ރައީސް އޮފީހަށް ޝަކުވާ ހުށަހެޅުމަށް ހާއްސަކޮށްގެން އުފެއްދި ބިއުރޯގެ އޮފީސްތައް މާލެ އާއި ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ. 

ރައީސް އޮފީހުން ބުނީ ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޒިޔާރަތް ކުރެވޭ ގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ)ގެ ދެ ލައުންޖް މާލެ އާއި ހުޅުމާލޭގެ ފޭސް 1 ގައި މިހާރު ހުޅުވާފައިވާ ކަމަށެވެ. 

އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް، ފަސޭހައިން ޒިޔާރަތް ކުރެވޭ ގޮތަށް ހުޅުވި ސީސީބީގެ މާލޭ ލައުންޖް ހުންނަނީ ހެންވޭރު ފެރީ ޓާމިނަލުގަ އެވެ. އަދި ހުޅުމާލޭގެ ލައުންޖް ހުންނާނީ އުމަރު ޒާހިރު ބިލްޑިންގެ ގްރައުންޑް ފްލޯގަ އެވެ.

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ) މާލޭގެ ލައުންޖު: އެތަން ހުންނަނީ ހެންވޭރު ފެރީ ޓާމިނަލްގައި --- ފޮޓޯ/ރައީސް އޮފީސް
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ) މާލޭގެ ލައުންޖު: އެތަން ހުންނަނީ ހެންވޭރު ފެރީ ޓާމިނަލްގައި --- ފޮޓޯ/ރައީސް އޮފީސް

އެ ދެ ލައުންޖުތަކުގެ ޚިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ހަމައަށް ލިބޭނެ ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި ހުޅުމާލޭގެ ފޭސް 2 ގައި ވެސް އެ ބިއުރޯގެ ލައުންޖެއް ހުޅުވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދެވީ މިދިޔަ އެޕްރީލް މަހު 16 ވަނަ ދުވަހު އެވެ. އަދި އެއީ އާންމުންގެ ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ހިދުމަތް ދިނުމަށް ގާއިމް ކުރެއްވި ބިއުރޯއެއް ކަމަށް ރައީސް އޮފީހުން އޭރު ބުނެފައިވެ އެވެ. 

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން މިހާރު ވަނީ އާންމުންގެ ހިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ހާއްސަކޮށް ސިޓިޒަންސް ވޮއިސްގެ ނަމުގައި ވެބް ޕޯޓަލެއް އިފްތިތާހުކޮށް، 24 ގަޑިއިރު ހިދުމަތް ދޭ ކޯލް ސެންޓަރެއް ވެސް ގާއިމްކޮށްފަ އެވެ.

އެ ބިއުރޯގެ ކޯލް ސެންޓަރުގެ ހިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބޭނެ އެވެ.