މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާއި "މޯލްޑިވިއަން އައިޑޮލް" ގެ ސީޒަން އެކަކުން ވިދާލި އަބްދުﷲ ފާލިހް މިއަދު ކައިވެނިކޮށްފި އެވެ.

އެ ދެ މީހުންގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އެވެ.

އިންޑިއާގެ ރަހަތަކާ އެކު ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި މި ހަފުލާގައި މީރާ ވަނީ އަތުގައި ހީނާފަތް އަޅައި، ވެޑިން ޑްރެސްއަކަށް ވެސް އިންޑިއާގެ ހެދުމެއް ބޭނުންކޮށްފަ އެވެ. އެއީ ރަތް ކުލައިގެ ޓޮޕަކާއި ކްރީމް ކުލައިގެ ދިގު ސްކާޓެކެވެ. އޭނާގެ މޭކަޕާއި ހެއާ ސްޓައިލް ވެސް ހުރީ އިންޑިއާ ސްޓައިލަށެވެ.

ފާލިހް ލައިގެން ހުރީ އިންޑިއާގެ ކައިވެނިތަކުގައި ފިރިހެނުން ލާ ކަހަލަ ކަޅު ކުލައިގެ ޝެރްވާނީއެކެވެ.

ކައިވެނީގެ ހަފުލާގެ ބައެއް ފޮޓޯތަކާއި ވީޑިއޯ މީރާ އާއި ފާލިހް ވަނީ އެ މީހުންގެ ސްނެޕްޗެޓާއި އިސްޓަގްރާމްގައި ފޭނުންނާ ހިއްސާކޮށްފަ އެވެ.

މިއީ މީރާގެ ފުރަތަމަ ކައިވެނި ނަމަވެސް، ފާލިހް ކުރިން ކައިވެންޏެއްކޮށް ދަރިއަކު ވެސް ލިބިފައި ވެ އެވެ.

ޒުވާން ލަވަ ކިޔުންތެރިޔާ ޔާމީން ރަޝީދާ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން މީރާ އުޅެފައިވާއިރު، އެ ދެ މީހުން އެންގޭޖް ވެސް ވި އެވެ. އެކަމަކު ފަހުން ވަނީ އެންގޭޖްމަންޓް ރޫޅާލައިފަ އެވެ.

އޭގެ ފަހުން މީރާ ވަނީ މިހާރު އެންމެ މަޝްހޫރު ޒުވާން ބަތަލާ މަރިޔަމް އައްޒަގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު އިސްމާއިލް ޖުމައިހް (ޖުމާ) އާ ވެސް ރައްޓެހިވެގެން ދުވަސްތަކެއް ވަންދެން އުޅެފަ އެވެ.

މީރާ އަކީ ދިވެހިންގެ ހިތާއި މިއުޒިކުގައި ލެޖެންޑަރީ މަގާމެއް ހާސިލުކޮށްފައިވާ ކުޅަދާނަ މިއުޒީޝަން މެޒޯ މުހައްމަދުގެ އަންހެން ދަރިފުޅެވެ. ބައްޕަގެ ފިޔަވަޅު މަތިން ފެށި މިއުޒިކީ ހަޔާތުގައި މީރާގެ ތަރި އަރައިގެން ގޮސް ރާއްޖޭގެ އެންމެ އަލިގަދަ ތަރިންގެ ތެރޭގައި ވަނީ ހިމެނިފަ އެވެ.