ލިއްޕީ: ގަލޮޅު ދަނޑުން ފެންނާނެ އެންމެ މަތީ ފެންވަރުގެ ކޯޗު!

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާރޭ ދިވެހިރާއްޖެ އާއި ޗައިނާ ކުޅޭ މެޗު ވެގެންދާނީ ދިވެހި ފުޓްބޯޅައިގެ ވަރަށް ތާރީހި މެޗަކަށެވެ. މި މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ ޗައިނާ ޓީމުގެ ކޯޗު އިޓަލީގެ މާސެލޯ ލިއްޕީ ވެގެންދާނީ، ގައުމީ ޓީމާއި ކްލަބްތައް ވެސް ހިމަނައިގެން، ރާއްޖޭގެ އެއްވެސް ޓީމަކާ ދެކޮޅަށް މިހާތަނަށް ނުކުންނާނެ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކޯޗަށެވެ.


އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕް އަދި ޔުވެންޓަސް އަށް 1996 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ، އެ ދެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދާފައިވާ ލިއްޕީ ވެގެންދާނީ މިހާތަނަށް ގަލޮޅު ދަނޑުން ފެންނާނެ ވެސް އެންމެ މޮޅު ޓެކްޓީޝިއަން އަށެވެ.

ގަލޮޅު ދަނޑުގައި މިހާތަނަށް ކޯޗުކޮށްދިން އެންމެ މަތީ ފެންވަރުގެ ކޯޗުންނަކީ 2002 ގެ ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު ޗައިނާ ގޮވައިގެން ރާއްޖެ އައި ޔޫގޮސްލާވިއާގެ ބޯރާ މިލުޓިނޮވިޗާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި 2011 ވަނަ އަހަރު އީރާން ޓީމު ގޮވައިގެން އައި ޕޯޗުގަލްގެ ކާލޯސް ކުއިރޯޒެވެ.

މީގެ ތެރެއިން ބޯރާ އަކީ ފަސް ވޯލްޑް ކަޕެއްގައި ކޯޗުކޮށްދީ، އެންމެ ގިނަ ވޯލްޑް ކަޕުގައި ކޯޗުކޮށްދިނުމުގެ ރެކޯޑް ބްރެޒިލްގެ ކާލޯސް އަލްބާޓޯ ޕެރެއިރާއާ އެކު ހިއްސާ ކުރާ ކޯޗެވެ. އެކަމަކު ބޯރާގެ ހާއްސަ ކަމަކީ އެ ފަސް ވޯލްޑް ކަޕަށް ވެސް ނުކުތީ ވެސް ތަފާތު ފަސް ގައުމާ އެކު ކަމަށް ވުމެވެ. އޭނާގެ ކޯޗުކަމުގައި ޗައިނާ އިން އެ ގައުމުގައި ރާއްޖެ އަތުން 10-1 އިން މޮޅުވި ނަމަވެސް މާލޭގައި މޮޅުވެވުނީ 1-0 އިންނެވެ.

ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު އަދި އެލެކްސް ފާގަސަންގެ އެސިސްޓަންޓެއްގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުގައި މަސައްކަތްކުރި ކުއިރޯޒަކީ ވަނީ ޕޯޗުގަލްގެ ފީފާ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕް ޕޯޗުގަލްގެ 20 އަހަރުން ދަށުގެ ޓީމަށް 1989 އާއި 1991 ވަނަ އަހަރު ކާމިޔާބުކޮށްދީ ލުއިސް ފީގޯ އާއި ރުއި ކޯސްޓާ މެން ފަދަ ކުޅުންތެރިން އުފައްދައިފަ އެވެ. އޭނާގެ ކޯޗުކަމުގައި އީރާނުން ތެހެރާނުގައި ރާއްޖެ އަތުން 4-0 އިން މޮޅުވި ނަމަވެސް މާލެގައި މޮޅުވެވުނީ 1-0 އިންނެވެ.

ޗައިނާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މާސެލޯ ލިއްޕީ: މާދަމާރޭ ޗައިނާ ގޮވައިގެން ރާއްޖެއާ ދެކޮޅަށް ނުކުންނާނެ. --ފޮޓޯ: އޭއެފްޕީ

ޗައިނާ ޓީމު ގޮވައިގެން މި ފަހަރު ރާއްޖެ މިއައީ އެ ދެ ކޯޗުންނަށް ވުރެ ހުރިހާ ގޮތަކުން ވެސް މަތީ ފަންތީގެ ކޯޗެކެވެ. އިޓަލީގެ ސަމްޕްޑޯރިއާގެ ކުރީގެ ޑިފެންޑަރު އެ ކްލަބުގެ ޔޫތު ޓީމުން 1982 ވަނަ އަހަރު ފެށި ކޯޗިން ކެރިއަރުގައި ވަނީ ދުނިޔޭގެ އެންމެ އުހަށް ދަތުރުކޮށްފަ އެވެ.

ލިއްޕީ އެންމެ ބޮޑަށް ފާހަގަކުރެވުނީ 1994-1999 އަށް ޔުވެންޓަސް އަށް ކޯޗުކޮށްދިންއިރެވެ. އެ މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް 1995، 1997، 1998 ގައި އިޓާލިއަން ލީގު ކާމިޔާބުކޮށްދީ 1996 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. ޖިއަންލޫކާ ވިއާލީގެ ކެޕްޓަންކަމުގައި އެންޓޯނިއޯ ކޮންޓޭ އާއި ޑިޑިއާ ޑިޝޯމްޕްސް އާއި އަލެސަންދްރޯ ޑެލް ޕިއޭރޯ އާއި ޖިއަންލޫކާ ޕެސޯޓޯ އަދި ޗީރޯ ފެރޭރާ ފަދަ ކުޅުންތެރިންނާ އެކު ނުކުމެ ނެދަލެންޑްސްގެ ގަދަބާރު އަޔަލްސް އަތުން ރޯމުގައި ޔުވެންޓަސް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.

ޖެހިގެން އައި ދެ ސީޒަނުގައި ވެސް އޭނާ ޔުވެންޓަސް އެ މުބާރާތުގެ ފައިނަލަށް ގެންގޮސްދިނެވެ. އެކަމަކު 1997 ގައި މިއުނިކުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިން އަދި 1998 ވަނަ އަހަރު އެމްސްޓްރެޑަމްގައި ރެއާލް މެޑްރިޑް އަތުން 1-0 އިން ބަލިވީ އެވެ. އެ ސީޒަނަށް ފަހު އޭނާ ވާދަވެރި އިންޓަ މިލާނާ ހަވާލުވީ އެވެ. އެ ޓީމު އިޓާލިއަން ކަޕުގެ ފައިނަލަށް ގެންގޮސްދިން ނަމަވެސް ދޮޅު އަހަރެއްހާ ދުވަސް ފަހުން ވަކިކުރި އެވެ.

ލިއްޕީގެ ބަދަލުގައި ކާލޯ އަންޗެލޮޓީއާ ޔުވެންޓަސް ހަވާލުކުރުމުން އެކަށީގެންވާ ކާމިޔާބެއް ނުލިބުމުން ޔުވެންޓަސް އިން އަލުން ލިއްޕީ ގެނައީ އެވެ. އަލުން ހަވާލުވެ އެ ޓީމަށް 2002 އާއި 2003 ގެ އިޓާލިއަން ލީގު ކާމިޔާބުކޮށްދިނެވެ. އަދި 2003 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނެވެ. އެކަމަކު މެންޗެސްޓާގައި ކުޅުނު ފައިނަލުން ވާދަވެރި އޭސީ މިލާން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވީ އެވެ. ޖުމްލަ ހަތަރު ފައިނަލުގައި ކުޅެ، 1996 ގައި ޔުވެންޓަސް އަށް ހޯދައިދިން ޗެމްޕިއަންސް ލީގުގެ ފަހުން އެ ޓީމަށް އެ މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.

