މަހްފޫޒަށް ހަމަލާ ދިނީ ދެ މީހަކު ވެގެން އޭނާ އަށް ފާރަލުމަށް ފަހު: ދައުލަތް

ގާނޫނީ ވަކީލު މަހްފޫޒް ސައީދަށް މިދިޔަ ސެޕްޓެމްބަރު މަހު ވަޅިން ހަމަލާދިނީ ދެ މީހަކު އޭނާ އަށް ފާރަލުމަށް ފަހު ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.


މާވެޔޮމަގުން ހިނގާފައި ދަނިކޮށް މަހްފޫޒުގެ ބޮލަށް ވަޅި ހެރި މައްސަލާގައި ދައުލަތުން ވަނީ ތިން މީހަކަށް ދައުވާ އުފުލައިފަ އެވެ. އެއީ ހުޅުމާލޭ ފްލެޓް 3-60 ފިރާޒް ޖައުފަރާއި ހ. ސެނާ، ޚާލިދު ނަފީއު އާއި ހުޅުމާލޭ 11270 އަހުމަދު ރާއިދުގެ އެވެ.

އެ ތިން މީހުންގެ ޝަރީއަތުގައި ދައުވާ އިއްވަމުން ދައުލަތުން ބުނީ މަހްފޫޒަށް ހަމަލާ ދިނުމުގެ ކުރިން މަހްފޫޒު އޮލިވް ގާޑްން ރެސްޓޯރެންޓުގައި ހުރެފައި އެ ތަނުން ނުކުތުމުން ދައުވާ ލިބޭ ފިރާޒާއި ޚާލިދު އެ ތަނުގައި ތިބެފައި އެކަން ދައުވާ ލިބޭ ރާއިދަށާއި އެހެން މީހަކަށް އެންގި ކަމަށެވެ.

މަހްފޫޒަށް ހަމަލާދިނީ އެހެން މީހެއްގެ ސައިކަލު ފަހަތުގައި އިނދެގެން ގޮސް ރާއިދު ކަމަށާއި ފިރާޒާއި ޚާލިދުގެ ދައުރަކީ ފާރަލުން ކަމަށް ދައުލަތުން ބުންޏެވެ. ފާރަލި ކަމަށް ބުނާ ފިރާޒާއި ޚާލިދުގެ މައްޗަށް ކުރަނީ މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށް ވާ އިރު ހަމަލާ ދިން ކަމަށް ބުނާ ރާއިދުގެ މައްޗަށް ކުރަނީ މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ.

ދައުވާ އިއްވުމުން ތިން މީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށް، ވަކީލަކު އައްޔަންކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ މިއަދުގެ އަޑުއެހުން ނިންމާލީ އެ ފުރުސަތު ދިނުމަށް ފަހު އެވެ.

އެ ހަމަލާގައި މަހްފޫޒަށް ލިބުނު އަނިޔާތަކަށް އޭނާ ވަނީ ރާއްޖެ އިން ބޭރުން ވެސް ފަރުވާ ހޯދައިފަ އެވެ.