ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެކި މަގާމުތަކުގައި ފާއިތުވި ދެ އަހަރު މަސައްކަތްކުރި މީހުންގެ ތެރެއިން އިސްތިއުފާދީފައި ދިޔައީ ނަތީޖާ ނުނެރެވުނު މީހުން ކަމަށް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ވީއޭއެމްގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލަތީފް އިންތިހާބުވެވަޑައިގެން އެކި މަގާމްތަކަށް އައްޔަން ކުރެއްވި ގިނަ ބޭފުޅުން އިސްތިއުފާ ދެއްވީ ލަތީފަށް ފާޑުވިދާޅުވުމަށް ފަހު އެވެ.
އަދި ރައީސްގެ މަގާމުން ލަތީފް ވަކިކުރަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސައްކަތްތަކެއް ކުރި ނަމަވެސް އޭނާ ވަނީ އެކަން ނާކާމިޔާބުކޮށްލައްވައިފަ އެވެ. ވީއޭއެމްގެ އަންނަ އަހަރުގެ ކަލަންޑަރު އިއުލާންކުރުމަށް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލަތީފް ވިދާޅުވީ އޭނާ މަގާމާ ހަވާލުވި ފަހުން މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ގިނަ ތަޖުރިބާތަކެއް ކުރެވުނު ކަމަށާއި ޗެލެންޖްތަކާ ކުރިމަތިލީ ސާބިތުވެ ހުރެ ކަމަށެވެ.
"ވޮލީބޯލް އެސޯސިއޭޝަންގެ މަގާމަކާ ހަވާލުވަންޏާ ރަނގަޅަށް އެ މަސައްކަތެއް ކުރަންވާނެ. ދެމެހެއްޓެނިވި ގޮތަކަށް އެ މަސައްކަތް ކުރަންވާނީ. ފަސޭހައެއް ނުވާނެ އަޅުގަނޑާ އެކު މަސައްކަތްކުރަން. އެއީ އަޅުގަނޑާ އެކު ކުރަންޏާ ޑެލިވާ ކުރަންޖެހޭނެ (ނަތީޖާ ފެންނަން ޖެހޭނެ). އެކަން ނުކުރެވޭ ކަމަށްވަންޏާ ޒިންމާދާރުކުރުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއް،" ލަތީފް ވިދާޅުވި އެވެ.
ވީއެއެމްގެ މަގާމުތަކުން އިސްތިއުފާދިން މީހުންނަށް ޒިންމާ ނުނެގުނު ކަމަށާއި ދިމާވި މައްސަލަތައް ހައްލުކުރަން އެކަށީގެންވާ ވަރަށް ވާހަކަ ނުދެއްކުނުކަމަށް ލަތީފް ވިދާޅުވި އެވެ.
"މަގާމެއްގައި މީހަކު ހުއްޓަސް އެއީ ކުޅިވަރަށް ފައިދާ ހުރި ކަމެއް ނޫން. ހަވާލުވާ ޒިންމާއާ އެބަޖެހޭ އަދާކުރަން. ކޮންމެ ބޭފުޅަކު ވެސް ދިޔައީ މަސައްކަތް ނުކުރެވިގެން. އެއްކޮށް މަސައްކަތްކުރާއިރު ޗެލެންޖްތައް ހުންނާނެ. އެކަން ހައްލުކުރަން ވާހަކަ ނުދައްކައި އޮޑިން ފުންމާލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެހެންވީމާ އެ މީހަކު އެ ދަނީ ފެއިލްވެގެން. އަޅުގަނޑުގެ ފަރާތުން ރައީސެއްގެ ހައިސިއްޔަތުން ހުރިހާ ކަމެއް ހުންނާނީ ކޮށްފައި،" ލަތީފް ވިދާޅުވި އެވެ.
މިދިޔަ އަހަރު ވީއޭއެމުން ވަނީ ގައުމީ ޓީމުތައް ރިފޯމްކުރުމުގެ މަސައްކަތްތަކެއް ފަށައިފަ އެވެ. އެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ނިންމާލެވޭނެ ކަމަށް ވީއޭއެމުން ވަނީ ބުނެފަ އެވެ. އެ އަށް ފަހު ދެން ކުރިއަށްދާނީ ވޮލީ ރެފްރީންނާއި ކޯޗުން ތަމްރީން ކުރުމުގެ މަސައްކަތްކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.
