29 އޮކްޓޯބަރ 2023 - 09:02
ބޮޑު ހިލަ ޖެހުމާއި ބިން ހިއްކުމުގެ މަސައްކަތް ކުރާ އަމިއްލަ ކުންފުންޏެއްގެ އިސް ބޭފުޅަކު ޝަކުވާ ކުރެއްވި އެވެ؛ އޭނާ ވިދާޅުވި ގޮތުގައި މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ބިން ހިއްކުމާއި ބޮޑު ހިލަ ޖެހުމުގެ އެއްވެސް މަޝްރޫއެއް އަމިއްލަ ކުންފުންޏަކަށް ނުދެ އެވެ. އޭގެ ބަދަލުގައި ހުރިހާ މަޝްރޫއެއްހެން ދިނީ އެމްޓީސީސީ އަށެވެ.
"އެމްޓީސީސީގެ މައި ހިއްސާދާރަކީ ސަރުކާރު. އެހެންވީމަ ސަރުކާރަށް އޯކޭ ވާނެ ޕޭމަންޓް ނުދިނަސް، ލަސްކޮށްލިޔަސް. އެއީ އޭގެ ބޭނުމަކީ. ފައިސާ ނެތި ވެސް މަޝްރޫއު ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭގެ ނަތީޖާ ވަރަށް ގޯހެވެ. އެމްޓީސީސީ ކަހަލަ ވަރުގަދަ ކުންފުންޏެއް ބަނގުރޫޓުވާން މަގު ހުޅުވައިދެވެނީ އެވެ. އެކަމަކު ސަރުކާރުގެ ބޭނުން އެބަ ފުދެ އެވެ.
ހަމަ އެއްވެސް ސަރުކާރެއްގައި ވަރަށް ގިނަ ކުންފުނިތަކަށް ހާލަތުން އަރައި ނުގަނެވޭ މައިގަނޑު ސަބަބަކީ މި އެވެ. ރިޕޯޓްތަކުގައި ބައެއް ކުންފުނިތަކުން ރެޑް އެލާޓް ނުފިލާ އޮތީ ވެސް މިހެންވެ އެވެ. އަދި، ކިތަންމެ ރަނގަޅު ހިންގުންތެރިޔަކު ގެނަޔަސް، ކުންފުންޏަށް ކުރިއެރުމެއް ވެސް ނުލިބެނީ ހަމަ އެހެންވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ބޭފުޅުން ކުންފުނިތަކުގެ ހިންގުން ބަލަނީ -- ފައިލް ފޮޓޯ: މިހާރު
ފަސް އަހަރުގެ ދައުރެއް ނިމިގެންދަނީ އެވެ. ދައުލަތުގެ ވަރަށް ގިނަ ކުންފުނިތައް އޮތީ ވަރަށް ހާލުގަ އެވެ. ހާއްސަކޮށް އާންމުންނާ ގުޅުން ހުރި ހިދުމަތްތައް ދޭ ކުންފުނިތަކެވެ.
ފެނަކައިގެ ކޮރަޕްޝަނާއި ބޮޑު ދަރަންޏެވެ. އާރްޑީސީގެ ޕެޓީ ކޭޝް މައްސަލަ އެވެ. އެމްޕީއެލާއި އެފްއެސްއެމްގެ ތެލުގެ ބޮޑު ވައްކަމުގެ ތުހުމަތެވެ. އެކަން އެއްފަރާތްކޮށްލާފައި ކުންފުނިތަކުގެ ހިންގުން ދޯދިޔާ ވާހަކަތަކާއި ދެކޮޅު ނުޖެހިގެން ސަރުކާރުން އަބަދުހެން ފައިސާ ޕަމްޕް ކުރާ ވާހަކަތައް ވެސް އިރުއިރުކޮޅާ ދެކެވެ އެވެ. ދައުލަތުގެ ވަރަށް ކުންފުނިތަކުގެ ހާލަތު މި ވަގުތު އޮތީ، ވަރަށް ވެސް ދަށު ދަރަޖައެއްގަ އެވެ. ބައެއް ކުންފުނިތައް އެއްކޮށް އޯވަހޯލް ކުރަން ޖެހޭ އިރު، އަނެއްބައި ކުންފުނިތަކަށް ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް ގެނެސް، ބޯޑުތަކުން ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ދުއްވާލަން އެބަ ޖެހެ އެވެ.
ސަރުކާރުގެ ގާތްގަނޑަކަށް 32 ކުންފުނި އޮތް އިރު ދައުލަތަށް ފައިދާއެއް ވަނީ އޭގެ ތެރެއިން ދިހަ ވަރަކަށް ކުންފުންޏަކަށެވެ. ކޮންމެހެން މުހިއްމު ނޫން ކުންފުނިތައް ވެސް ހިންގަން މަޖުބޫރުވާ އެއް ސަބަބަކީ، އެކި އެކި ސަބަބުތަކާ ހެދި ވަޒީފާ އަށް ވައްދާފައި ތިބި މުވައްޒަފުންނާ މެދު ކަންކަން ކުރާނެ ގޮތެއް ނޭންގިގެންނެވެ.
