ކައިވެނި ކުރި ދެ މީހަކު ކޯޓަށް ވަންނަން ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
18 މެއި 2025 - 18:45
އެންމެ ހާއްސަ ދުވަހަށް އައިޝަތު ނަދާގެ ދެމަފިރިން ވެސް ވަރަށް ތައްޔާރުވި އެވެ. ކައިވެނި ޕާޓީގެ ހުރިހާ ކަމެއް ރާވައި އުއްމީދު ކޮށްގެން ތިބީ އާއިލާ އާއި ހެޔޮއެދޭ އެންމެންނާ އެކު އުފާވެރި ވަގުތުކޮޅަކުން ދިރިއުޅުން ފެށުމަށެވެ. އެކަމަކު އެ ދުވަހު "ޖަސްޓް މެރިޑް" އިން އެންމެން ކުރިމަތީގައި އެ ދެމަފިރިން ރޮއްވާލައި، ލަދުގަންނަވާލީ އެވެ.
ކައިވެނި ޕާޓީގެ ކަންކަން ހަވާލުކުރި "ޖަސްޓް މެރިޑް" އިން ދިނީ އެ ދެމަފިރިން ހިތުން ނުފިލާނެ ވަރުގެ ބޮޑު ލަނޑެކެވެ. އެތައް ދުވަހެއް ވަންދެން ޕްލޭން ކުރަމުން އައި "ޑްރީމް ވެޑިން" ބަދަލުކޮށްލީ ބޮޑު ސްކޭމަކަށެވެ.
އެ ހިތާމަވެރި ތަޖުރިބާ ފޭސްބުކްގައި ހިއްސާކުރަމުން ނަދާ ލިޔެފައިވާ ގޮތުގައި ފޭސްބުކުން ފެނުނު "ޖަސްޓު މެރިޑް" ކިޔާ ޕޭޖު ހިންގާ މުހައްމަދު ހުނައިނު އަށް ފައިސާ ދިނީ އެ ދެމަފިރިންގެ އެންމެ އުފާވެރި ދުވަހުގެ ޑެކަރޭޝަނާއި ކެއުމަށާއި ތަނުގެ އަގު ވެސް ހިމަނައިގެންނެވެ.
ހައުސް އޮފް ޖޭޑުގައި ބޭއްވި ކައިވެނީގެ ޑެކަރޭޝަނަށް "ޖަސްޓް މެރިޑް" ޕޭޖަށް ނަދާގެ ދެމަފިރިން ފުރަތަމަ 20،000 ރުފިޔާ ދިނީ މިދިޔަ އެޕްރީލް 1 ގަ އެވެ. އެއީ 200 މީހުންގެ ކެއުން ވެސް ހިމެނޭ ޕެކޭޖަކަށެވެ. އިތުރަށް ދައްކަން ޖެހުނު 14،500ރ. އާއި 50 މީހުން އިތުރު ކުރަން ބޭނުން ވެގެން މިދިޔަ މަހުގެ 13 ވަނަ ދުވަހު 7،500ރ. ވެސް ދެއްކި އެވެ.
ނަދާގެ ޕޯސްޓު--
ނަދާ ބުނީ އެ ދެމަފިރިން ނެގި ޕެކޭޖަށް ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓުތައް ދެއްކުމަށް ފަހު ބާކީ ނުދީ އޮތީ، 2،000ރ. ކަމަށެވެ. އެއީ، ކައިވެނި ޕާޓީ އޮންނަ ދުވަހު، ހުރިހާ ކަމެއް ފުރިހަމައަށް ނިމުމުން ދޭން އެއްބަސްވެފައިވާ އަދަދެއް ކަމަށް އޭނާ ބުންޏެވެ.
