އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ފަސް ސިޓީގެ މޭޔަރުގެ ގޮނޑީގެ އިތުރުން ރަށު ކައުންސިލްތަކުގެ ރައީސުންގެ ގިނަ ގޮނޑިތައް ވެސް އެމްޑީޕީން ކާމިޔާބު ކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އިއްޔެ ބޭއްވި އިންތިހާބުގައި ސިޓީތަކާއި ރަށު ކައުންސިލްތަކުގެ ޖުމްލަ 246 ގޮނޑި އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ.
އޭގެތެރޭގައި، ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި އާއި، ރަށު ކައުންސިލްގެ ރައީސުންގެ 70 ގޮނޑި އާއި ކައުންސިލް މެމްބަރުންގެ 171 ގޮނޑި ހިމެނެ އެވެ.
އޭގެ ބަދަލުގައި، ވެރިކަންކުރާ ޕީއެންސީއަށް ލިބިފައިވަނީ ޖުމްލަ 218 ގޮނޑި އެވެ. އެގޮތުން، ޕީއެންސީއަށް ކާމިޔާބުވެފައިވަނީ، ރަށު ކައުންސިލްގެ ރައީސުންގެ 68 ގޮނޑި އާއި ކައުންސިލް މެމްބަރުންގެ 150 ގޮނޑި އެވެ.
ތިންވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ މިނިވަން ކެންޑިޑޭޓުންނެވެ.
- މިނިވަން - 81 ގޮނޑި
- އެމްޑީއޭ - 10 ގޮނޑި
- ޑިމޮކްރެޓްސް - 2 ގޮނޑި
- އަދާލަތު ޕާޓީ - 1 ގޮނޑި
- ޖުމްހޫރީ ޕާޓީ - 1 ގޮނޑި
މޭޔަރުންގެ ގޮނޑިތަކުގެ އިތުރުން ސިޓީތަކުގެ މެޖޯރިޓީ ވެސް އެމްޑީޕީއަށް ވަނީ ލިބިފަ އެވެ.
މިގޮތުން، މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ގޮނޑި ފިޔަވައި، ދެން ހުރި ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ތިބޭ 11 މެމްބަރުންގެ ތެރެއިން، ޕީއެންސީއަށް ލިބިފައިވަނީ އެންމެ ގޮނޑި އެކެވެ. ބާކީ ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
ފުވައްމުލަކު ސިޓީގެ ވެސް އެެއް ގޮނޑި ފިޔަވައި، ދެން ހުރި ގޮނޑިތައް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، އެމްޑީޕީއަށް ގެއްލުނު ގޮނޑި ކާމިޔާބުކޮށްފައިވަނީ މިނިވަން ކެންޑިޑޭޓެކެވެ.
ހަ މެމްބަރުން ތިބޭ ތިނަދޫ ސިޓީ ކައުންސިލްގެ ދެ ގޮނޑި ޕީއެންސީއަށް ލިބިފައިވާއިރު، ދެން ހުރި ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
ކުޅުދުއްފުށި ސިޓީގައި ވެސް، ޕީއެންސީއަށް ލިބުނު އެ ސިޓީގެ ހުޅަނގު ދެކުނު ދާއިރާގެ ގޮނޑި ފިޔަވައި، ދެން ހުރި ގޮނޑިތައް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ.
މީގެއިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ވެސް އިއްޔެ ނަގާފައިވާއިރު، އެ ވޯޓު ވެސް ބުރަވެފައިވަނީ އެކަން ކުރުމާ ދެކޮޅަށެވެ.
މިގޮތުން، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 192،549 އެ ރިފަރެންޑަމްގައި ވޯޓުލާފައިވާއިރު، 68.7 ޕަސެންޓު މީހުން ވޯޓުދިނީ މައި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށެވެ.
އިއްޔެގެ ތިން އިންތިހާބުގެ ނަތީޖާ އިހްތިރާމާ އެކު، ބަލައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު މި އިންތިހާބުތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އިހުތިރާމާ އެކު ބަލައިގަންނަން ކަމަށެވެ.
"ސަރުކާރުން ރަނގަޅު ކުރަން ޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.