ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމު ހަރުދަނާކޮށް، މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ކުރަންވީ ދެވަނަ ބަހުސެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނާ އެކު ގަލޮޅު ކަންމަތީގައި ރޭ ބޭއްވި ޖަލްސާގައި އީވާ ވިދާޅުވީ ވޭތުވެދިޔަ ވިހި، ފަންސަވީސް އަހަރުގެ ތެރޭގައި ދިވެހީން މެދުގައި ހިނގި އެންމެ ބޮޑު ބަހުސަކީ، އެންމެ ބޮޑު މަޝްވަރާއަކީ އަދި އެންމެ ބޮޑު މަޝްރޫއަކީ ވެސް ޑިމޮކްރަސީ ކަމަށެވެ.
ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް 2000ގެ އަހަރުތަކުގެ ކުރީކޮޅުގައި ކުރި އިސްލާހީ މަސައްކަތަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރި އެ ބަހުސްގެ ސަބަބުން ލައްކަ ފައިދާ ކުރި ކަމަށެވެ.
"ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބަށް އަޅުގަނޑުމެން ސުލްހަވެރިކަމާ އެކީގައި، ވާދަވެރިކަމާ އެކީގައި ތައްޔާރުވަމުން މި ދާ ދިއުން އެއީ އަޅުގަނޑުމެން އެ ދުވަހު ކުރި ބަހުސްގެ އެންމެ އަސާސީ، އެންމެ ފުރިހަމަ، އެންމެ ޗާލު އެއް ސިފަ. އެއީ އަޅުގަނޑުމެންގެ އެންމެ ކާމިޔާބު އެއް ކަންތައް،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، އޭގެ 18 އަހަރު ފަހުން ބަލާއިރު، ފުރިހަމަ ނޫން، ނުރަނގަޅު، ގޯސް އެތައް ކަމެއް އަދިވެސް އެބަހުރި ކަމަށް އެންމެން ވެސް އެއްބަސްވާ ކަމަށް އީވާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިނގާ ގޮތާއި އިގްތިސާދު ދައުރުވާ ގޮތް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަކަށް ވެސް އެއްބަސް ނުވެވެނީ ހައްލަކީ ކޮބައިތޯ. އަޅުގަނޑުމެންނަށް އެއްބަސް ނުވެވިގެން މި އުޅެނީ މި ކަންކަމުގެ ހައްލަކީ ކޮބައިތޯ. އެކަމަކު ހައްލު ހޯދޭނީ އެކަމާ އަނެއްކާވެސް އެކަކު އަނެކަކާ ބަހުސްކުރަން ފަށައިގެން. އެކަކު އަނެކަކާ މަޝްވަރާ ކުރަން ފަށައިގެން،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ފުރިހަމަ ކުރެވޭނީ އެ ބަހުސަށް އަނެއްކާވެސް ހުޅުވާލެވިގެން ކަމަށާއި ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހުށަހަޅުއްވާ "ބޮޑު ބަދަލު"ގެ ހަގީގީ ވިސްނުމަކީ އެއީ ކަމަށެވެ.
"ޑިމޮކްރަސީގައި އަޅުގަނޑުމެން ކުރަންވީ އަނެއްކާވެސް ދެވަނަ ބަހުސް. އެ ދެވަނަ ބަހުސަށް އެ ހުށަހަޅުއްވާލީ. އެ ބަހުސަށް އަޅުގަނޑުމެން ތައްޔާރުވާންވީ،" އޭނާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ އެމްޑީޕީ އަދިވެސް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި އެމްޑީޕީގެ ކޮންމެ ނިންމުމަކީ މުޅި ގައުމަށް ވެސް އޭގެ އަސަރު ކުރާނެ ކަންކަން ކަމަށެވެ.
"އެމްޑީޕީން ހަދާ ގޮތެއް މުޅި ގައުމަަށް ވެސް ވާނީ. މުޅި ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީއަށް ހަދާ ގޮތަކުން މުޅި ގައުމަށް އަސަރުކޮށްގެން ދާނެ. އެހެންވީމަ، އަޅުގަނޑަށް އެނގޭ އެއްޗަކީ އެމްޑީޕީ އެ ހަދާ އެއްޗެއް ވާންޖެހޭނީ ފިސާރި ރަނގަޅު އެއްޗަކަށް ކަން،" އޭނާ ވިދާޅުވި އެވެ.