މި ސަރުކާރު އައިއިރު ދައުލަތުގެ ކުންފުނިތަކުގެ ދަރަނި އޮތީ 23 ބިލިއަން ރުފިޔާގަ އެވެ. ވޭތުވެދިޔަ ފަސް އަހަރު އެ ދަރަނި ވަނީ 30 ޕަސެންޓު އިތުރު ވެފަ އެވެ. އެހެންވެ މިހާރު ކުންފުނިތަކުގެ ދަރަނި ވަނީ 32 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 2018 ވަނަ އަހަރު ނިމުނު އިރު 18،600 ހުރި އިރު މި އަހަރުގެ ފުރަތަމަ ތިން މަހާ ހަމައަށް އެ އަދަދު ވަނީ، ގާތްގަނޑަކަށް ދެ ގުނައާ ގާތް ކުރާ އަދަދަކަށް އިތުރު ވެފަ އެވެ. މިއީ ކުންފުނިތަކުގެ ދަރަނި އިތުރުވެ، ހިންގުން ބޮއްސުންލައިގެން ދިޔަ މައިގަނޑު އެއް ސަބަބެވެ.
މި ވަގުތު ސަރުކާރު ހިއްސާވާ 32 ކުންފުނީގައި 33،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެއީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ ވެސް ގިނަ އަދަދެކެވެ. އޭގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ، އެންމެ ބޮޑު ހިންގުމުގެ މައްސަލަތައް ކުރިމަތިވެފައި އޮތް ފެނަކަ ކުންފުނީގަ އެވެ. އެ ކުންފުނީގައި މި ވަގުތު 7000 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ. ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އިތުރުވި އިރު، ގިނަ ކުންފުނިތަކަށް ލިބޭ އާމްދަނީ އަށް ވުރެ 100 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ހޭދަކުރެ އެވެ.
ބައެއް ކުންފުނިތައް އުފެދޭ އިރު ވެސް އޮންނަނީ މިންގަނޑު ބޭރުވެފަ އެވެ. ސަބަބަކީ، ކުންފުނި އުފައްދާ އަސްލު މަގުސަދަކީ ސިޔާސީ ގޮތުން ވަކި ކަމެއް ހާސިލް ކުރަން ކަމަށް ވާތީ އެވެ. އެހެންވެ، އެ ކުންފުންޏަކަށް ދެން ހިންދަމާލުމުގެ ފުރުސަތެއް ނުލިބެ އެވެ. މީގެ ކުރިން ވެސް ވެފައި ހުރީ ހަމަ އެހެންނެވެ. އޭގެ ތެރޭގައި ޓޫރިޒަމަށް އުފެއްދި ކުންފުނިތައް ވެސް ހިމެނެ އެވެ.
އުފެދި، ރަނގަޅަށް ހިނގައިގަނެފައިވާ ކުންފުނިތަކަށް ވެސް ހަމަ މި މައްސަލަ ދިމާވެ އެވެ. ރަނގަޅަށް ހިންގަމުން ދަނިކޮށް، ސަރުކާރުގެ ކޭޝްފްލޯ އަށް މައްސަލައެއް ދިމާވެއްޖެ ނަމަ، އެކަން ހައްލުކުރަން ބައެއް ކުންފުނިތައް ބޭނުންކޮށްފައި ހުރި ކަމަށް ވެ އެވެ. އަދި، އޭގެ ސަބަބުން ކުންފުނީގެ ހިންގުމަށާއި އޮޕަރޭޝަނަށް ވަރަށް ބޮޑަށް އަސަރުކޮށް ކުންފުނި އަޑިއަޑާލައިފައިވާ ކަން، ބައެއް ބޭފުޅުން ދެއްވާފައިވާ މައުލޫމާތުތަކުން އެނގެ އެވެ.
ސަރުކާރު ކުންފުނިތަކުގެ ދަރަނި. ފަސް އަހަރުން ދަރަނި ވަނީ 9 ބިލިއަން ރުފިޔާއަށް އިތުރުވެފައި
އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރުގެ އެކި މަގްސަދުތައް ހާސިލު ކުރަން، ކުންފުނީގެ ސްކޯޕާ ނުގުޅޭ މަސައްކަތްތައް ހަވާލުކޮށް، ކުންފުންޏަށް ނުތަކާ ވަރަށް ކަންކަން ކުރަން ޖެހުމެވެ. އަދި ބައެއް ހާލަތްތަކުގައި އެ އަހަރުގެ ޕްލޭނުގައި ނެތް ކަންކަން ކުރަން ކުއްލިކުއްލި އަށް ސަރުކާރުން ޑިމާންޑު ކުރުމުން މުޅި ކުންފުނީގެ އަމާޒަށް ދިއުމަށް ގޮންޖެހުންތަކާ ކުރިމަތިވުމެވެ.
