ކުޅުންތެރިން ކުށްވެރި ނުކުރާނެ ކަމަށް ސީރިއާ އަތުން ބަލިވި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗް މާޓިން ކޫޕްމަން ބުނެފި އެވެ.

ރާއްޖޭގެ ކޯޗް ކަމާ ހަވާލުވެ 15 މަސް ފަހުން ކޫޕްމަންގެ ފުރަތަމަ މެޗުގައި، ރާއްޖެއިން ސީރިއާ އާ ދެކޮޅަށް ކުޅުނު މެޗުން ރޭ ބަލިވީ 0-4 އިންނެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަން ގުރޫޕް އޭ ގައި ދުބާއީގައި ކުޅުނު މި މެޗަށް ގައުމީ ޓީމު ތައްޔާރުވާން ދަނޑުގައި ޕްރެކްޓިސްކުރަން ލިބުނީ ނުވަ ދުވަހެވެ. ހަ ހަފުތާ ހޭދަވީ ޕްރެކްޓިސް ކުރަން ނުލިބި އެވެ. ސީނިއާ ޓީމުން މެޗެއް މި ކުޅުނީ 16 މަސް ދުވަސް ފަހުންނެވެ.

"އަހަންނަށް ހީވަނީ އަހަރެމެންގެ ހުރި ހުރިހާ ސަބަބުތަކެއް ކިޔައިދޭކަން ނުޖެހޭނެ ހެން،" ސީރިއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކޫޕްމަން ބުންޏެވެ. "މިއީ ވަރަށް އުނދަގޫ ގޭމެއް. ތިން ޕެނަލްޓީ ސީރިއާ ޓީމަށް ލިބުނު."

"ސީރިއާ ހުރިހާ ގޮތަކުން އަހަރެމެންނަށް ވުރެ ވަރުގަދަ. ކުޅުންތެރިން ކުށްވެރިކުރާކަށް އަހަރެން ނެތިން. ކުޅުންތެރިންނަށް ކުރެވެން ހުރި ހުރިހާ ކަމެއް އެ ކުޅުންތެރިން ކުރި. ސަބަބަކީ އަހަރެމެންނަށް އެނގޭ އަހަރެމެން މިއައީ ކޮން ހާލަތެއްގެ ތެރެއިންކަން."

އުނދަގޫ ހާލަތެއްގެ ތެރެއިން ވެސް ބޮޑު އިންޖަރީއެއް ނެތި މެޗު ނިންމާލުން ކޫޕްމަން ފާހަގަކުރީ ހިތްހަމަޖެހުމާއެކު އެވެ. އޭނާ ބުނީ ދުބާއިގައ ކުޅޭ ދެ ވަނަ މެޗަށް އާ ރޫހަކާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.

"އެކަކު އަނެކަކަށް ކުށްވެރި ކުރާކަށް ނެތިން. މާދަމާ އަނެއްކާ ދެ ވަނަ މެޗަށް ތައްޔާރުވާން ފަށާނަން."

ދުބާއީގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ޗައިނާ އާ ދެކޮޅަށް ނުކުންނާނީ އަންނަ ހުކުރު ދުވަހު އެވެ.