ސުޕަހީރޯ ޖޯންރާ އަކީ އެހާ ގަޔާވާ އެއްޗެއް ނޫން ކަމަށާއި ދެން ދުވަހަކު ވެސް އެ ޖޯންރާގެ ފިލްމެއް ނުކުޅޭނެ ކަމަށް މަޝްހޫރު އެކްޓަރު ލިއަމް ނީސަން ބުނެފި އެވެ.

ސުޕަހީރޯ ފިލްމުތައް ކަމަށްވާ "ބެޓްމޭން" އާއި "ޑާކް ނައިޓް ރައިސެސް" ގެ ރޯލްތަކެއް ކުޅުނު 67 އަހަރުގެ އިނގިރޭސި އެކްޓަރު އީޓީ އަށް ދިން އިންޓަވިއުއެއްގައި ބުނީ ސުޕަހީރޯ ފިލްމުތައް ކުޅުމަކީ އޭނާ އަށް ފަސޭހަ ވެސް ކަމެއް ނޫން ކަމަށެވެ. އެއް ސަބަބަކީ އެފަދަ ކެރެކްޓާތައް ކުޅެން، ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ގިނަ ވަގުތު ޖިމްގައި ވަގުތު ހޭދަ ކުރަން ޖެހުމެވެ.

"މައިގަނޑު ސަބަބަކީ އެއީއެއް ނޫން. ހަގީގަތުގައި ސުޕަހީރޯ ޖޯންރާ އަކީ އަހަރެން އަމިއްލަ އަށް އެހާ އެންޖޯއިވާ ކަހަލަ ޖޯންރާއަކަށް ނުވުން. އެހެންވެ ދެން ދުވަހަކު ވެސް އެކަހަލަ ފިލްމަކަށް އެއްބަހެއް ނުވާނަން." ޓޭކެން ފަދަ ފިލްމުތައް ކުޅުނު ނީސަން ބުންޏެވެ.

އޭނާ ބުނީ އަމިއްލަ އަށް ސުޕަހީރޯ ފިލްމުތަކަށް ގަޔާނުވިޔަސް، އެކަހަލަ ފިލްމުތައް ކުޅޭ ތަރިން ކުރާ މަސައްކަތް ބަލައިގަންނަނަ ކަމަށެވެ.

މިދިޔަ އަހަރު "ކޯލްޑް ޕާސުއިޓް" އާއި "މެން އިން ބްލެކް: އިންޓަނެޝަނަލް" ގެ އިތުރުން "އޯޑިނަރޫ ލަވަ" އިން ފެނިގެންދިޔަ ނީސަންގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރާ "އޮނެސްޓް ތީފް" އެވެ.

ދާދި ފަހުން މަޝްހޫރު ޑައިރެކްޓަރު މާޓިން ސްކޯސެސީ އާއި ޖޭމްސް ކެމެރޮން ސުޕަހީރޯ ފިލްމުތަކާ ބެހޭ ގޮތުން ދެއްކި ވާހަޖަކަތާ ގުޅިގެން އެ މީހުންނަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ.

ސްކޯސެސީ ބުނެފައިވާ ގޮތުގައި ސުޕަހީރޯ ފިލްމުތަކަކީ އަސްލު ސިނަމާ ނޫން ކަމަށާއި އެފަދަ ފިލްމުތަކުގައި އެއްވެސް ވަރަކަށް އިންސާނުންގެ ހަގީގީ އިހުސާސްތަކެއް ނުހުންނަ ކަމަށެވެ.