ކުޅިވަރު

ވެލެންސިއާ ބަލިކޮށް ޔޫވީ ހަތަކަށް، ތަރިއަކީ ނާޖިހް

ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ނާޖިހް މެޗުގައި އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ފަހަތުން އަރައި ކުލަބު ވެލެންސިއާގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ތާވަލުގެ ހަތް ވަނައަށް ޖެހިލައިފި އެވެ.

މެޗުން މޮޅުވެ، ހޯދި ތިން ޕޮއިންޓާއެކު ޖުމުލަ 12 ޕޮއިންޓް ހަމަކޮށް ޔޫވީން ވަނީ، ކުރިން ހަތް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ. ދެ ޓީމަށް ލިބިފައި ވަނީ 12 ޕޮއިންޓެވެ. ފައިދާ ގޯލެއް ނެތް ދެ ޓީމުގައި، ޔޫވީއަށް ކުރި ލިބެނީ ސަސް އަށް ވުރެ ގެއްލުން ގޯލް މަދުވުމުންނެވެ. ސަސް އަށް ގެއްލުން 10 ގޯލެވެ. ޔޫވީއަށް ގެއްލުން ހަތް ގޯލެވެ. އެހެންވެ މިހާރު ތާވަލުގެ ފުލުގައި އޮތީ ސަސް އެވެ. މިއީ މި ސީޒަންގައި ޔުވީ ތާވަލްގެ ފުލުން ގުޑާލި ފުރަތަމަ ފަހަރެވެ.

މެޗުގައި ޔޫވީ މޮޅުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޒުވާން ގޯލްކީޕަރު އަލީ ނާޖިހް (ނާޖީ) އެވެ. ވެލެންސިއާގެ ހަމަލާތައް ދިފާއު ކުރުމުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ އަކުރަމް އަބްދުލް ގަނީ އަށް ލިބުނު "ވަން އޮން ވަން" ފުރުސަތުގައި ފޮނުވާލި ބޯޅައަށް ކުރިމަތިލައި، ނާޖީ ވަނީ މޮޅު ސޭވެއްކޮށް، އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްލާފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނާޖިހް ހޯދުމުން، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު އިމްރާން މުހައްމަދު މެޗަށް ފަހު ވަނީ ނާޖީއަށް މަރުހަބާ ކިޔާފަ އެވެ.

"އަޅުގަނޑުގެ ފުޓްބޯޅަ ހަޔާތުގައިވެސް ލިބުނު ފުރަތަމަ މޭން އޮފްދަ މެޗު މިއީ. ވަރަށް ބޮޑަށް ހިތްހަމަޖެހުމެއް ލިބިއްޖެ." ނާޖީ، 21 މެޗަށް ފަހު ބުންޏެވެ.

މެޗުގެ 29 ވަނަ މިނެޓްގައި ވެލެންސިއާ އިން ލީޑް ނަގައި ދިނީ ސްޕެއިންގެ ފޯވަޑް ބޮރްހްސް މާޓީން އެވެ. އޭނާ އަށް ލިބުނު ބޯޅަ އެއް ފަހަރު ގޯލުގެ ތެރެއަށް ފޮނުވާލީ، ކީޕަރު ނާޖިހް ކުރިއަށް ޖެހިލި ވަގުތުގެ ފައިދާ ނަގައިފަ އެވެ. ނާޖިހް އެނބުރި ބޯޅައަށް ބަލާލިއިރު ބޯޅަ އޮތީ އޭނާ ބަލަހައްޓަމުންދިޔަ ގޯލުގެ ތެރޭގަ އެވެ.

އެ ލަނޑާ ބެހޭގޮތުން ނާޖީ ބުނީ، ގޯލްކީޕަރެއް ވެއްޖެއްޔާ ގޯސް ހެދޭނެ ކުރިއެރުންތައް ލިބޭނީ ހެދޭ ގޯސްތަކުން ފިލާވަޅު ލިބިގެން ކަމަށެވެ.

ވެލެންސިއާ އަށް ލީޑު ހިފަހައްޓާ ލެވުނީ ފަސް މިނެޓެއްހާއިރެވެ. ޔޫވީއަށް ލިބުނު ޕެނަލްޓީއެއްގައި އިސްމާއީލް އީސާ ވަނީ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އަށް ބޯޅައިގެ މިސްރާބު އޮޅުވާލުމަށް ފަހު ލަނޑު ޖަހައި، މެޗު އެއްވަރުކޮށްފަ އެވެ.

