ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރޭ ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި އެވެ.
ޔުނިކޯޑް ސްޓޭންޑާޑް ވާޝަން UNICODE 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، ދިވެހި ރުފިޔާގެ ނިޝާނަށް ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.
އެމްއެމްއޭ އިން ބުނީ 2022 ވަނަ އަހަރު ތައާރަފުކޮށްފައިވާ ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑާޑްގައި ހިމެނިގެން ދިއުމުން، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތައް އަދި އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުން ކުރެވޭނެ ކަމަށެވެ.
އެއީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގައި ހާސިލްވި މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
އެހެންވެ، ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް އެ އެމްއެމްއޭއަށް މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ޔުނިކޯޑް ކޮންސޯޓިއަމްއަކީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެކި ގައުމުތަކުގެ ފައިސާގެ ނިޝާންތައް އެއް މިންގަނޑަކުން ދެނެގަނެވޭ ގޮތަށް ހަދައި، އަދި އެކަން ބަލަހައްޓާ އިދާރާ އެވެ. ނަމަވެސް އެ ގައުމެއްގެ ފައިސާގެ ނިޝާންތައް ތައްޔާރުކޮށް، ޑިޒައިން ކުރުމަކީ އެ ގައުމެއްގެ ރަސްމީ އިދާރާތަކުން އަމިއްލައަށް ކުރާ ކަމެކެވެ.