ކުރީގެ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު، "މިހާރު"ގެ "މެދުސަފުހާ" އަށް ވިދާޅުވި ގޮތުގައި، މި ފަސް އަހަރުގެ ތެރޭ، ސަރުކާރުގެ ބައެއް ކުންފުނިތައް ބޭނުން ކުރީ، އިންތިހާބުތަކާ ދިމާކޮށް، ސަރުކާރުން ބޭނުންވާ މީހުންނަށް ވަޒީފާ ދިނުމަށާއި، ބައެއް ފަންޑުތައް ނާޖައިޒް ގޮތުގައި ބޭނުން ކުރުމަށް "ކަވާއަޕް" އެއްގެ ގޮތުގަ އެވެ.
"މިސާލަކަށް ރޯޑު ކޯޕަރޭޝަން ކަހަލަ ތަންތަނުގެ މަގްސަދަކީ ސީދާ މަގު ހެދުމެއް ވެސް ނޫން. ވަކި ވަޒީފާތަކެއް ހެއްދުމަށްޓަކައި [އެކަނި]. ދެން މި ހުންނަނީ ފަންޑުތައް މިސްމެނޭޖުކޮށް ނުވަތަ މިސް ޔޫސްކުރަން ހަދާ ބައެއް ކަހަލަ ކުންފުނިތައް. މިސާލަކަށް ފެނަކަ ކޯޕަރޭޝަން. އެކަހަލަ ކުންފުނި އުފެއްދީ ވެސް ބައިވަރު މީހުންނަށް އެއްފަހަރާ ވަޒީފާ ދޭން. ބޯޑު ވެސް ހެދީ އެގޮތަށް،" މި ސަރުކާރުގައި ހުންނަވައި، ފަހުން ވާދަވެރި ޑިމޮކްޓެސް އަށް ބަދަލުވެ ވަޑައިގެން އަމްރު ވިދާޅުވި އެވެ.
މިކަހަލަ ކަންކަމާ ހުރެ ކުންފުނިތަކުގެ ހަގީގީ މަގްސަދު އޮންނަނީ ހަމައެކަނި ފޮތެއްގައި ލިޔެއްފައި އޮންނަ އެއްޗެއްގެ ގޮތުގަ އެވެ. ބޯޑުތަކާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ސިޔާސީ މީހުން އައްޔަން ކުރުމުން، ކުންފުނީގެ ހަގީގީ މަގްސަދު ހާސިލު ކުރުމުގެ ބަދަލުގައި ކުންފުނިތަކުގައި ވެސް އޮންނަނީ ސިޔާސީ ހަރަކާތްތަކެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މަޖިލީހުގެ ކޮމިޓީއެއްގައި-- ފައިލް ފޮޓޯ: މިހާރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ފާހަގަކުރެއްވި އެއް ކަމަކީ، ބައެއް ހާލަތްތަކުގައި ކުންފުންޏެއްގެ ހިންގުމަށް އަސަރު ކުރަނީ، ކޮންމެހެން އެ ކުންފުނީގެ ހިންގުން ގޯސްވުމުގެ ބަދަލުގައި ސަރުކާރުން ނިންމާ ނިންމުމެއްގެ ސަބަބުން ކަމެވެ.
"މިސާލަކަށް މޯލްޑިވިއަންގެ ޓިކެޓް އަގު ކުޑަ ކުރަން ވެގެން ސަބްސިޑީ ދޭން ޖެހުނު. އެހެންވީމަ ކުންފުންޏެއްގެ ޕާފޯމަންސް އެބަ ޓައިވޭ ސަރުކާރުގެ ޕޮލިސީއާ ވެސް. އެހެންވެ ކުންފުނި ހިންގާ ގޮތް ގޯހޭ ކިޔައިފަ އެ ބްލޭމް ހަމައެކަނި ކުންފުނީގައި އެކަންޏެއް ވެސް ނޭޅުވޭ،" އޭނާ، "މިހާރު"ގެ "މެދުސަފުހާ" އަށް ވިދާޅުވި އެވެ.
