ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން އަފްގާނިސްތާން ބަލިކުރުމަށް ފަހު ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުން އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ލީގު ބުރުގައި ބާކީ އެއް މެޗު ނުކުޅެ އޮއްވައި އަންހެން ވޮލީ ޓީމުން ފައިނަލުގެ ފުރުސަތު ހޯދިއިރު، މިއީ މިހާތަނަށް އަންހެން ވޮލީގައި ރާއްޖެ އަށް ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބީ އެވެ. މެޑަލަކަށް އަމާޒުކޮށްގެން މި މުބާރާތަށް އަމާޒުހިފި ރާއްޖޭގެ އަންހެން ޓީމަށް މިހާރު ރަން މެޑަލެއް ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ރާއްޖޭން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކުޅުނު ތިން މެޗުން އަށް ޕޮއިންޓް ހަމަކޮށް ގަދަ ދެ ޓީމުގެ ތެރެއިން ޖާގަ ހޯދައިގެންނެވެ. ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ބުދަ ދުވަހު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ބުރާސްފަތި ދުވަހު ކުޅޭ ފައިނަލުގައި ވެސް ރާއްޖެ ކުޅެން ޖެހުމުގެ ފުރުސަތު ބޮޑީ ނޭޕާލާ އެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ހޮނިހިރު ދުވަހު ވަނީ ކިރްގިސްތާން އަތުން 3-2 ސެޓުން މޮޅުވެފަ އެވެ. އިއްޔެ ކުޅުނު މެޗުން މުބާރާތް ބާއްވާ ބަންގްލަދޭޝް އަތުން މޮޅުވީ މޮޅު ކުޅުމެއް ދައްކައި ސީދާ ތިން ސެޓުންނެވެ. މިއަދު އަފްގާނިސްތާނާ ދެކޮޅަށް ނިސްބަތުން ބަލާއިރު ފަސޭހަ މެޗެއް ކުޅެން ޖެހުނު ނަމަވެސް ރަނގަޅު ކުޅުމެއް ދައްކައި މެޗު ކާމިޔާބުކުރި އެވެ. މިއަދުގެ މެޗުގައި ރާއްޖޭން ސެޓުތައް ގެންދިޔައީ 25-06، 25-07 އަދި 25-08 އިންނެވެ.

ޑާކާގެ ޝަހީދު ސުރަވާރުދީ އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭން ވަނީ ކުރިން ދެ މެޗުގައި ފުރުސަތު ނުދެވި ތިބި ކުޅުންތެރިންނަށް ގިނަ ވަގުތުގައި ކުޅެން ޖާގަ ދީފަ އެވެ. އެ ކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގައި ރާއްޖޭގެ ގިނަ އެޓޭކްތައް ކުރީ އައިމިނަތު އަރީޝާ އާއި ޒުވާން ކުޅުންތެރިޔާ ޝަހާ ޝާމިން އެވެ. އަދި ހަމްނާ ހުސެއިން ވެސް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފަސޭހަ މެޗެއް ކަމަށްވުމުން ރާއްޖެ ޓީމުން މިއަދު ހައްވާ ރާޝިދާ އާއި ޖޫޒާން ޒަރީރު އަދި ހައްވާ ސަހާ ފަދަ ކުޅުންތެރިންގެ ބޭނުން ނުހިފަ އެވެ. އެއީ ކުރިއަށް އޮތް ނޭޕާލް މެޗަށް ވިސްނުމަށް ފަހު ކަމަށް ބެލެވެ އެވެ.

ގައުމީ އަންހެން ވޮލީ ޓީމު ފަހަކަށް އައިސް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، މި މުބާރާތަށް ޓީމު ތައްޔާރުވީ ކޯޗު އަހުމަދު އަދީލް (ބޭބެ) އިރުޝާދުގެ ދަށުންނެވެ. ގައުމީ އަންހެން ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން ވަނީ ދާދި ފަހުން ބޭބެގެ އިރުޝާދުގެ ދަށުން ލަންކާގައި އޮތް މުބާރާތެއްގައި ކްލަބް ވެމްކޯ ޓީމަށް ވެސް ކުޅެފަ އެވެ.

މީގެ ކުރިން ވެސް ގައުމީ އަންހެން ޓީމަށް ބޭބެ ކޯޗުކޮށްދިނެވެ. އަދި 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް ރަނގަޅު ނަތީޖާ ނެރުނެވެ. މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ރާއްޖޭން ތައްޔާރުވިއިރު، ބޭބެ އަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގައުމީ ފިރިހެން ޓީމަށް ދާދި ފަހުން ހަމަޖެއްސި ދުނިޔޭގެ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔަޗް ވެސް އަންހެން ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އޭގެ ސަބަބުން ރަނގަޅު ފައިދާތަކެއް ކުރާނެ ކަމަށް ބޭބެ މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ.