ގާނޫނީ ވަކީލު މަހްފޫޒް ސައީދަށް މިދިޔަ ސެޕްޓެމްބަރު މަހު ވަޅިން ހަމަލާދިން މައްސަލާގައި ހޯދަމުންދާ ރ. އިނގުރައިދޫ ކަރަންކާގެ ހުސެއިން ޝަފްރާޒްގެ ޕާސްޕޯޓް އިމިގްރޭޝަނުން ކެންސަލްކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޝަފްރާޒްގެ ޕާސްޕޯޓް ކެންސަލްކުރި ކަން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

ޝަފްރާޒް ރާއްޖެ އަންނަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިމިގްރޭޝަނަށް ހުށަހެޅުމުން ރާއްޖެ އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓު ހަދައިދޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިއުލާނުގައި ބުނި ގޮތުގައި ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި އުޅެވިދާނެ މީހުންގެ ތެރޭގައި ޝަރުއީ ހުކުމަކަށް ނުވަތަ ތަހުގީގީ އިދާރާތަކަށް ބޭނުންވެގެން ހޯދާ މީހުން އެފަދަ އެންގުމަށް ތަބާނުވެ، ރާއްޖެ ނައިސް ދިރިއުޅޭ މީހުންނެއް ނުހިމެނެ އެވެ.

މާވެޔޮމަގުން ހިނގާފައި ދަނިކޮށް މަހްފޫޒުގެ ބޮލަށް ވަޅި ހެރި މައްސަލާގައި ދައުލަތުން ވަނީ ތިން މީހަކަށް ދައުވާ އުފުލައިފަ އެވެ. އެއީ ހުޅުމާލޭ ފްލެޓް 3-60 ފިރާޒް ޖައުފަރާއި ހ. ސެނާ، ޚާލިދު ނަފީއު އާއި ހުޅުމާލޭ 11270 އަހުމަދު ރާއިދުގެ އެވެ. ތިން މީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.

އެ ހަމަލާގައި މަހްފޫޒަށް ލިބުނު އަނިޔާތަކަށް އޭނާ ވަނީ ރާއްޖެ އިން ބޭރުން ވެސް ފަރުވާ ހޯދައިފަ އެވެ.