އިންތިހާބީ ރައީސް ޑރ. މުހަންމަދު މުއިއްޒު ވެސް މި މައްސަލާގައި "މިހާރު"ގެ "މެދުސަފުހާ" އާ ވާހަކަ ދެއްކެވި އެވެ. ވިދާޅުވީ، ކުންފުނިތައް ހިންގުން އެހާ ބޮޑަށް ބޮއްސުންލައިގެން ދިޔައީ ސިޔާސީ ގޮތުން އެއްވެސް ޒިންމާދާރުކަމެއް ނެތި އެތަންތަނުގެ ވެރިންނަށް ތިބޭ މީހުން ހަރަދުކުރާތީ ކަމަށެވެ.
"މިސާލަކަށް ބައެއް ބައި އިލެކްޝަންތަކުގައި ސްޓެލްކޯ ފަދަ ކުންފުނިތަކުގެ ލޯންޗުތަކާއި މުވައްޒަފުން ވެސް އެބަ ބޭނުން ކުރޭ. އެއީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންވާ މަގްސަދެއް ހާސިލު ކުރަން ބޭނުން ކުރާތީ މިހެންވެގެން މިއުޅެނީ،" މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ލޯނު ނެގި 10 ކުންފުނި
"ކުންފުނިތަކުގެ މައިގަނޑު މަގުސަދުތައް ބަހައްޓާފައި ހަމަ ސިޔާސީ ބޭނުންތަކަށް ވަޒީފާތަކަށް މީހުން ނެގުން މައްސަލައަކީ. އަދި ކުރަން ނުޖެހޭ ހަރަދުތައް ކުރުން. އެންމެ ގޯސްކުރާ އެއް ކަމަކީ މިސާލަކަށް އާސަންދަ، އާސަންދަ އަކީ ނިކަމެތި މީހާގެ ބޭސްފަރުވާ އަށް އުފެއްދި ކުންފުންޏެއް. އަޅުގަނޑަށް މައުލޫމާތު ލިބިފައި އެބަހުރި އާސަންދައިގެ އިސް ވެރިން ރަށްރަށުގައި ޑެސްކް ޖަހައިގެން ތިބެގެން ބައެއް އިލެކްޝަންސްގައި ވޯޓުގެ ބޭނުމުގައި އާސަންދައިގެ ބޭސްފަރުވާގެ ނަމުގައި އެކިއެކި އެހެން ހަރަދުތައް ވެސް ކުރި ކަމަށް. މިއީ ޒިންމާދާރުކަން ކުޑަ ގޯސްކޮށް ކޮށްފައި ހުރި ކަންކަން. ފެނަކައިގެ ވެސް އެބަހުރި މިސާލަކަށް 100 މީހުން ބޭނުންވާ ތަންތަނަށް 300 މީހުން ވެސް ލައްވާފައި."
ސިޔާސީ ކަންކަމަށް ކުންފުނިތައް ބޭނުންކުރުމަކީ އާ ވާހަކައެއް ނޫނެވެ. އެ ހަރަކާތް އޮތީ ކުންފުނިތަކުގެ މުވައްޒަފުން ނެރެގެން ހަމައެކަނި މަސައްކަތް ކުރުވާ ހިސާބެއްގައި އެކަންޏެއް ވެސް ނޫނެވެ. އެކަން އޮތީ ކުންފުނިތަކުގެ ކޭޝްފްލޯއާ ވެސް ގުޅިފަ އެވެ. ވަސީލަތްތައް ވެސް ބޭނުން ކުރަނީ އެވެ. ތަނެއްދޮރެއް ބެލުމެއް ނެތި ވަޒީފާތަކަށް މީހުން ވެސް ވައްދަނީ އެވެ. ހަމަ އެހެންވެ، ނުއަގުގައި ކަންކަން ވެސް ކުރުވަނީ އެވެ. އޭގެ އެއް މިސާލަކީ ކުންފުނިތަކުގެ މެންޑޭޓްގައި ނެތް ކަންކަން ވެސް އެ ކުންފުނިތައް ލައްވާ ކުރުވުމެވެ. ނުވަތަ ކުންފުނީގެ އަސާސްތަކާ ހިލާފަށް ވެސް އެކަންކަން ކުރުވުމެވެ. އަދި ހަމަ އެހެންވެ، ބައެއް ކުންފުނިތައް ލައްވާ ކަންކަން ކުރުވާފައި ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ފަހުން ކަންކަން ވެސް ނުކުރުމެވެ. -- މިއީ ވަކި ސަރުކާރެއްގައި ކަންކަން ހިނގާގޮތެއް ނޫނެވެ. ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައި ވެސް އެކަން އޮތީ ހަމަ އެހެންނެވެ.
