އިންޑިއާ ސަރުކާރުން އެމްއެންޑީއެފް އަށް 24 ވެހިކަލް މިއަދު ހަދިޔާކޮށްފި އެވެ.
އެ ވެހިކަލްތައް ހަވާލުކުރީ މިއަދު އެކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އިންޑިއާގެ ފަރާތުން އެ ވެހިކަލްތައް ރާއްޖެއާ ރަމްޒީގޮތުން ހަވާލުކޮށްދެއްވީ، ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން އެވެ. އެމްއެންޑީއެފުގެ ފަރާތުން ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.
އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިން ވެސް އެމްއެންޑީއެފަށް ބައެއް ވެހިކަލްތައް ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ކަނޑާއި ވައިގެ މަގުން ދުއްވާ އުޅަނދުތައް ވެސް ހިމެނެ އެވެ.
މިފަހަރު ހަދިޔާކުރެއްވި ވެހިކަލްތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ވަނީ މުހިންމު އެއްބަސްވުމެއްގައި ވެސް ސޮއިކުރައްވައިފަ އެވެ. އެއީ އެ ގައުމުން ރާއްޖޭގައި މިހާރު ހިންގަމުން އަންނަ މަޝްރޫއުތައް އަވަސްކުރުމުގެ ގޮތުން އިންޑިއާގެ އެގްޒިމް ބޭންކުން ދޭން ނިންމި އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުމެވެ.
މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަދިވެސް ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާ ވެސް އޭނާ ބައްދަލުކުރެއްވި އެވެ.