މި އަހަރު ހައްޖުގެ އަޅުކަމަށްދާ ދިވެހިންގެ ފަހު ގްރޫޕް މިއަދު ފުރައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ގްރޫޕުގައި ހިމެނޭ 253 ހައްޖުވެރިން ފުރީ މިއަދު ހެނދުނު ކަމަށެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ސައުދީ އެއާލައިންގައި ހުރިހާ ހައްޖުވެރިން ފުރާފައި ވާއިރު ރާއްޖެ އިން ހައްޖަށް ގެންދިއުމަށް ލިބިފައިވާ ކޯޓާގެ ތެރެއިން 500 މީހުން ދަތުރުކުރީ މޯލްޑިވިއަން އެއާލައިންގެ ފްލައިޓުގަ އެވެ.

ބާކީ 500 މީހުން ގެންގޮސްފައި ވަނީ ސައުދިއާ އެއާލައިންގެ ފްލައިޓުގަ އެވެ.

ހައްޖަށް ފުރުމަށް ހައްޖާޖީން އެެއާޕޯޓުގައި-- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހައްޖަށް ފުރުމަށް ހައްޖާޖީން އެެއާޕޯޓުގައި-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މި އަހަރު ފުރި ހައްޖުވެރިންގެ ފްލައިޓުތައް

  • ފުރަތަމަ ފްލައިޓުގައި 238 ހައްޖުވެރިން ފުރި
  • ދެވަނަ ފްލައިޓުގައި 260 ހައްޖުވެރިން ފުރިި
  • ތިން ވަނަ ފްލައިޓުގައި 268 ހައްޖުވެރިން
  • މިއަދުގެ ފަހު ފްލައިޓުގައި 253 ހައްޖުވެރިން ފުރި

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ރާއްޖެއިން ހައްޖަށްދާ މީހުން ދަތުރުކުރީ މައްކާ ރޫޓުގެ އިންތިޒާމުތަކުގެ ތެރެއިންނެވެ.

ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓުގެ ފުރުސަތަކީ އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ގައުމުތަކަށް ދޭ ފުރުސަތެއް ނަމަވެސް އަހަރަކު 1،000 މީހުން ހައްޖަށް ދާ ރާއްޖެ އަށް އެ ފުރުސަތު ސައުދީން ވަނީ ދީފަ އެވެ. 

ހައްޖަށް ފުރުމަށް ހައްޖާޖީން އެެއާޕޯޓުގައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހައްޖަށް ފުރުމަށް ހައްޖާޖީން އެެއާޕޯޓުގައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.

ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމާއި ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައި ވަނީ މި ފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށެވެ. ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަހަކުން ފެށިގެންނެވެ.