އިންތިހާބީ ރައީސް މުއިއްޒު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ސަރުކާރުގެ ކުންފުނިތައް އުފައްދަނީ މައިގަނޑު ދެ ސަބަބެއް ހާސިލު ކުރާށެވެ. އެއް ކަމަކީ، އަސާސީ ހިދުމަތްތައް އެކަށީގެންވާ އަގެއްގައި ފޯރުކޮށްދޭން ބަލާއިރު ޕްރައިވެޓް ސެކްޓަރާ ހަވާލުކޮށްފި ނަމަ އަގު ބޮޑުވެ ރައްޔިތުން ބުރަ ބޮޑުވެދާނެތީ އެވެ. އަނެއް ކުންފުނިތަކުގެ ބޭނުމަކީ، ވިޔަފާރި އުސޫލުން ކުންފުނިތައް ހިންގައި ދައުލަތަށް އާމްދަނީ ހޯދުމެވެ. އޭގެ މުޅި ނިޒާމަކީ ރައްޔިތުންގެ އަތުން ޓެކްސް ނެގުން މަދުކުރުމެވެ.
ކަރަންޓާއި ފެނާއި ތެލާއި ކާޑު ފޯރުކޮށްދިނުމާއި އެއާޕޯޓު ހިންގުމާއި ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ދިނުމަށް އުފެއްދި ކުންފުނިތަކުގެ އިތުރުން ދެން ހުރި ގިނަ ކުންފުނިތަކަކީ ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލައިގެން ވެސް ހިންގޭނެ ކުންފުނިތައް ކަމަށް، މި މައްސަލައިގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ގަބޫލު ކުރައްވަ އެވެ.
މިސާލަކަށް އެސްޓީއޯ އެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި އެސްޓީއޯ އަކީ އެ ސްކޭލްގައި ވިޔަފާރި ކުރަން ޖެހޭ ކުންފުންޏެއް ނޫނެވެ. އެ ކުންފުނީގެ ސަބަބުން އާންމު ވިޔަފާރިތަކަށް އެބަ ހުރަސް އަޅަ އެވެ. އެސްޓީއޯ އިން ސުޕަމާޓް ހިންގައި، އިލެކްޓްރޯނިކްސް ވިއްކައި މިކަހަލަ ކުދިކުދި ވިޔަފާރިތަކަށް ވަނުމަކީ ހަގީގަތުގައި ވެސް ބޭކާރު ކަމެކެވެ. ހަމަ އެގޮތަށް، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދޭ ބޮޑު ތިން ކުންފުންޏެއް އޮތުމާއި ކުންފުނިތައް ހަދައިގެން ޓޫރިޒަމްގެ ތެރެއަށް ސަރުކާރުން ވަނުން ވެސް އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.
ފެނަކައިގެ އެމްޑީ ސައީދު، އެ ކުންފުނީގެ އޮފީހުގައި މުވައްޒަފަކާއެކު.---ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުންފުނިތަކުގެ ބެލެނިވެރިފަރާތް، ފިނޭންސް މިނިސްޓަރު އަމީރު ވެސް ވިދާޅުވީ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފެނަކަ ކަހަލަ ކުންފުނިތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ގޮތުގައި އެމްއައިޓީޑީސީ އައި އެމްޓީޑީސީ އޮތް ނަމަވެސް ޓޫރިޒަމް ދާއިރާއަކީ ސަރުކާރުން ވަންނަން ޖެހޭ ދާއިރާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓޫރިޒަމަށް ޖެނެރަލީ ވަންނާކަށް ނުޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ސަރުކާރުން އެއްވެސް އިރަކު މާ ބޮޑަށް ވަދެގެން ކުރިއެރި ދާއިރާއެއް ނޫން ޓޫރިޒަމް އިންޑަސްޓްރީ އަކީ. އެހެންވީމަ ސީދާ ސަރުކާރު ހިންގުމަށް ކުންފުނިތައް ހެދުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. ހަމަ އެގޮތަށް ކުންފުނިތައް މާޖްކޮށްލައިގެން ރަނގަޅަށް ހިންގިދާނެ ކުންފުނިތައް ވެސް އެބަހުރި. އަނެއްކޮޅުން މިސާލަކަށް ތިޔަ ވިދާޅުވަނީ އެސްޓީއޯ. އެ ކުންފުނިން ވެސް ކުރަން ޖެހޭ ކަންކަމާއި ދޫކޮށްލެވިދާނެ ކަންކަން އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ދެން އޮތީ ހިންގުމުގެ މައްސަލަތަކެވެ. ބައެއް ކުންފުނިތައް އިންތިހާއަށް ބޮޑުވެ، މިހާރު އޮތީ ކުންފުނި ދެބައި ކުރަން ޖެހިފަ އެވެ. ކުންފުނި އެހާ ބޮޑުވުމުގެ ސަބަބުން، ހިންގަން ތިބި ފަރާތްތަކަށް އެންމެ ފުރިހަމައަށް ހުރިހާ ކަމެއް ނުބެލެހެއްޓެ އެވެ. އެހެންވެ، އެއީ ވެސް ކުންފުނިތަކުގެ މައްސަލަ ހައްލު ކުރަން އެޅިދާނެ ފިޔަވަޅެކެވެ.
