މިނިވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އަންނަ މަހުގެ 10 ވަނަ ދުވަހުގެރޭ މާލޭގައި ކުޅޭގޮތަށް (އެފްއޭއެމް) އިން ނިންމައިފި އެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލް ބުރު ކުރިއަށްދާނީ ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫގަ އެވެ. ފައިނަލް ބުރުގެ މެޗުތައް ފަށާނީ މި މަހު 28ގަ އެވެ. ކުޑަހުވަދޫގައި ކުރިއަށްދާނީ ގްރޫޕް އޭގެ މެޗުތަކެވެ. ކުޑަހުވަދޫގެ އިތުރުން މި ގްރޫޕްގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ސ.ފޭދޫ، ގއ. ދެއްވަދޫ އަދި އދ. މަހިބަދޫ އެވެ.

ތިމަރަފުށީގައި ކުރިއަށްދާ ގްރޫޕް ބީގައި އެ ރަށުގެ އިތުރުން ހިމެނެނީ ބ. އޭދަފުއްޓާއި ނ.ލަންދޫގެ އިތުރުން ހދ. ހަނިމާދޫ އެވެ.

ފުރަތަމަ ސެމީ ފައިނަލް އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހު ކުޑަހުވަދޫގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. ދެ ވަނަ ސެމީ ފައިނަލް އަންނަ މަހު އަށް ވަނަ ދުވަހު އޮންނާނީ ތިމަރަފުށީގަ އެވެ.

މިދިޔަ އަހަރުގެ މިނިވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރު އޮތީ ސ. ހިތަދޫ އާއި ހދ. ކުޅުދުއްފުށީގަ އެވެ. ފައިނަލް މެޗު ކުޅުނީ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ.

މި ފަހަރުގެ މުބާރާތުގައި މުޅި ރާއްޖޭން 75 ޓީމަކުން ބައިވެރިވި އެވެ. އެންމެ ފުރަތަމަ އަތޮޅު ބުރު ކުޅުމަށް ފަހު ޗެމްޕިއަނުން ހޮވުމަށް ފަހު ދެން ކުޅުނީ ޒޯންތަކުގައި މެދުގައި ބުރެކެވެ. ފައިނަލް ބުރަށް ހޮވިފައިވަނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަނުންނެވެ. ރާއްޖެތެރޭ ފުޓްބޯޅަ މުބާރާތުގެ ނަމުގައި (ފަހުން އަތޮޅު ފުޓްބޯޅަ މުބާރާތް) 1982 ވަނަ އަހަރު ފެށި މުބާރާތް ބަދަލުތަކަކާ އެކު މިދިޔަ އަހަރު އަލުން ފެށީ ނުބޭއްވި ގިނަ ދުވަސްތަކެއް ވުމަށް ފަހު އެވެ. މިއީ ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމަށް އެންމެ ކުޅުންތެރިން ނެރެދީފައިވާ މުބާރާތެވެ. ކުރިން ވެސް މުބާރާތުގެ ޒޯން ބުރު ރަށްރަށުގައި ކުޅުމަށް ފަހު ފައިނަލް ބުރު ބާއްވަނީ މާލޭގަ އެވެ.