ވެލެންސިއާއަށް ދިމާވި އަނެއް މައްސަލައަކީ، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޓީމުގެ ކީޕަރު ފައިސަލް އަށް އަނިޔާވެ، އޭނާ ބަދަލު ކުރަން ޖެހުމެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ފުރަތަމަ ބުރުގައި ވެލެންސިއާގެ ގޯލު ބެލެހެއްޓި ކީޕަރު މުހައްމަދު ޝާފީއު (ޗެކް) އެވެ.

ފުރަތަމަ ހާފުގައި އިތުރަށް ކުޅުނު ވަގުތުގެ ތެރެއިން، އެންމެ ފަހު މިނެޓްގައި ޔޫވީން ލީޑު ނެގި އެވެ. އީސަ ކޯނަރަކުން އޭރިޔާ ތެރެއަށް ނެގި ބޯޅަ، ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ބޮލުން ފޮނުވާލީ ގޯލުގެ ތެރެއަށެވެ.

ދެ ވަނަ ހާފުގައި ލަނޑު ޖަހާނެ މާ ތަނަވަސް ފުރުސަތުތައް ޔޫވީއަށް ލިބުނެވެ. އެ ޓީމުން އުފެއްދި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ވެލެންސިއާގެ ކީޕަރު ޗެކް އަތުން އޭރިއާ ތެރެއަށް ބޯޅަ ދޫވި އެވެ. އެ ބޯޅަ ޖަހަން ފުރުސަތު ލިބުނީ އޭރިއާ ތެރޭގައި ހުސްކޮށް ހުރި ޔޫވީގެ އަލީ ހައިސަމް (ޗުމްޕު) އަށެވެ. އޭނާއަށް ބޯޅަ ހުސްކޮށް ލިބުނު ނަމަވެސް ބޯޅަ ރަނގަޅަށް ނުޖެހުމުން އަލުން ކީޕަރު ޗެކް އެ ބޯޅަ ސަލާމަތް ކުރީ އެވެ.

ޔޫވީގެ ތިން ވަނަ ލަނޑު 83 ވަނަ މިނެޓްގައި އަނަޓޮލީ ވްލާސިޗޭވް ކާމިޔާބު ކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ޕެނަލްޓީ އޭރިއާ ދިމާލުން އަރިމަތިން އޭނާ ނެގި ހިލޭ ޖެހުން ގޮސް ވަނީ ގޯލްގެ ތެރެއަށެވެ. އެ ބޯޅައިގެ މިސްރާބު ޗެކަށް އޮޅުވާލުމަށްޓަކައި ބަކާ ވަނީ އެ ބޯޅަ ޖަހަން ފައި ހިއްލާލާފަ އެވެ. އެހެންވެ ކީޕަރު ޗެކަށް ބޯޅައިގެ މިސްރާބު އޮޅިގެން ދިޔަ އެވެ. ނަމަވެސް އެ ބޯޅައިގައި ބަކާ ފައިން ނުޖައްސަ އެވެ. ކީޕަރު ޗެކަށް ނުބައި ފަޅިއަށް ހަރަކާތް ކުރެވި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ، މިރޭގެ މެޗުން ވެލެންސިިއާ މޮޅުނުވިޔަސް، ރަނގަޅަށް ކުޅުނު ކަމށެވެ.

"އެންމެ ފަހު ތިން މެޗަށް ވުރެ ވެލެންސިއާ ތަންކޮޅެއް ރަނގަޅު ހެން ހީވަނީ މިރޭ ކުޅުނުލެއް،" އާތީ ބުންޏެވެ. "ބައެއް ރޭރޭ ރަނގަޅަށް ނުކުޅެ ތިން ޕޮއިންޓް ހިފައިގެން ދަނީ. މިރޭ ރަނގަޅަށް ކުޅޭ ތިން ޕޮއިންޓް ނުލައި މި ދަނީ."

ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސަސް އާއި ގްރާންޑޭ އެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑް

23 April 2021

ހިނާމެން ލައިގެން އާތީމެން ލައިގެން ކިތަށްމެ މޮޅު ސުކޮޑެއް އޮތަސް ކާމިޔާބެއް ނުހޯދޭނެ. ޒަމާނާ ގުޅޭ މޮޅު ބިދޭސީ ކޯޗެއް ހުރުން މުހިންމް

The name is already taken The name is available. Register?

ޝިމަޓު

23 April 2021

ސޯ ސޯ ވެރީ ޕްރައުޑް އޮފް ޔޫ !!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454