"ޔުޓިލިޓީ ކުންފުނިތައް އެބަޖެހޭ އިތުރަށް ހިންގުން ހަރުދަނާ ކުރަން. ފެނަކަ ކަހަލަ ކުންފުނިތައް ވެސް މިހާރު މާ ބޮޑަށް [ޓޫ ބިގް ޓު ފެއިލް] ގޮތަށް މި ފެންނަނީ. އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރިން އުތުރާއި ދެކުނަށް ވަކިން ޔުޓިލިޓީ ކުންފުނި ހަދަން ވެސް. އެކަން އޭރު ނުވެދިޔައީ. އެކަމަކު އެއީ އަދިވެސް ކުރެވިދާނެ ކަމެއް،" އަމީރު ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް ކުންފުނިތައް ހިންގުމުގެ ބަދަލުގައި، އެއްކޮށް ޕްރައިވެޓް ސެކްޓަރަށް ދޫކޮށް ވެސް ލެވިދާނެ އެވެ. މިސާލަކަށް އާރްޑީސީ ކަހަލަ ކުންފުނިން ކުރާ ކަންކަން އަމިއްލަ ފަރާތްތަކަށް ސީދާ ދޫކޮށްލައިގެން، ބިޑު އުސޫލުން ހިންގާ ނަމަ މާ އަގު ހެޔޮކޮށް ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވި އެވެ.
ކުރީގެ އޮޑިޓާ ޖެނެރަލް އަދި ފަސްޓް ނޭޝަނަލްގެ ފައުންޑާ ހަސަން ޒިޔަތު، "މިހާރު"ގެ "މެދުސަފުހާ" އަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ އަށް ފެނިވަޑައިގަންނަވަނީ ވެމްކޯ ކަހަލަ ކުންފުނިތަކުގެ ބައެއް މަސައްކަތް ވެސް އަމިއްލަ ފަރާތްތަކަށް ދޫކޮށްލައިފި ނަމަ، ކުނި ނެގުމުގެ ކަންކަން ވެސް މާ ރަނގަޅަށް ރެގިއުލޭޓް ކުރެވިދާނެ މަންޒަރު ކަމަށެވެ.
އާންމު ވިޔަފާރިއެއް ފަށާއިރު ވެސް، ފީޒިބިލިޓީއެއް ހަދައިގެން އެއީ ކުރެވޭނެ ކަމެއްތޯ ދެނެގަނެ އެވެ. އަދި ކުންފުނި ހެދުމުގެ ކުރިން، އެކަމަށް އޮތް ފުރުސަތުތައް ދެނެގަނެ، ބިޒްނަސް ޕްލޭނެއް ވެސް އެކުލަވައިލަ އެވެ. އެކަމަކު ދައުލަތުގެ ބައެއް ކުންފުނިތައް ހަދާފައި ހުރީ އެކަހަލަ އުސޫލެއް ނެތި އެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނަމަ، އޯވަނައިޓަކުން ވެސް ކުންފުންޏެއް އުފައްދައި، އެމްޑީއެއް އައްޔަނު ކުރަންވީ އެވެ.
"ކުންފުންޏެއް އުފައްދަނީ ވަޒީފާ އުފައްދަންތޯ، ނުވަތަ ކުންފުންޏެއް އުފައްދައިގެން ސަބް ކޮންޓްރެކްޓަށް މަސައްކަތްތައް ދީގެން އޭގެ ނާޖައިޒް ފައިދާއެއްތޯ. މިއީ ސްޓޭޓް ލެވެލްގައި ވިސްނަން ޖެހޭ ކަމެއް. ނޫނިއްޔާ ކުންފުންޏެއް އުފައްދައިފަ އެ ޕްރޮފިޓް ކުރަން ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓެއް ދޭނީތޯ؟ ނޫނީ ފަޅެއް ދޭނީތޯ. މި ހުންނަނީ ގައުމުގައި ހިނގާފައި ހުރި ކަންކަން،" ޒިޔަތު ވިދާޅުވި އެވެ.
ހަސަން ޒިޔަތު: އޭނާ ވިދާޅުވަނީ ކުންފުނިތަކުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށް -- ފައިލް ފޮޓޯ: މިހާރު
އޭނާ ވިދާޅުވީ، މި ވަގުތު ދައުލަތުގައި އޮތް ކުންފުނިތަކުގެ މައްސަލަ ހައްލު ކުރެވޭނީ ގަވަނެންސް ވަރުގަދަކޮށްގެން ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި މައިގަނޑު ކަންތައްތަކަކީ މިއެވެ؛ ކުންފުނިތަކަށް ޕްރޮފެޝަނަލް ބޯޑެއް އަންނަން ޖެހެ އެވެ. ބޯޑަކީ އެ ކުންފުންޏެއްގެ މެނޭޖްމެންޓް ކޮންޓްރޯލް ކުރާ ތަނަކަށް ވެގެން ނުވާނެ އެވެ. އަދި ބޯޑަކީ އެ ކުންފުންޏެއްގެ މެނޭޖްމެންޓް ޒިންމާދާރުކޮށް، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރުވާ ބަޔަކަށް ވާން ޖެހެ އެވެ.