ކްލަބް ކޯޗިން އެހިސާބުން ނިންމާލުމަށް ފަހު ލިއްޕީ 2004 ވަނަ އަހަރު އިޓަލީ ގައުމީ ޓީމާ ހަވާލުވި އެވެ. ހުނަރުވެރި ކުޅުންތެރިން ތިބެމެ 2002 ގެ ވޯލްޑް ކަޕާއި 2004 ގެ ޔޫރޯން ޖިއޮވާނީ ޓްރަޕައްޓޯނީއާ އެކު އިޓަލީ ކާމިޔާބެއް ނުލިބުމުން ލިއްޕީއާ އިޓަލީ ހަވާލުކުރުމުން އޭނާ ބޮޑެތި ބަދަލުތަކެއް ގެނަ އެވެ.

ފަބިއޯ ކަނަވާރޯގެ ކެޕްޓަންކަމުގައި ޖިއަންލުއިޖީ ބުފޮން އާއި އަލެސަންދްރޯ ނެސްޓާ އާއި އަންދްރޭ ޕިރްލޯ އާއި ޖެނާރޫ ގަޓޫސޯ އާއި ފްރެންޗެސްކޯ ޓޮޓީ އާއި އަލެސަންދްރޯ ޑެލް ޕިއޭރޯ އަދި ފިލިއްޕޯ އިންޒާގީ މެން ފަދަ ކުޅުންތެރިންނާ އެކު ނުކުމެ ވޯލްޑް ކަޕް އުފުލާލައި އެ ފަހަރު އޭނާ ކުޅުވި ކުޅުމަށް ގިނަ ބަޔެއްގެ ތައުރީފް ވަނީ އޮހުނެވެ.

ލިއްޕީގެ އެންމެ ހާއްސަ ކަމަކީ ކޮންމެ މެޗަކަށް ވަކި ފުރަތަމަ އެގާރައެއް ނެގުމެވެ. އެއާ އެކު މުޅި މުބާރާތް ނިންމާލީ ސްކޮޑް އެއްކޮށް ރޮޓޭޓްކޮށް ސްކޮޑުގެ ހުރިހާ ކުޅުންތެރިން ބޭނުންކޮށްފަ އެވެ.

އޭސީ މިލާނުގައި ޕިރްލޯ ކުޅެމުން ދިޔަ ޑީޕްލައިން ޕްލޭމޭކާ ރޯލާއި ރޯމާގައި ޓޮޓީ ކުޅެމުން ދިޔަ އެޓޭކިން މިޑްފީލްޑަރު ރޯލުގެ ބޭނުން ލިއްޕީ ވަނީ އިޓަލީ ޓީމުގައި ހިފައިފަ އެވެ. ނަތީޖާއަކަށްވީ އިޓަލީގެ ފަރާތުން ރީތި އެޓޭކިން ގޭމެއް ފެނިގެން ދިއުމެވެ. ހަމައެކާ އެކު މޭންމާކިން އާއި ޒޯނަލް މާކިން ވެސް ބޭނުންކޮށް ޑިފެންސް ވެސް ވަރުގަފަކުރި އެވެ. މުޅި މުބާރާތުގައި އިޓަލީ ކޮޅަށް އޯޕަން ޕްލޭގައި ލަނޑެއް ނުވަދެ އެވެ.

ޗައިނާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މާސެލޯ ލިއްޕީ (ވ) އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން. --ފޮޓޯ: އޭއެފްޕީ

އެ މުބާރާތަށް ފަހު އޭނާ އިޓަލީގެ ކޯޗުކަމުން ވަކިވި އެވެ. އެކަމަކު ރޮބާޓޯ ޑޮނަޑޯނީއާ އެކު 2008 ގެ ޔޫރޯގެ ނަތީޖާ ދައްވުމުން އޭނާ އަލުން އިޓަލީއާ ހަވާލުވި އެވެ. އެއީ ގޯހެއް ކަމަށް ތަޖުރިބާކާރުން ލަފާކުރި އެވެ. ކަންވީ ވެސް އެހެންނެވެ. ކުރީގެ ބައެއް ތަރިން ގޮވައިގެން ގޮސް އޭނާ އަށް މާބޮޑު ކަމެއް ނުކުރެވި 2010 ގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

