ދިވެހިންގެ އެތައް ހާސް އުފެއްދުމަކާ އެކު މި އަހަރުގެ "މޯލްޑިވްސް އެކްސްޕޯ" މިރޭ ފަށައިފި އެވެ.
އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއްތަނަކުން ދައްކާލުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވީ މިރޭ އެތަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.
އެކްސްޕޯ ހުޅުއްވައިދެއްވުމަށް ރައީސްގެ ދެކަނބަލުން ވަނީ ވަކިވަކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ފަންނުވެރިންނާ ބައްދަލުކުރައްވައި އެ މީހުންގެ މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ އެކިއެކި އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މޯލްޑިވްސް އެކްސްޕޯ އިންތިޒާމުކުރާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފައިވާ ގޮތުގައި، މި އަހަރުގެ އެކްސްޕޯގައި 419 ފަރާތަކުން 4,404 އުފެއްދުން ބައިވެރިކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރާ އަޅަބާލާއިރު 84 ޕަސެންޓު އިތުރު އަދަދެކެވެ.
މި އަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ގިނައީ އަމިއްލަ މީހުންނެވެ. އެއީ އަމިއްލަ ގޮތުން ބައިވެރިވި 321 މީހަކާއި 75 ވިޔަފާރިއަކާއި ހާއްސަ އެހީއަށް ބޭނުންވާ 16 މީހެކެވެ. އަދި ތައުލީމީ ދާއިރާ އާއި ޖަމިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ވަނީ މި އެކްސްޕޯގައި ބައިވެރިވެ އެވެ.
ޖުމްލަ 16 ދާއިރާއަކުން 73 ކެޓަގަަރީއެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި އެކްސްޕޯގައި އެންމެ ގިނަ އުފެއްދުންތައް ހިމެނެނީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެކެވެ.
ދެވަނައަށް އެންމެ ގިނަ އުފެއްދުންތައް ހިމެނެނީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގެ ދާއިރާއިންނެވެ. އެއީ 920 އުފެއްދުމެކެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވެސް ވަރަށް ގިނަ އަދަދެއްގެ އުފެއްދުންތައް މި އެކްސްޕޯގައި ބައިވެރިކޮށްފައިވެ އެވެ.
އެކްސްޕޯގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ދައްކާލުމަށް މި އަހަރު ސެންޓްރަލް ޕާކުގައި ހަތް ޑިސްޓްރިކްޓެއް ވެސް ހަދާފައިވެ އެވެ. އެއީ؛
- އެކްސްޕޯގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ދައްކާލުމަށް ހާއްސަ ޑިސްޓްރިކްޓް
- އިގުތިސާދީ ހަރަކާތްތަކަށް ހާއްސަ ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް
- ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ހާއްސަ ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް
- މުނިފޫހިފިލުމުގެ އެކި ހަރަކާތްތަކާއި ދިވެހި ސަގާފީ ހަރަކާތްތަކަށް ހާއްސަ އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް
- ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދޭ އެކި ހިދުމަތްތަކާއި ތަކެތި މާކެޓްކޮށް ވިއްކުމަށް ހާއްސަ މާކެޓްޕްލޭސް ޑިސްޓްރިކްޓް
- ޓޫރިޒަމްގެ ދާއިރާގެ އުފެއްދުންތަކާއި ހިދުމަތްތަކަށް ހާއްސަ ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓް
- ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ ހިދުމަތްތައް ދައްކާލުމަށް ހާއްސަ އިންޓަނޭޝަނަލް އެގްޒިބިޓާސް ޑިސްޓްރިކްޓް
މި އަހަރުގެ މޯލްޑިވްސް އެކްސްޕޯ ކުރިއަށް ގެންދަނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އާ ހަމައަށް އާންމުންނަށް މި އެކްސްޕޯ ހުޅުވިފައި ހުންނާނެ އެވެ.