"ކޮރަޕްޝަނަށް ހުންނަ ދޮރުތައް ބަންދު ކޮށްގެން ނޫނީ ހިންގުމަށް ރަނގަޅު ބަދަލުތަކެއް ނުގެނެވޭނެ. އެއީ ހަމަ ކުރެވޭނެ ކަމެއް. ޕީސީބީ ހިސާބުން، ފިނޭންސް މިނިސްޓްރީ ހިސާބުން އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހިސާބުން އެ ބަދަލުތައް އެބަ ގެންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޒިޔަތު ފާހަގަ ކުރެއްވި އަނެއް ކަމަކީ، ވަކި ހިސާބަކުން ކުންފުންޏެއްގެ މެނޭޖްމެންޓުން ބޭނުންވުމުން ސްކޯޕްގައި ނުހިމެނޭ ކަންކަން ވެސް ކުރުވާ މައްސަލަ އެވެ އެސްއޯއީތަކުން އެފަދަ ކަންކަން ނުކުރެވޭނެ ގޮތަށް، އުސޫލުތަކާއި ގަވައިދުތައް ރާވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުނިތައް އެހާ ފަސޭހައިން ހެދި، ޖަވާބުދާރީ ކުރުވާނެ ބަޔަކު ނެތުމުން ޒިންމާ ނަގަން ތިބޭ ފަރާތްތަކަށް ވެސް އޮންނަނީ ޒިންމާ ނުއުފުލިފަ އެވެ. އަމްރު ވިދާޅުވީ، ކުންފުނިތަކުގެ މައްސަލަ އެހާ ބޮޑަށް، ގޯސްވެފައި ވަނީ ފިނޭންސް މިނިސްޓްރީ އާއި ޕީސީބީގެ ޒިންމާ އަދާ ނުކުރާތީ ކަމަށެވެ.
"ފިނޭންސް މިނިސްޓްރީގައި އެ ހުންނަ މީހެއް ކެޕޭސިޓީ ނެތީ. މިހާރު އޭނަ ކައިރީގައި މި ބުނަނީ މިވެނި ކަންކަން ކުރުވާށޭ. އޭނަގެ ކެޕޭސިޓީ ނެތީމަ، ކުންފުނި ހުންނަ މީހާ އޭނަ ބުނާ ހުރިހާ ކަމެއް މި ކުރަނީ. އޭނަ ނުވިސްނާ އޭގެއިން ކުންފުންޏަށް ދިމާވާނެ މައްސަލައެއް. އޭނަ އެކަން ކޮށްލަނީ އޭނަ މަގާމުގައި ދެމިހުންނަން ބޭނުންވާތީ،" އަމްރު ވިދާޅުވި އެވެ.
އަޅުގަނޑު ގަބޫލެއް ނުކުރަން ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވާ އިރު ކުންފުނިތަކުގައި ތިބޭ ވެރިން ބަދަލުވާން ޖެހޭ ކަމަކަށް. އޭގެ ސަބަބުން ސަޕްލަޔަރުންނާއި ބިޒްނަސް ޕާޓްނަރުންނާ ދެމެދުގައި ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ގެޕެއް އެބަ އާދޭ. އޭގެ ސަބަބުން ވިޔަފާރިތަކުން އެބަ ގެއްލުންވޭ. ބޭންކްތަކާ އޮންނަ ގުޅުމަށް ވެސް ބުރޫ އަރާ -- އަމްރު
މިފަދަ ނުފޫޒުތަކުން ސަލާމަތްވުމަށް ސިޔާސީ ގޮތުން ކުންފުނިތަކުގެ ވެރިން އައްޔަނު ކުރުމުގެ ބަދަލުގައި، ރަނގަޅު ނިޒާމެއްގެ ތެރެއިން، ގާބިލު މީހުންނާ އިންޓަވިއު ކުރެވިގެން، ކުންފުނިތަކުގެ ބޯޑާއި މެނޭޖިން ޑިރެކްޓަރު އައްޔަނު ކުރެވޭނެ މިނިވަން ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ކުންފުނީގެ ވެރިން އައްޔަނު ކުރުމަށް މަޖިލީހާ ހިސާބަށް ވެސް އެ ޕްރޮސެސް ގެންދެވިދާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވާ އިރު ކުންފުނިތަކުގައި ތިބޭ ވެރިން ބަދަލުވާން ޖެހޭ ކަމަކަށް. އޭގެ ސަބަބުން ސަޕްލަޔަރުންނާއި ބިޒްނަސް ޕާޓްނަރުންނާ ދެމެދުގައި ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ގެޕެއް އެބަ އާދޭ. އޭގެ ސަބަބުން ވިޔަފާރިތަކުން އެބަ ގެއްލުންވޭ. ބޭންކްތަކާ އޮންނަ ގުޅުމަށް ވެސް ބުރޫ އަރާ،" އޭނާ ވިދާޅުވި އެވެ.