ލިއްޕީ އެނބުރި ކޯޗިންގެ ތެރެއަށް ނުކުތީ 2012 ވަނަ އަހަރު ޗައިނީސް ސުޕަ ލީގުގެ ގުއަންޒޫ އެވަގްރެނޭޑާ އެކު އެވެ. އެ ޓީމަށް 2014 ގެ ނިޔަލަށް ކޯޗުކޮށްދީ ޗައީސް ލީގު ތިން ފަހަރު އަދި އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. އެއާ އެކު އޭނާ ވެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ އަދި ހަމައެކަނި ކޯޗަށެވެ.

އެއަށް ފަހު ލިއްޕީ 2016 ގައި ޗައިނާ ގައުމީ ޓީމާ ހަވާލުވި އެވެ. އެ މަގާމުން ވަކިވީ މި އަހަރުގެ ޖެނުއަރީ މަހު އޭޝިއަން ކަޕުގެ ކުއާޓާ ފައިނަލުން އީރާން އަތުން ބަލިވެ ކެޓުމުންނެވެ. ބަދަލުގައި ގެނައީ ކަނަވާރޯ އެވެ. އެކަމަކު އޭނާއާ މެދު އެފްއޭ އިން ހިތްހަމަނުޖެހުމުން މޭ މަހު އަލުން ލިއްޕީ މަގާމަށް އަ އެވެ.

އެނބުރި އައިސް ލިއްޕީ ގެނައި އެންމެ ބޮޑު ބަދަލީ ފޯވާޑް ލައިން ވަރުގަދަކުރަން ބިދޭސީ ކުޅުންތެރިންނަށް ފުރުސަތު ދިނުމެވެ. އެގޮތުން ޗައިނާ ދަރިކޮޅަކަށް ނިސްބަތްނުވާ ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ބްރެޒިލަށް އުފަން އައިކެސަން ވަނީ ސްކޮޑަށް ނަގައިފަ އެވެ.ބެލެވޭ ގޮތުގައި އޭނާ ޗައިނާ ޖާޒީގައި ކުޅޭނެ ރަސްމީ ފުރަތަމަ މެޗަކީ މާދަމާރޭ ރާއްޖެއާ ދެކޮޅަށް ކުޅޭނެ މެޗެވެ.

އިޓާލިއަން ލީގު ދެ ވަނަ އަށް އެންމެ ގިނައިން ކާމިޔާބުކުރި ކޯޗުގެ ރެކޯޑް އޮތް ލިއްޕީ އަކީ ކުޅުންތެރިން މޯޓިވޭޓްކުރުވުމާއި، ގޭމް ރީޑްކުރުމާއި މެޗަށް ޓެކްޓިކަލީ ތައްޔާރުވުމުގައި އެފަދަ ދެ ވަނަ އެއް ނެތް ކޯޗެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ފަދަ ކޯޗުންގެ ވެސް ފޭވަރިޓެއް ކަމަށްވާ ލިއްޕީގެ ކޯޗިން ފިލޯސަފީ އާއި މިޒާޖަކީ ވެސް ގިނަ ކޯޗުން މިސާލަކަށް ބަލާ ކަންކަމެވެ.

މިހާރު ދުނިޔޭގެ މަޝްހޫރު ކޯޗުން ކަމަށްވާ ފްރާންސަށް މިދިޔަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޑިޝޯމްޕްސް އާއި ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒިދާނާއި އިންޓަ މިލާނުގެ އެންޓޯނިއޯ ކޮންޓޭ އަކީ އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ކުޅުންތެރިންނެވެ. އެހެންވެ މާދަމާރޭ ގަލޮޅު ދަނޑުން ފެނިގެންދާނީ ހުރިހާ ގޮތަކުން ބެލިޔަސް ދުނިޔޭގެ އެންމެ މޮޅު 10 ކޯޗުން ނެގިޔަސް އޭގެ ތެރެއިން ކުރީ ސަފުގައި ހިމެނޭނެ ކޯޗެކެވެ.