"ދެން އޮތީ ކޯޗުންނާއި ރެފްރީން ރިފޯމް ކުރުން. އެއީ ވަރަށް މުހިއްމު ދެ ބައި. އެ މީހުން ތަމްރީން ކޮށްދިނުން. އަޅުގަނޑުމެންގެ ދެ އަހަރުގައި ހުންނާނެ ގާތްގަނޑަކަށް ފަސް އިންޓަނޭޝަނަލް ރެފްރީން ތައްޔާރުކޮށްފައި. އެއީ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ރަނގަޅަށް ކުރެވުނު ކަމެއް. މިދިޔަ 15 އަހަރު ވެސް ކުރެވުނީ އެވަރަށް. ރިފޯމް ޕްރޮސެސް 2019 ވަނަ އަހަރު ނިމޭއިރު ވޮލީގެ އާއިލާ ހިތްހަމަ ޖެހޭ ވަރު ބަދަލެއް ފެންނާނެ،" ލަތީފް ވިދާޅުވި އެވެ.
މިދިޔަ ދެ އަހަރު ތެރޭގައި އެންމެ ބޮޑު ބަދަލެއް އައި މަގާމަކީ ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމެވެ. މިހާރު އެ މަގާމުގައި ހުރި މުހައްމަދު ޝާފީ އަކީ ލަތީފްގެ ދައުރުގައި އެ ޒިންމާއާ ހަވާލުވި ހަތަރު ވަނަ ޖެނެރަލް ސެކްރެޓަރީ އެވެ.
ލަތީފްއާ އެކު ކުރިން މަސައްކަތް ކުރުމަށް ފަހު ޝާފީ އެ އިދާރާގެ ކަންތައްތަކާ ދުރުވީ މިދިޔަ އަހަރުގެ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ހިނގާދިޔަ ކަންތައްތަކަަށް ފަހު އެވެ. އެ މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލުގައި ސޮނޭވާފުށްޓާއި އަނަންތަރާ ކިހާވަށް ވިލާސް ސޮނޭވާފުށީގައި ކުޅެން އޮތް ފައިނަލް މެޗަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ އިސް އޮފިޝަލުންތަކަށް އެ ރަށަށް އެރުމުގެ ހުއްދަ ނެތް ކަމަށް ބުނެ ޖެހުނު މައްސަލަ އަށް ފަހު ޝާފީ ވަނީ ވީއޭއެމުން ވަކިވެފަ އެވެ.
ޝާފީ އަކީ ފަހަކަށް އައިސް ލަތީފަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ފަރާތެވެ. ލަތީފް ވިދާޅުވީ ޝާފީގެ ފަރާތުން އަމާޒުވީ ބިނާކުރަނިވި ފާޑުކިޔުންތަކެއް ކަމަށެވެ.
"ޖެނެރަލް ސެކްރެޓަރީ އައްޔަންކުރުމުގައި އަޅުގަނޑު ވަރަށް ގިނަ ވިސްނުންތައް ވިސްނިން. ޝާފީ އަކީ ކުރިން ވެސް ޖެނެރަލް ސެކްރެޓަރީ އަކަށް މަސައްކަތް ކުރި ބޭފުޅެއް. ޓެކްނިކަލް ދާއިރާގެ މައުލޫމާތާއި ވިސްނުންހުރި ތަޖުރިބާ ހުރި ބޭފުޅެއް. އަޅުގަނޑުމެންގެ ދެ އަހަރު ވެގެންދިޔައިރު ވަރަށް ޕްރޮޑަކްޓިވް (ބިނާކުރަނިވި) ފާޑުކިޔުންތަކެއް ޝާފީ ވީއޭއެމަށް ކީ. އަޅުގަނޑު ހުރިހާ ފާޑުކިޔުމެއް ވެސް ނެގީ ޕޮޒިޓިވްކޮށް. ވޮލީބޯޅަ އަށް ފައިދާ ކުރުމަށްޓަކައި އަޅުގަނޑު ޝާފީ މި ގެނައީ،" ލަތީފް ވިދާޅުވި އެވެ.
ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް މި ކުޅިވަރު ދެކެ ލޯބިވާ ހުރިހާ މީހުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ވޮލީގެ ކުރިއެރުވުމަށް ޕްލޭންތަކެއް ހުރި ކޮންމެ މީހަކަށް މަރުހަބާ ކިޔާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. ވިއޭއެމަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ވަސީލަތްތައް ނެތުން ކަމަށާއި އެކަމަށް ހައްލެއް ގެންނަން ސަރުކާރާ އެކު ގިނަ މަޝްވަރާތަކެއް ބާއްވަމުން އަންނަ ކަަމަށް ލަތީފް ވިދާޅުވި އެވެ.