ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި އެ ދާއިރާއިން ވަގުތީ އަދި ދާއިމީ ގޮތެއްގައި ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން ފަންނީ ބޭފުޅުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.

އަމިއްލައަށް މަރުވުމުގެ މައްސަލަތަކެއް މި ފަހުން އިތުރުވެފައިވަނިކޮށް ހެލްތު، ފެމިލީ އެންޑު ވެލްފެއާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރާ ހިތާމަވެރި ހާދިސާތަކާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. އެހެންވެ، މި ދަނޑިވަަޅު އެކަކު އަނެކަކަށް ހަމްދަރުދީވެ، ޒިންމާދާރުކަމާ އެކު މުއާމަލަތްކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. 

މިނިސްޓްރީން ބުނީ ނަފްސާނީ ދުޅަހެޔޮ ކަމަކީ ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ މައްސަލައެއް ގަބޫލުކުރާ ކަމަށެވެ. އެއާ އެކު، ނަފްސާނީ ދުޅަހެޔޮ ކަމަށް ވަގުތީ އަދި ދާއިމީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން ފަންނީ ބޭފުޅުންނާއި ގުޅުން ހުރި މުއައްސަސާތަކާއެކު މަސައްކަތްކުުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެ އިދާރާއިން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރަން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ. 

ބަޔާނުގައި ބުނީ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާކުރާ މައުލޫމާތުތަކަކީ ނަފްސާނީގޮތުން ބަލިކަށިވެފައިވާ މީހުންނާއި މަރުވި މީހުންގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަމެއް ކަމަށެވެ. 

މިފަދަ ދަނޑިވަޅެއްގައި ހަގީގަތަކާ ހިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އާއްމުންނާއި މީޑިއާތަކަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

"އޭގެ ބަދަލުގައި، އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރު ދިނުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރައްވާށެވެ،" ބަޔާނުގައިވެ އެވެ.

"އާއިލާތަކާއި ރައްޓެހިން އަދި މުޅި މުޖުތަމައު ގުޅިގެން އެކަކު އަނެކެއްގެ ހާލު ބަލައި އެއްވެސް ތަފާތުކުރުމެއް ނެތި އަޅާލުމަށް ބާރު އަޅަމެވެ. އަނެކާގެ ވާހަކަ ކަނުލާ އަޑުއަހާލުމަކީ ނުވަތަ ދެވޭ ކުޑަ އޯގާތެރިކަމަކީ ވސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ އެވެ."

މިނިސްޓްރީން ވަނީ އެކަނިވެރިކަން ނުވަތަ ނަފްސާނީ ގޮތުން އުނދަގޫވާނަމަ މެންޓަލް ހެލްތުގެ ހޮޓްލައިން 1677 އަށް ގުޅައި އެހީތެރިކަން ހޯދަން އެދިފަ އެވެ.