ކ. ގުރައިދޫގައި ހިންގި މާރާމާރީއެއްގައި މީހަކު މިއަދު ޒަހަމްވެއްޖެ އެވެ.
ފުލުހުން މިރޭ ބުނީ ގުރައިދޫގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެތަނުން އެކަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ.
ތޫނު އެއްޗަކުން އޭނާއަށް ހަމަލާދިން މީހާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އޭނާއަށް ހަމަލާދިނީ ވަޅިއަކުންނެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާލީޒް "މިހާރު"އަށް ވިދާޅުވީ ކައުންސިލަށް އެ ޚަބަރު ލިބުނީ އެ ރަށު ހެލްތު ސެންޓަރުން އެ މައްސަލަ ރިޕޯޓްކުރުމުން ކަމަށެވެ.
އަނިޔާވި ޒުވާން އުމުރުގެ މީހާގެ ބަނޑުގައި ޒަހަމްތަކެއް ހުރި ކަމަށާއި އޭނާ ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެމީހެއްގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ކަމެއްކަމަށް މިހާތަނަށް އެނގިފައި އޮތީ،" ކައުންސިލް ރައީސް ވިދާޅުވި އެވެ.
މި މާރާމާރީއާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.