އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުން ރާއްޖޭގެ އަންހެން ވޮލީ ޓީމުން ޖާގަހޯދުމުގެ ފަހަތުގައި އޮތީ ކޮންމެ ކުޅުންތެރިއަކު ވެސް އެއް އަޒުމެއްގައި ކުރި މަސައްކަތް ކަމަށް އަންހެން ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ބުނެފި އެވެ.
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ މުބާރާތުގައި ބާކީ އެއް މެޗު އޮއްވައި ރާއްޖޭން ފައިނަލުގެ ފުރުސަތު ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. ފުރަތަމަ މެޗުގައި ކިރްގިސްތާނުގެ މައްޗަށް 3-2 ސެޓުން ކުރިހޯދުމަށް ފަހު ދެން ކުޅުނު ދެ މެޗުން ބަންގްލަދޭޝް އާއި އަފްގާނިސްތާން ބަލިކުރީ ސީދާ ތިން ސެޓުންނެވެ.
މި މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދުމާ އެކު މިއީ މިހާތަނަށް އަންހެން ވޮލީގައި ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އިއްޔެ އަފްގާނިސްތާން އަތުން މޮޅުވި މެޗަށް ފަހު ޓީމުގެ ކެޕްޓަން ހައްވަ ބުނީ މިއީ އޭނާގެ ކެރިއަރާއި ރާއްޖޭގެ އަންހެން ވޮލީ އަށް ވެސް ކުރިއެރުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"މިއީ ހަގީގަތަށް ބުނަންޏާ އަޅުގަނޑުގެ ވޮލީ ކެރިޔަރުގައި ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުގެ އިތުރުން ދިވެހިރާއްޖެ އަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ދެން މި ކާމިޔާބީން ކުރިއަށް އޮތްތަނުގައި ވެސް އަންހެން ވޮލީ ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރަނީ. ވަރަށް އުފާވޭ އެހެންވެ އަސްލު،" ހައްވަ ބުންޏެވެ.
ފަހަކަށް އައިސް ކޮންމެ މުބާރާތެއްގައި ވެސް ރާއްޖޭގެ އަންހެން ވޮލީ ޓީމުން އަންނަނީ ރަނގަޅު ކުރިއެރުމެއް ހޯދަމުންނެވެ. ކުރިން މުބާރާތްތަކުގައި ރަނގަޅަށް ކުޅެވުނު ނަމަވެސް މައްސަލަ ދިމާވަނީ ނަތީޖާ ނެރުމުގަ އެވެ. އެކަމަކު އަހަރުން އަހަރަށް ޓީމު ވަރުގަދަވެ ތިބި ކުޅުންތެރިންނަށް ލިބޭ ތަޖުރިބާގެ އެހީގައި އަންނަނީ ކަންތައްތައް ރަނގަޅު ކުރުމެވެ. އޭގެ ނަތީޖާ އަކީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް މި ލިބުނު ކާމިޔާބެވެ.
"އަޅުގަނޑު ކެޕްޓަނެއްގެ ހައިސިއްޔަތުން 100 ޕަސެންޓް ދޭނަން. ވަރަށް އިތުބާރު އޮވޭ ކޮންމެ ކުޅުންތެރިއަކަށް ވެސް. ބެންޗުން ޗޭންޖަކަށް އަރުވާ ކުޅުންތެރިއަކު ވެސް. ޗޭންޖްގެ ބޭނުން ރަނގަޅު ގޮތުގައި ދައްކާނެކަން. އެއީ ކަންނޭނގެ މިހާ ހިސާބަށް މި ކާމިޔާބީއާ ހަމައަށް އާދެވުމުގެ އެންމެ ބޮޑު ސިއްރަކީ،" ހައްވަ ބުންޏެވެ.
ޓީމުގެ ވައިސް ކެޕްޓަން ޖޫޒާން ޒަރީރު ބުނީ ގައުމަށް ރީތި ނަން ހޯދައިދިނުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި ފައިނަލްގެ ޖާގަ ލިބުމާ އެކު އެކަން ހާސިލްކުރެވުނު ކަމަށެވެ. އަދި އުއްމީދުކުރަނީ ފައިނަލުގައި ވެސް ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށް ބުންޏެވެ.
ލީގު ބުރުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މާދަމާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ބުރާސްފަތި ދުވަހު ކުޅޭ ފައިނަލުގައި ރާއްޖެ ކުޅެން ޖެހޭނީ ވެސް ނޭޕާލާ އެވެ.
ގައުމީ އަންހެން ވޮލީ ޓީމު ފަހަކަށް އައިސް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، މި މުބާރާތަށް ޓީމު ތައްޔާރުވީ ކޯޗު އަހުމަދު އަދީލް (ބޭބެ) އިރުޝާދުގެ ދަށުންނެވެ. ގައުމީ ފިރިހެން ޓީމަށް ދާދި ފަހުން ހަމަޖެއްސި ދުނިޔޭގެ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔަޗް ވެސް އަންހެން ޓީމަށް އެހީތެރިކަން ފޯރުކޮށްދިންއިރު، ރާއްޖޭގެ ޓީމަށް މުބާރާތުގައި ބެންޗުން އިރުޝާދުދެމުން އަންނަނީ އެސިސްޓަންޓް ކޯޗު މުޙައްމަދު ފައިސަލް އެވެ.
ބޭބެ ބުނީ މިހާތަނަށް ހާސިލްވި ހުރިހާ ކާމިޔާބެއްގެ ކްރެޑިޓް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށާއި އެ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި މުބާރާތަށް ކަނޑައެޅި މެޑަލެއްގެ ޓާގެޓް ހާސިލްވެފައި އޮތް ކަމުގައި ވިޔަސް ފައިނަލް މެޗުގައި ނުކުންނާނީ ރަން މެޑަލެއް ހޯދައިގެން އެނބުރި ގައުމަށް ދިއުމުގެ އަމާޒުގައި ކަމަށް ބޭބެ ބުންޏެވެ.