ޕޯޗުގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ދިގު މުއްދަތުގެ ބައިވެރިޔާ އަދި މޮޑެލް ޖޯޖީނާ ރޮޑްރީގޭޒް އިއްޔެ ކައިވެނިކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ގާތްގަނޑަކަށް 10 އަހަރު އެކުގައި އުޅުމަށް ފަހު އެމީހުން ކައިވެނިކުރީ ޕޯޗުގަލްގެ ކަސްކާއިސްގައި ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ.

ބޮޑު ހަފުލާއެއްގެ ބަދަލުގައި ބޭއްވި އެ ޕްރައިވެޓް ވެޑިންގައި ބައިވެރިވީ އެމީހުންގެ އާއިލީގެ ގާތް މީހުންނާއި އެމީހުންގެ ދަރިން އެކަންޏެވެ.

ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކުރިކަން އާންމުންނަށް ކަށަވަރުކޮށްދިނީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ހާއްސަ ފޮޓޯއަކުންނެވެ.

އެމީހުންގެ ކައިވެނީގެ އަނގޮޓި ފެންނަ ގޮތަށް އާންމުކުރި އެ ފޮޓޯއާ އެކު ލިޔެފައި ވަނީ "ސީ❤️ޖީ" އެވެ.

އެ ކައިވެނީގެ ހަފުލާ ބޭއްވީ ޖޯޖީނާ އާއި ރޮނާލްޑޯ އެންގޭޖްވިކަން އިއުލާންކުރިތާ އެއް އަހަރު ފުރުނު ދުވަހު އެވެ.

މިހާރު ވެސް ފަސް ދަރިން ތިބޭ ރޮނާލްޑޯ އާއި ޖޯޖީނާ އެންގޭޖްވެފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ.

ކުރިން ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ކިޔައިދީފައިވާ ގޮތުގައި، އެ އެންގޭޖްމަންޓުގެ ކަންތައްތައް ހިނގާދިޔައީ ކުއްލިއަކަށެވެ. ރޭގަނޑު ދެ ކުދިން ނިދާފައި ތިއްބައި، ރައްޓެއްސަކު ދިން އަނގޮޓިއެއް ޖޯޖީނާއަށް ދޭން އުޅުމުން ދަރިން އައިސް "މަންމައާ ކައިވެނިކުރަން އަނގޮޓި ދެނީތޯ" ސުވާލުކުރުމުން، އެއީ އެންމެ ރަނގަޅު ވަގުތު ކަމަށް ނިންމައި އޭނާ ކައިވެންޏަށް އެދުނީ އެވެ.

ރޮނާލްޑޯ އާއި ޖޯޖީނާގެ ލޯބީގެ ގުޅުން ފެށުނީ 2016 ވަނަ އަހަރު މެޑްރިޑްގެ ގުޗީ ފިހާރައަކުން ދެމީހުން ދިމާވި ހިސާބުންނެވެ.