މިފަދަ އުސޫލުތަކެއް ހެދޭނީ، ވެރިކަމަށް އަންނަ ފަރާތަކުން، އިހްލާސްތެރި ނިޔަތެއްގައި ކުންފުނިތައް އުފެއްދުމުގެ އުސޫލަށް ބަދަލު ގެނެސް، އެ ކުންފުނިތައް ޒިންމާދާރު ކުރެވޭނެ ގޮތްތައް ފަހިކޮށްގެންނެވެ. އަދި ކުންފުނިތަކަކީ އެހާ ފަސޭހައިން އުފެއްދޭ ތަންތަނަށް ހެދުމުގެ ބަދަލުގައި، އެކަން ރަނގަޅަށް ދިރާސާ ކުރެވިގެން ކުރުމަށް ވިސްނުން ބައްޓަންކޮށްގެންނެވެެ. ކުންފުނިތައް ބޮއްސުންލާފައިވާ ވާހަކަ ހަމައެކަނި ދައްކައިގެން މި ވަގުތު އެކަމަށް ހައްލެއް ނެތެވެ. މިއީ އެކަމަށް އަމަލީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ވަގުތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީީހާާ
29 October 2023
އެމް.ޑަބްލިއު.އެއްސީ އަކީ ޕްރައިވެޓް ކުންފުންޏެއް.ފައިދާ ވަމުން ފައިދާާ މެނޭޖްކުރަމުން އައިސް ތިބުނާ ޕޮރެޖްޓް ތަކެއް އަމިއްލަ ހަރަދުން ކުރަން ހަދައިގެން މުޅި ކުންފުނި ބަނގުރޫޓް ވެފަ އޮތީ.ނަންވާާނީ ފެނަކަ.އެކަމަކު ހުރިހާ ޕޮރޮޖެކްޓެއްގެ ލާރި އިންޑިޔާގެ އެމްއެމް އެކްސްޕޯޓަށް. މިކަންކަން "މިހާރު" ނޫހުން ދިރާސާކޮއް އާޓިކަލް އެއް ނެރޭނެ ކަމަށް އުންމީދުކުރަން.
ހަސަން ޒިޔާތީ
29 October 2023
ހަސަނާ ކީކޭ ތިކިޔަނީ؟
ފައިދާ
29 October 2023
މިހާރުވެސް ފައިދާ މާ ބޮޑު ތިޔަކުންފުނީގެ. ފައިދާ ކުޑަކުރަންޖެހެނީ!
އާ13
29 October 2023
ފަސްޓް ނޭޝަނަލްގެ ފައުންޑާ ހަސަން ޒިޔަތު، "މިހާރު"ގެ "މެދުސަފުހާ" އަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ އަށް ފެނިވަޑައިގަންނަވަނީ ވެމްކޯ ކަހަލަ ކުންފުނިތަކުގެ ބައެއް މަސައްކަތް ވެސް އަމިއްލަ ފަރާތްތަކަށް ދޫކޮށްލައިފި ނަމަ، ކުނި ނެގުމުގެ ކަންކަން ވެސް މާ ރަނގަޅަށް ރެގިއުލޭޓް ކުރެވިދާނެ މަންޒަރު ކަމަށެވެ.
ސތޭކަ
29 October 2023
ހުސެން އަމްރު އަނގަ ހުޅުވަން ލަދު ގަންނަންޖެހޭ. އަމްރު ކޮން ގޮތަކަށް ކޮލިފައި ވެގެންތޯ އެސްޓީއޯ ހަވާލުކުރީ؟ ކޮން ތަޖުރިބާއެއްތޯ ހުރީ ބިލިއަން ރުފިޔާގެ ކުންފުނި ހިންގުމުގެ؟ އާންމުކޮށް ހުޅުވާލައިގެން ވަޒީފާއަށް ކުރިމަތިލިނަމަ ޝޯޓުލިސްޓްވާނެތޯ؟ ކުފޫ ހަމަ ނުވާ މީހެެއް ކުންފުނީގެ ވެރިއަކަށްލުން އެއީ ނުބައި ނުފޫޒުތަކުގެ ފެށުން.