"ކައިވެނި ޕާޓީ އޮތީ 5:00 އިން 7:30 އަށް. ކައިވެނި ކުރީ ހަވީރު 4:00 ގައި. ކައިވެނިކޮށް ނިމި، ޕާޓީ ފެށިއިރު ވެސް ކާއެއްޗެއް ނެތް. ޕާޓީއަށް އައި މީހުން އައިސް، ޕާޓީ ނިމެން ގަޑިއިރަކަށް ވީ އިރު ވެސް ބަދިގެއިން ކާ އެއްޗެހި ނުނެރޭ،" ނަދާ ބުންޏެވެ.
"އަހަރެންގެ ފިރިމީހާ އާއި ބޭބެ 5:45 ވަންދެން ތަކުރާރުކޮށް ހުނައިނަށް ގުޅަމުން ދިޔަ. އޭނާގެ ޖަވާބަކީ ބަލަމުންދާ ކަމަށް. ވެގެން އުޅޭ ގޮތް އެނގުނީ އެ މީހުން ގޮސް ހައުސް އޮފް ޖޭޑުގެ ކޭޓަރިން މުވައްޒަފުންނާ ވާހަކަ ދެއްކުމުން."
އެ ޕާޓީ އަށް ކާއެއްޗެހި ހުރީ ތައްޔާރު ކޮށްފަ އެވެ. އެކަމަކު، ޕާޓީ ފެށިއިރު ވެސް ކާއެއްޗެހި ނުނެރުނީ، ހައުސް އޮފް ޖޭޑަށް ހުނައިން ދައްކަން ޖެހޭ 37،000ރ. ނުދީ އޮތުމުން ކަން މުވައްޒަފުންގެ ވާހަކަތަކުން އެނގުނު ކަމަށް ނަދާ ބުންޏެވެ.
ހައުސް އޮފް ޖޭޑުގެ ކޭޓަރިން މުވައްޒަފުން ކައިރީގައި ނަދާ އާއި އެ އާއިލާ މީހުން ވެސް ކާ އެއްޗެހި ނެރެދިނުމަށް އާދޭސް ކުރުމުން ވެސް އެކަން ކޮށް ނުދިނެވެ. އެކަމުގައި ދެރަވެ، ރޮވެން ފެށުމުން އާއިލާ މީހުން ގޮސް ބަދިގެއިން އެއްޗެހި ހިފައިގެން އައިސް މޭޒުތަކުގައި އެތުރީ ކަމަށް އޭނާ ބުނެފައިވެ އެވެ.
ފައިސާ ދެއްކި އިންވޮއިސްތަކާ އެކު، ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ނަދާ ބުނީ ކައިވެނި ކުރާ ގަޑި ޖެހުމާ ހަމައަށް ވެސް އެ ދެމަފިރިން ދުވަން ޖެހުނީ ހުނައިން ކުރަން ޖެހޭ މަސައްކަތްތައް ނުކޮށްދީގެން ކަމަށެވެ. އެއްބަސްވި ގޮތަށް ޑެކަރޭޝަން ވެސް ނުނިންމަ އެވެ.
"އެންމެ ފުރަތަމަ ދިމާވި ދުވަހުން ފެށިގެން އަހަރުމެން ޖެހުނީ ހުނައިން ފަހަތުން ދުވަން. ކައިވެނި ޕާޓީ އޮންނަ ތަން ތައްޔާރު ކުރަން އެ ދުވަހު މެންދުރު ވެސް ޖެހުނީ ކަންކަން ފުރިހަމަ ނުވެގެން ހުނައިން ފަހަތުން ދުވަން. ވަކި ހިސާބަކުން ނުވާނެކަން ގަބޫލުކޮށް، ކައިވެންޏަށް ތައްޔާރު ވާން ރޮމުން ދިޔައީ،" ނަދާ ބުނެފައިވެ އެވެ.
