ހައްޖަށް ދާން މިނާ ހައްޖު ގްރޫޕަށް ފައިސާ ދައްކާފައިވާ މީހުންނަށް ހައްޖަށް ދެވޭނެކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީން މިއަދު ދީފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ ހައްޖަށް ގެންދިއުމާ ގުޅޭގޮތުން މިނާ އިން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލަން އެންގީ އެ ގްރޫޕާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ މައުލޫމާތުގެ ބައެއް މަދުވުމުންނެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅި ޕްރޮޕޯޒަލުގައި މިނާ އިން ފުރިހަމަނުކުރަނީ އެ ގްރޫޕްގެ އިސްވެރިއެއްގެ ނައިބެއްގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ވަނަވަރާއި މަސްއޫލިއްޔަތުގެ ތެރެއިން، މަސްއޫލިއްޔަތުގެ ބައެވެ.

ޝާފިއު ވިދާޅުވީ މައްސަލައެއް ބަލާކަން އޭސީސީން މިދިޔަ ބުރާސްފަތި ދުވަހު އަންގާފައިވާ ކަމަށެވެ. ނަމަވެސް ހައްޖަށް ގެންދިއުމުގެ އެއްވެސް މަސައްކަތެއް ހުއްޓާލަން އެ ކޮމިޝަނުން ނުބުނާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ އެކަމަށް ހާއްސަ ކޮމެޓީއަކުން ޕްރޮޕޯޒަލްތައް ބެލުމަށްފަހުގަ އެވެ. ޝާފިއު ވިދާޅުވީ ޕްރޮޕޯޒަލްތައް ބެލިއިރު މިނާ ގްރޫޕްގެ ޕްރޮޕޯޒަލްގައި މައުލޫމާތު މަދުކަން ފާހަގަ ނުކުރެވުނު ކަމަށެވެ. އެހެންވެ މިނާގެ މަސައްކަތް ކުރިއަށްގެންދިއުމަށް އަންގާނީ އޭސީސީން ގޮތެއް ކަނޑައެޅުމުން ކަމަށް ވިދާޅުވި އެވެ.

"މިނާ ހައްޖު ގްރޫޕަށް މިއަހަރު ފައިސާ ދައްކައި ކޯޓާ ކަށަވަރުކޮށްފައި ތިބި މީހުންނަށް ހައްޖަށް ދެވޭނެކަމުގެ ޔަގީންކަން ދެން،" ޝާފިއު ވިދާޅުވި އެވެ.

ހައްޖަށް ގެންދިއުމާ ގުޅޭ ރަސްމީ ކަންކަން ކުރަންޖެހޭނީ އެކަމަށް ހާއްސަ އީ-ޕޯޓަލް އަކުންނެވެ. އެއީ ސައުދީގެ ހައްޖު މިނިސްޓްރީން ދީފައި އޮންނަ ޕޯޓަލްއެކެވެ. ނަމަވެސް މިނާ ހައްޖު ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުޖެއިލް ވިދާޅުވީ އެހެން ގްރޫޕުތަކަށް އެ ޕޯޓަލް ދީފައިވާއިރު އެ ގްރޫޕަށް އަދިވެސް ލިބިފައި ނުވާ ކަމަށެވެ. ހައްޖަށް ނުދެވިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ މައިގަނޑު ސަބަބަކީ، ހައްޖުވެރިންގެ މައުލޫމާތުތައް ނުފޮނުވި ލަސްވުމެވެ.

އެހެންވެ އެތަނުގެ ހަވާލުގައި ހައްޖަށް ދާން ފައިސާ ދައްކާފައިވާ 90 މީހުންނަށް، ހައްޖަށް ނުދެވުން އެކަށީގެންވާ ކަމަށް ވަނީ އަންގައިފަ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިފަހަރު ދީފައި ވަނީ ފަސް ގްރޫޕަކަށެވެ. އޭގެ ތެރޭގައި މިނާ ވެސް ހިމެނެ އެވެ. މިނާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ގެންދަން ހުއްދަ ދީފައިވާ އަގަކީ 69،965ރ. އެވެ.