ނުހުރެ އަމިއްލަ ޒިންމާ އަދާކޮށް ހަގީގަތް ހާމަކުރުން ކަމަށެވެ.

ވޮލީބޯޅައިގެ އިސްލާހީ މަސައްކަތްތަކަށް މި އަހަރުގެ އޭޕްރީލް މަހުގެ 18 އަށް ދެ އަހަރު ފުރޭއިރު ނަތީޖާ ފެނިފައިނުވާ ކަމަށާއި މިހާރު އޮތް ވޮލީގެ ލީޑަޝިޕާ އެކު ވޮލީގެ މުސްތަގުބަލާ މެދު ކަންބޮޑުވާކަމަށް އެތައް ބަޔަކު އެބަ ބުނެ އެވެ. ކްލަބްތައް ބާރުވެރިކުރުމާއި ގައުމީ ޓީމު ހަރުދަނާ ކުރުމަށް އެކުލަވާލި ކޮމިޓީގެ މަސައްކަތެއް އެންމެ އެކަށީގެންވާ ވަރަށް ނުފެނެ އެވެ.