14 ނޮވެމްބަރ 2019 - 15:31
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިއަދު ސީދާ ތިން ސެޓުން ރާއްޖޭގެ އަންހެން ގައުމީ ވޮލީ ޓީމުގެ މައްޗަށް ކުރިހޯދައި ނޭޕާލުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ފައިނަލުން ބަލިވެ ދެ ވަނަ ލިބުނު ނަމަވެސް މިއީ ރާއްޖޭގެ އަންހެން ވޮލީބޯޅަ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. ރާއްޖޭން މި މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ފައިނަލުގައި ކުޅުމާ އެކު ވަރަށް ގިނަ ބަޔެއްގެ ތައުރީފް އޮހުނެވެ.
ނޭޕާލުން އިއްޔެ ލީގު ބުރުގެ ފަހު މެޗުގައި ވެސް ރާއްޖޭގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ވެސް ނޭޕާލުން ހޯދީ ކުޅުނު ފަސް މެޗުން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. ޑާކާގެ ޝަހީދު ސުރަވާރުދީ އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-13، 25-12 އަދި 25-08 އިންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭން ރަނގަޅު ކުޅުމެއް ދައްކައި ލީޑުގައި އޮތެވެ. އެގޮތުން 07-04 އިން ކުރީގައި އޮއްވައި ނޭޕާލުން ވަނީ ފަހަތުން އަރައި ނަތީޖާ ހަަމަހަމަކޮށްފަ އެވެ. އެ އަށް ފަހު ސެޓުގެ ކޮންޓްރޯލް ގެންދިޔަ ގޮތަށް މުޅި މެޗުގައި ވެސް އެ ލީޑު ދެމެހެއްޓި އެވެ. މި ފަހަރުގެ މުބާރާތުގައި ވެސް ފެނުނު އެންމެ ވަރުގަދަ ޓީމު ކަމަށްވާ ނޭޕާލަކީ ސެންޓްރަލް ޒޯން މުބާރާތްތަކުގައި ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެކެވެ.
މެޗުގެ ފުރަތަމަ ސެޓު ރާއްޖެ އަށް ގެއްލުނީ 25-13 އިންނެވެ. ދެ ވަނަ ސެޓު ފަށައިގެން ވެސް ރާއްޖޭން ކުޅެން މަސައްކަތްކުރި ނަމަވެސް ނޭޕާލުގެ ބްލޮކްތަކާއި އެޓޭކްތައް ފެނުނީ ވަރުގަދަ ކޮށެވެ. މި މެޗުގައި ވެސް ނޭޕާލް މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ރާއްޖޭގައި ކުޅެފައިވާ ޒުވާން ކުޅުންތެރިޔާ ޕްރަތީބާ މާލީ އެވެ. ދިވެހި ކުޅުންތެރިންނާ ދެކޮޅަށް ކުޅެންވީ ގޮތް އޭނާ ދިޔައީ އެެ ޓީމުގެ އެހެން ކުޅުންތެރިންނަށް ބުނެދެމުންނެވެ. ނޭޕާލުން ފަހު ދެ ސެޓު ގެންދިޔައީ 25-12 އާއި 25-08 އިންނެވެ.
ރާއްޖޭން މި ފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގައި ކިރްގިސްތާން އަތުން 3-2 ސެޓުން މޮޅުވެގެންނެވެ. އަދި މުބާރާތް ބާއްވާ ބަންގްލަދޭޝް އާއި އަފްގާނިސްތާންގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި ފަހަރުގެ މުބާރާތުގައި ވެސް ޖުމްލަ ގޮތެއްގައި ރާއްޖެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ގައުމީ ޓީމު މި މުބާރާތަށް ތައްޔާރުވީ ކޯޗު އަހުމަދު އަދީލް (ބޭބެ)ގެ އިރުޝާދުގެ ދަށުންނެވެ. އެކަމަކު މުބާރާތުގައި ޓީމަށް ބެންޗުގައި އިރުޝާދުދެނީ ބޭބެގެ އެހީތެރިކަމާ އެކު އެސިސްޓަންޓް ކޯޗު މުހައްމަދު ފައިސަލް އެވެ. ބޭބެ އަށް ބެންޗުގައި އިނދެ ޓީމަށް އިރުޝާދު ނުދެވެނީ މުބާރާތަށް ފޮނުވި ދެ ޓީމު ލިސްޓުގެ ތެރެއިން އޭވީސީން ބަލައިގަތް ޓީމު ލިސްޓުގައި ކޯޗެއްގެ ގޮތުގައި ބޭބެގެ ނަން ނެތުމުންނެވެ. އެހެން ނަމަވެސް ބޭބެ އަންނަނީ ބެންޗު ބޭރުން ވެސް ޓީމަށް އިރުޝާދުދިނުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އޭވީސީ މުބާރާތަށް ރާއްޖޭން ތައްޔާރުވިއިރު، އަންހެން ޓީމަށް ވަނީ ގައުމީ ފިރިހެން ޓީމަށް ހަމަޖެއްސި ދުނިޔޭގެ ފެންވަރުގެ ކޯޗެއް ކަމަށްވާ މިލޮރަޑް ކިޔަޗްގެ އެހީތެރިކަން ލިބިފަ އެވެ. މި މުބާރާތަށް ފަހު އަންހެން ވޮލީ ޓީމު ތައްޔާރުވާނީ އަންނަ މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސް އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު ހަގީގަތް
14 November 2019
މިއީ އަހަރެން ބުނި ވާހަކަ. ރާއްޖެޔަކު އަދި ނެތް މިސަރަހައްދުގެ އެންމެ ވަރުގަދަ ޓީމްތައް ބަލިކުރެވޭ ފެންވަރެއް. ނޭޕާލް، ސްރީ ލަންކާ އަދި އިންޑިޔާއެއީ އެހެން ލެވަލްއެއް. އަސްލު ކިރްގިސްތާން ނޭޕާލާ ދެކޮޅަށް ރާއްޖެޔަށްވުރެ މޮޅަށް ކުޅުުނު. އެމީހުން ސެޓުތަކުން ބަލިވީ ރަނގަޅު ފައިޓެއް ދީފައި. އަހަންނަށް ހީވަނީ ރާއްޖެ ކިރްގިސްތާން އަތުން މޮޅުވީ ނަސީބަކުންހެން.
ކުރުނބާ
14 November 2019
ތިޔަ ނަސީބު ނުވަތަ ތަޤްދީރަކީވެސް ކުޅިވަރުގަ އޮތް އެއްޗެކޭ، ނެދެލެންޑްސް ވެސް ކިތައް ފީފާ ވޯރލްޑް ކަޕް ފައިނަލް ކުޅެފި އަދިވެސް ތަށީގަ އަތްލެވޭވަރެއްނުވޭ.
އަސްލު ހަގީގަތް
14 November 2019
ތިކަން އަހަންނަށްވެސް އިނގޭ. އެކަމަކު އަހަރެން ބޭނުންވަނީ މޮޅު ކުޅުމާއެކު މެޗުތަކުން މޮޅުވާން. ނަސީބު އެހީވެގެނެއްނޫން. މޮޅު ކުޅުން ދައްކައި މެޗުތަކުން ބަލިވިޔަސް އެހާ ގިނައިން ފާޑެއް ނުކިޔާނެ.