މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މެމްބަރުން މިރޭ އިންތިހާބުކޮށްފި އެވެ.

ހޯމް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ އިންތިހާބުގައި 86 ފަރާތަކުން ވޯޓުލި އިރު، މީޑިއާގެ ފަރާތްތަކުންނާއި އަމިއްލަ ގޮތުން ޖުމްލަ 29 މީހަކު ކުރިމަތިލި އެވެ. މީޑިއާ ކައުންސިލަށް އިންތިހާބު ކުރީ މީޑިއާތަކުން ހަ ނޫސްވެރިޔަކާއި އަމިއްލަ ގޮތުން ހަ މީހަކާ އެކު، ޖުމްލަ 12 މީހެކެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް މިއަދު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީޑިއާ ކައުންސިލްގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް މިއަދު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންތިހާބުގައި މީޑިއާތަކުގެ ފަރާތުން ކުރިމަތިލި ނޫސްވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ހޯދީ ވީމީޑިއާގެ އަހުމަދު ރިފާއު އެވެ. އަމިއްލަ ގޮތުން ކައުންސިލަށް ކުރިމަތިލި މީހުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދީ އަހުމަދު އަބީރު އިސްމާއިލެވެ.

މީޑިއާތަކުގެ ފަރާތުން ކުރިމަތިލި ނޫސްވެރިންގެ ތެރެއިން "މިހާރު"ގެ ނޫސްވެރިޔާ މުހައްމަދު ހަމްދޫނާއި ހިތާދޫ އޮންލައިންގެ ފަރާތުން ކުރިމަތިލި އަހުމަދު އާޒިފަށް 40 ވޯޓު ލިބި، އެއްވަރުވުމާ ގުޅިގެން، ބައި އިލެކްޝަނެއް ބާއްވަން ވަނީ ޖެހިފަ އެވެ. އެ އިންތިހާބު ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

މީޑިއާތަކުން ހޮވުނު ފަރާތްތައް:

1- އަހުމަދު ރިފާއު (ވީމީޑިއާ): 69 ވޯޓު

2- އަހުމަދު މުޖުތަބާ (ސަން މީޑިއާ): 57 ވޯޓު

3- ފަޔާޒް ޔޫސުފް (ޕީއެސްއެމް): 55 ވޯޓު

4- އަބްދުލް މުއީދު ހަސަން (ބަހުރު މަޖައްލާ): 44 ވޯޓު

5- މިސްބާހު އައްބާސް (ވީއެފްޕީ): 41 ވޯޓު

6- ހަސަން ޝާކިރު މުހައްމަދު (އަސްދަނޑި މަޖައްލާ): 41 ވޯޓު

މީޑިއާ ކައުންސިލްގެ އިންތިހާބުގައި މީހަކު މިއަދު ވޯޓު ލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީޑިއާ ކައުންސިލްގެ އިންތިހާބުގައި މީހަކު މިއަދު ވޯޓު ލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމިއްލަ ގޮތުން ހޮވުނު މީހުން:

1- އަހުމަދު އަބީރު އިސްމާއިލް: 81 ވޯޓު

2- ޝައުފާ ހުސެއިން: 74 ވޯޓު

3- މުހައްމަދު އާޒިމް: 73 ވޯޓު

4- އަންވަރު އިބްރާހިމް: 62 ވޯޓު

5- އަސްއަދު ޝަރީފް: 45 ވޯޓު

6- މަރިޔަމް ހަލީލް: 39 ވޯޓު

ޖުމްލަ 15 މެމްބަރުން ތިއްބަވާ މީޑިއާ ކައުންސިލްގެ މިހާރުގެ ދައުރު އަންނަ މަހުގެ ދެވަނަ ދުވަހު ހަމަވާނެ އެވެ. އެ ކައުންސިލްގެ ދެން އޮންނަ ދައުރަށް 13 މެމްބަރަކު އިންތިހާބު ކުރަނީ މިހާރު ހިނގަމުން އަންނަ ކައުންސިލްގެ ދައުރުގެ ވަކި ހިސާބަކުން ދެ މެމްބަރަކު އަލަށް އިންތިހާބު ކޮށްފައި ވާތީ އެވެ. އެއީ މީޑީިއާތަކުން އެކަކާއި އާންމުންގެ ތެރެއިން އެކަކެވެ.

މީޑިއާ ކައުންސިލްގެ ދައުރެއްގެ މުއްދަތަކީ ދެ އަހަރެވެ.