ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ހަމަޖެއްސި ސާބިއާގެ މިލޮރަޑް ކިޔަޗްގެ ސިލެކްޝަނުގެ ތެރެއިން ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އާއި އަޝްފާގު އާދަމް (އައްކަޅޭ) އަދި މުހައްމަދު ޝާއިން (ޝާއިންޓެ) އަށް ސައުތު އޭޝިއަން ގޭމްސްގެ ސްކޮޑުން ފުރުސަތު ލިބިއްޖެ އެވެ.
ދިވެހި ސިފައިންގެ ކްލަބަށް މޮޅު ކުޅުމެއް ދައްކާ ޝާޑު އަށް ފުރަތަމަ ފަހަރަށް ޓީމުން ފުރުސަތު ލިބުނުއިރު، މިއީ ތަޖުރިބާކާރު ކުޅުންތެރިޔާ އައްކަޅޭ އާއި ޝާއިންޓެ އަށް އަލުން ޓީމުން ފުރުސަތު ލިބުނީ މެދުކެނޑުމަކަށް ފަހު އެވެ.
ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެދިން އައްކަޅޭ އަށް 12 އަހަރަށް ފަހު ގައުމީ ޓީމުން އެންމެ ފުރަތަަމަ ފުރުސަތު ގެއްލުނީ 2016 ވަނަ އަހަރުގެ ފަހު ކޮޅުގައި ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ކުރިންނެވެ. އޭގެ ފަހުން ގައުމީ ޓީމުން 2017 ވަނަ އަހަރު މާލޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ސްކޮޑުގައި އައްކަޅޭ ހިމެނުނެވެ. އެކަމަކު އެންމެ ފަހުން ކުޅުނު މުބާރާތްތަކުގައި ވާދަކުރި ގައުމީ ޓީމުގެ ސްކޮޑުގައި އައްކަޅޭ ނުހިމެނެ އެވެ. އައްކަޅޭ ވަނީ މި ފަހަރުގެ އިންޓަ ރިސޯޓް މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އަނިޔާގެ ސަބަބުން 2016 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ފަހު ޝާއިންޓެ ހުރީ ކުޅުމާ ދުރުގަ އެވެ. އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައި ނަމަވެސް އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ނުލިބެ އެވެ. އެކަމަކު ފަހަކަށް އައިސް ދައްކަމުން އަންނަ ރަނގަޅު ކުޅުމުގެ ސަބަބުން މި ފަހަރުގެ ޓީމުން ވަނީ ފުރުސަތު ލިބިފަ އެވެ.
އެކި ފަހަރު މަތިން ގައުމީ ޓީމުގެ ލިސްޓުގައި ހިމެނުނު ނަމަވެސް ފައިނަލް ސްކޮޑަކުން މިހާތަނަށް ސެޓަރު ޝާޑު އަށް ފުރުސަތު ނުލިބެ އެވެ. އެހެން ކަމުން ނޭޕާލުގައި މި މަހު ފަހުކޮޅު ފަށާ ސައުތު އޭޝިއަން ގޭމްސް ވެގެންދާނީ ޝާޑު ގައުމީ ޖޯޒީގައި ކުޅޭނެ ފުރަތަމަ މުބާރާތަށެވެ.
ސްކޮޑުގައި ދެން މުޅިން ހިމެނެނީ މި އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ނޭޕާލްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯނުގައި ވާދަކުރި ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ. އެ ފަހަރު ސްކޮޑުގައި ހިމެނުނު ނަމަވެސް މި ފަހަރު ޓީމުގައި ނެތީ ގައުމީ ޓީމުން ރިޓަޔާކުރި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި އަހުމަދު އަނިލް އަދި އަހުމަދު ޝިމާއު އެވެ.
ގައުމީ ފިރިހެން ވޮލީ ޓީމާއި ގައުމީ އަންހެން ވޮލީ ޓީމު ސައުތު އޭޝިއަން ގޭމްސް އަށް ފަރިތަކުރުމުގެ ގޮތުން މިރޭ ޓްރެއިނިން ކޭމްޕެއް ފުރާނެ އެވެ. މި ޓްރެއިނިން ކޭމްޕްގައި ދެ ޓީމަށް ވެސް ގައުމީ ފިރިހެން ޓީމުގެ ކޯޗު މިލޮރަޑް އެހީތެރިވާނެ އެވެ. ކުރިން ބަލްގޭރިއާ އާއި އީރާނުގެ ގައުމީ ޓީމަށް ކޯޗުކޮށްދިން މިލޮރަޑްގެ އެހީއާ އެކު ގިނަ ކަންތައްތަކެއް ގައުމީ އަންހެން ޓީމަށް ވެސް ދަސްވަމުން އަންނަ ކަމަށް ގައުމީ އަންހެން ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ވަނީ ބުނެފަ އެވެ.