ކ. މާފުށީ ކައުންސިލްގެ ރައީސް ކަމުގައި ފަސް އަހަރު ފުރިހަމަ ކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ހަސަން ސަލާހަށް މިފަހަރުގެ އިންތިހާބު ނާކާމިޔާބު ވެއްޖެ އެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މާފުށީގެ ގޮނޑިތައް އެކި ޕާޓީތަކަށް ލިބުނީ ވަރަށް ހަމަހަމަ އަށެވެ. އަދި މީގެ ފަސް އަހަރު ކުރިން 2021 ވަނަ އަހަރު އިންތިހާބުވި ކައުންސިލްގެ ރައީސް ސަލާހަށް މިފަހަރު ގޮނޑި ކާމިޔާބެއް ނުވި އެވެ.
ސަލާހަށް ލިބިވަޑައިގަތީ 487 ވޯޓެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވި ކައުންސިލް ކުރީގެ ނައިބް ރައީސް އަދި ޕީއެންސީގެ ކެންޑިޑޭޓު އަލީ ޝައްމޫނަށް ލިބުނީ 666 ވޯޓެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން މާފުށީ ކައުންސިލްގައި ހިމެނޭ ތިން ގޮނޑީގެ ތެރެއިން އެއް ގޮނޑި ޕީއެންސީއަށް ލިބުނެވެ. އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ލިބުނީ އެމްޑީޕީގެ މަރިޔަމް ޝިފާނާއަށެވެ. އަދި ކައުންސިލްގެ މެމްބަރު ކަމަށް ދެން ހޮވުނީ އަމިއްލަ ކެންޑިޑޭޓު ހުސެއިން އާމިލެވެ.
މީގެ އިތުރުން އަންހެނުން ކޮމެޓީގެ ހަތަރު ގޮނޑީގެ ތެރެއިން ދެ ގޮނޑި ޕީއެންސީން ހޯދިއިރު، އެއް ގޮނޑި އެމްޑީޕީ އަދި އަނެއް ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކަށް ވަނީ ލިބިފަ އެވެ.
ސަލާހުގެ ފަސް އަހަރުގެ މުއްދަތުގައި މާފުއްޓަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް ގެނަ އެވެ. އެގޮތުން އެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބިން ހިއްކައި، ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކުރަން ގޯތި ދިނެވެ.
ސަރުކާރުގެ އެމްޓީސީސީ ކުންފުނިން އެރަށް ހިއްކިއިރު އެ ރަށާއި އިންވެގެން ކުރިން ފިނޮޅެއްގެ ގޮތުގައި އޮތް ވަށްމާފުށި ވެސް ރަށެއްގެ ގޮތުގަައި ހިއްކާ ޕިކްނިކް އައިލެންޑެއް ހެދި އެވެ.