ހައުސް އޮފް ޖޭޑުގެ ސްޓޭޓްމެންޓް--
ނަދާ ޖެހި ޕޯސްޓު ވައިރަލް ވުމާއެކު، ހައުސް އޮފް ޖޭޑުން ރޭ ވަނީ ބަޔާނެއް ނެރެ އެ މީހުންގެ ސޯޝަލް މީޑިއާ ސްޓޯރީއަށް ލައިފަ އެވެ. އޭގައި ބުނެފައި ވަނީ ކާއެއްޗެހި ޕާޓީއަށް ނުނެރުމާ ޖަސްޓް މެރިޑުން ކުރިން ނުދައްކާ ހުރި ފައިސާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ޖަސްޓް މެރިޑްއިން ކާ އެއްޗެހީގެ ކަންކަން ހައުސް އޮފް ޖޭޑާ ހަވާލު ކޮށްފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި އެ މީހުން މަސައްކަތް ކުރީ ބަޔަކާ ހަވާލު ކޮށްގެން ކާ އެއްޗެހި ހެދޭތޯ ކަމަށް ބުނެފައިވެ އެވެ.
ނަދާ ފުރަތަމަ ޖެހި ޕޯސްޓަށް އިތުރު ބައެއް ލައި، އޭގައި ބުނެފައި ވަނީ ހައުސް އޮފް ޖޭޑުގެ ވެރިފަރާތުން ނަދާގެ ދެމަފިރިންނާ ރޭ ބައްދަލުކުރި ކަމަށެވެ. ކާއެއްޗެހި ހިފެހެއްޓުނީތީ އެކަމަށް މާފަށް އެދުނު ކަމަށް ވެސް ނަދާ ބުނެފައިވެ އެވެ.
ނަދާގެ ޕޯސްޓް ޖެހުމުން ބައެއް މީހުން ކުރި ކޮމެންޓްތަކުގައިވާ ގޮތުގައި ޖަސްޓް މެރިޑްއާ އެކު އެ ތަޖުރިބާ ކުރަން ޖެހުނީ ނަދާގެ ދެމަފިރިން އެކަންޏެއް ނޫނެވެ. އެ ޕޭޖުން އެހެން މީހުންނަށް ވެސް ވަނީ ލަނޑު ލިބިފަ އެވެ.
އެކަކު ބުނެފައި ވަނީ މިދިޔަ އަހަރު އޭނަގެ ކައިވެނީގެ ޑެކަރޭޝަނާއި ކެއުމަށް 145،000ރ. ޖަސްޓް މެރިޑް މީހުންނާ ހެދި ހަރަދުވި ކަމަށެވެ. ކުރިން ހުނައިންގެ މައްސަލަ ރިޕޯޓު ކޮށްފައިވާނެ ކަމަށާއި އޭނާގެ ކައިވެނީގައި ވެސް ކަންތައްވީ ހަމަ ނަދާމެންނަށް ދިމާވި ގޮތަށް ކަމަށް ބުނެފައިވެ އެވެ.
އެހެން މީހަކު ބުނެފައި ވަނީ 2023 ވަނަ އަހަރު އޭނަގެ ދަރިފުޅުގެ ކައިވެނި ޕާޓީގައި ވެސް ޖަސްޓް މެރިޑް މީހުން ކަންތައް ކޮށްފައި ވަނީ ހަމަ އެގޮތަށް ކަމަށެވެ.
ޖަސްޓް މެރިޑް އަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ޕޭޖެއްކަން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން އެނގެ އެވެ.
އެ ޕޭޖަށް މީހުން ދީފައިވާ ރިވިއުތަކުގައި ވެސް ހުރީ ހުސް "ނެގެޓިވް" ކޮމެންޓެވެ.
އެންމެން ވެސް ބުނެފައި ވަނީ އެއް ވާހަކައެކެވެ. ކައިވެނި ޕާޓީގެ އެއްވެސް ކަމެއްގައި "ޖަސްޓް މެރިޑް" ސްކޭމްގައި ނުޖެހުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
20 May 2025
ތިބުނާ ކާވެނިކުރި މީހުންނަކީ ތި ސްކޭމުގެ ބައިވެރިން. އެމީހުންގެ ވާހަކަ ތަކުން އެކަމަށް ދަލީލު ލިބޭ. ދެން އަވަހަށް އެދެމީހުންނަށް ފައިސާ އޮއްސާ.
