ޒައިން ޒަފަރުގެ ދެ ލަނޑާކު ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ކްލަބް އީގަލްސްއިން ތާވަލުގެ ފަސްވަނަ އަށް ޖެހިލައިފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗު އީގަލްސްއިން ކާމިޔާބު ކުރީ 4-1 ންނެވެ. އިއްޔެ ހަވީރު މާޒިޔާ އަތުން ވިކްޓަރީ ބަލިވެ، ރޭ ޔޫވީއާ ދެކޮޅަށް އީގަލްސް މޮޅުވުމުން، އެ ޓީމު ވަނީ ވިކްޓަރީގެ މައްޗަށް ދެ ޕޮއިންޓްގެ ލިޑެއް ނަގައިފަ އެވެ. 

މެޗުގެ 32 ވަނަ މިނެޓްގައި އީގަލްސް އަށް ލިޑް ނަގައިދިނީ ޒައިން ޒަފަރެވެ. އީގަލްސްއިން ނެގި ހުރަސް، ޒައިން ގޯލްގެ ތެރެއަށް ވައްދާލީ މުޅިން ހުސްކޮށް ހުރެ އެވެ. އެ ހުރަސް ދިފާއު ކުރަން ޔޫވީގެ ޑިފެންޑަރު ބޮލުން ޖަހަން ފުންމައިގެން ވެސް އެރި އެވެ. އޭނާގެ ބޮލާ ވައި އެލޭ ހިސާބު ކައިރިން ގޮސް ބޯޅަ ލިބުނީ ޒައިން އަށެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްއިން ލިޑް ފުޅާކުރި އެވެ. އެ ލަނޑު ޖެހީ މުހައްމަދު ސަބާހް މަސްރޫރެވެ. މެޗުގެ 59 ވަނަ މިނެޓްގައި ޔޫވީ ލަނޑު ޖެހީ މިސްރުގެ މުހައްމަދު ސާމިރެވެ. 

އޭގެ ފަސް މިނެޓް ފަހުން ޒައިން ދެވަނަ  ލަނޑު ޖަހައި އަލުން އީގަލްސްގެ ލީޑް ފުޅާ ކުރި އެވެ. ސިއަރަލިއޯންގެ މިޑްފީލްޑަރު އިބްރާހިމް ލެބޭ، ޔޫވީގެ އޭރިއާގެ އަރިމަތިން އަރައި ގޯލް ކުރިމައްޗަށް ދިން ބޯޅ ޒައިން ފަސޭހަ ކަމާ އެކު ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. 

އީގަލްސްގެ ހަތަރުވަނަ ލަނޑު ޖެހީ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އެވެ. 

ލީގުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭނީ ބުރު ސްޕޯޓްސް އާއި ވެލެންސިއާ އެވެ. މިރޭ ވާދަކުރާނީ ނިއު ރޭޑިއަންޓާއި ޓީސީ އެވެ.