މި މަހު 26 ވަނަ ދުވަހު ފަށަން ނިންމާފައިވާ މިނިވަން ފުޓްބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ތ. ތިމަރަފުށީގައި ބާއްވަން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ މިފަހަރުގެ މުބާރާތަށް ބަދަލު ގެންނަން ނިންމީ ޓީމުތަކާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

"މިފަހަރުގެ މުބާރާތަށް ބަދަލުތަކެއް ގެންނަން ނިންމީ ޓީމުތަކުގެ ވެސް ލަފާ ހޯދައިގެން. މުބާރާތް ދިގުލައިގެން ގޮސް ޓީމުތަކަށް އުނދަގޫ ވާކަށް ބޭނުމެއް ނުވޭ. އެހެންވެ އަތޮޅު މުބާރާތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމާ ފައިނަލް ބުރާ ހަމައަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ދެވޭނެ ކަމަށް މި ބަލަނީ،" ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ މި ފަހަރުގެ މުބާރާތް ކުރިއަށްދާއިރު ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެފްއޭއެމްގެ އެއް ޓެކްނިކަލް ސްޓާފަކު ހަރަކާތްތެރިވާނެ ކަމަށެވެ.

"އެފްއޭއެމްގެ ޓެކްނިކަލް ސްޓާފުން ކޮންމެ މެޗެއް މޮނިޓާކުރާނެ. އޭގެ ތެރެއިން ވަކި އުމުރެއް ނުބަލައި ހުނަރުވެރި ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށް އަދި ގައުމީ ޓީމަށް ކުޅުންތެރިން ނަގާ ޕޫލް ބޮޑު ކުރުމަށް ކުޅުންތެރިން ހޯދާނެ. މިއީ ޑިވެލޮޕްމެންޓަށް ބަލާއިރު ވަރަށް މުހިއްމު ކަމެއް،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅު މުބާރާތުން ފާހަގަކޮށްލެވޭ ހުރިހާ ކުޅުންތެރިންގެ ތެރެއިން އާދެވޭ ކުޅުންތެރިން ގެނެސްގެން މާލޭގައި ދެ މެޗެއް ކުޅޭނެ ކަމަށެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިފަހަރުގެ މުބާރާތަށް ގެނެވުނު ބަދަލަށް ބަލާއިރު އަތޮޅު ތަކުގެ މެދުގައި ކުޅެވޭ ބުރު އޮންނާނީ ކޮންމެ އަތޮޅަކުން ހޯސްޓްކުރާ އެއް ރަށުގަ އެވެ. އަދި ޒޯން ބުރު ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް ފަހު ފައިނަލް ބުރު އޮންނާނެ ރަށެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ޖުމްލަ 75 ޓީމުން ވާދަކުރާ މި މުބާރާތުގައި އެއް އަތޮޅަކުން އެންމެ ގިނަ ޓީމު ބައިވެރިވެފައިވަނީ ތ. އަތޮޅުންނެވެ. އެ އަތޮޅުން ނުވަ ޓީމެއް ވަނީ ބައިވެރިވެފައިވާއިރު މެޗުތައް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއް ގްރޫޕުގެ މެޗުތައް ކުޅޭނީ ތ.ތިމަރަފުށީގަ އެވެ. އަނެއް ގްރޫޕް ކުޅޭނީ ތ.ގުރައިދޫގަ އެވެ. އެންމެ މަދުން ބައިވެރިވެފައިވަނީ ޏ އަތޮޅާއި ވ އަތޮޅުންނެވެ. މި ދެ އަތޮޅުން ވެސް ބައިވެރިވީ އެންމެ ޓީމެކެވެ. އަދި ނ. އަތޮޅާއި ބ. އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން ވެސް ބައިވެރިވީ ދެ ޓީމެވެ. އެއްވެސް ޓީމަކުން ބައިވެރިނުވަނީ އއ އަތޮޅުންނެވެ. އެފްއޭއެމުން ބުނީ އެންމެ ޓީމަކުން ބައިވެރިވި ދެ އަތޮޅުގައި އަތޮޅު މުބާރާތް ނޯންނާނެ ކަމަށާއި އެ ދެ ޓީމު އޮޓަމެޓިކުން ޒޯން މުބާރާތަށް ކޮލިފައިވާނެ ކަމަށެވެ. އަދި ދެ ޓީމު ބައިވެރިވި އަތޮޅު ތަކުގައި ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ފައިނަލެއް ކަމަށެވެ.

މިދިޔަ އަހަރުގެ މިނިވަން 50 ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ ސ.ފޭދޫ އިންނެވެ. އެ ޓީމަށް މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕުން ފުރުސަތުދޭނެ ކަމަށް ތޯރިގް ވަނީ ވިދާޅުވެފަ އެވެ.

"މިފަހަރު އަޅުގަނޑުމެން ވައުދުވެފައިވާ ގޮތަށް މިިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަށް ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ދޭނަން. އެކަމަކު މިއަހަރުގެ ޗެމްޕިއަނަށް އަންނަ އަހަރު އެ ފުރުސަތުދޭއިރު މިއީ ފައިދާކުރާނެ ކަމެއްތޯ ވިސްނަން ޖެހޭ. އެކަންތައްތަކަށް ބެލުމަށް ފަހު ގޮތެއް ނިންމާނަން،" ތޯރިގް ވިދާޅުވި އެވެ.