ތިންކް ޕޮޒިޓިވް
23 May 2025
އެއްވެސް މީހަކު އެ މީހަކު އަލަތު ކައިވެނި ޕާޓީ މިހެން ގޮސް ލަދު ގަންނާކަށް ނޭދޭނެ. ތިބޭފުޅާއަށް ވެސް މިކަން އިހުސާސް ވާނީ ތިބޭފުޅާގެ ދަރިއެއް ނުވަތަ އާއިލާ މީހަކަށް މިހެން ވި ނަމަ. ޕޮޒިޓިވް އެއްޗެއް ބުނެވެން ނެތް ނަމަ، އެހެން މީހުންނަށް ދިމާވާ ހިތާމަތަކުގައި އެއްޗެއް ނުބުނުން މާ ރަނގަޅުކަމަށް ފެނޭ!
ފާނަކޮށި
19 May 2025
މިކަހަލަ ބޮދެތި ސްކޭމްތައް ހިންގާމީހުން ހައްޔަރުކޮށްބަލަ.....
ހުސްނުވާމަކަރު
19 May 2025
ކޮންކަމެއްގަތޯ މަކަރު ނުހަދަނީ. ހައްޖު ކޯޓާއިންވެސް ހަދަނީ މަކަރު. އެކަމަކު ދީނީގޮތުންގޮސް އުޑާހަމައަށް ފުންނާބުއަރާ ބޭބޭފުޅުން މިކަންކަން ކުރަންތިބީ. މީ ގައުމެއްތަ.
ދިދަޖެހި ކާރު
19 May 2025
މަގާމްތަކަކީ ލައިސަންސް ދެއްތޮ މިހާރު.
އޮަޓޯ
19 May 2025
ކުށެއް ކުރާ ކޮންމެ މީހެއްގެ ދިފާއުގައި ދިވެހިރައްޔިތުން ނުކުންނާނެ. މިކަހަލަ ކޮންމެ ޚަބަރަކަށް ފުލުހުންނޭ ކިޔައިގެން ކޮމެންޓްވެސް ކުރާނެ. ސަރުކާރޭ ކިޔައިގެންވެސް ކޮމެންޓްކުރާނެ. އެހެން ނަމަވެސް ކުށްކުރުން ހުއްޓުވަން އެންމެ ފިޔަވަޅެއް އެޅިޔަސް، މަގޭ ހައްގޭ ރައްޔިތުންގެ ހައްގޭ ކިޔައިގެން މުޒާހަރާކުރަންވެސް ދިވެހިރައްޔިތުން ނުކުންނާނެ. ރައްޔިތުން ކުށްކުރަން ހިތްވަރުދެނީވެސް ކުށްކުރަނީވެސް. އަދި އެކަން ނުހުއްޓުވައިގެން ފާޑުކިޔަނީވެސް.
ސަހަރޯޯ
19 May 2025
ކުޑައެެއް ބޮޑެއް، ވެރިއެއް ރައްޔިތެއް ކިއުމުގެ ބޭނުމެއް ނެތް. އެމީހަކަށް ކެވުނު ގޮތަކަށް ކެއުމާއި ވައްކަމާއި ހިޔާނާތް މިވަނީ ދިވެހިންގެ ސިފައަކަށްވެ ނިމިފަ. އެކަކު އަނެކަކު ކުށްވެރިކުރުމާ، އަމިއްލަ ޒިންމާއިން ރެކުމާ، އަނެކާ ކުރަންޏާ ކޮންމެ ގޯސްކަމެއް ތިމާއަށްވެސް ކުރެވެންވާނެ ކަމުގެ ޖަދަލުން ތަން ވަނީ ފަސާދަވެެ ނިމިފަ. މުސްލިމުންނަށް އަމުރުވެވިގެންވަނީ މިއެންމެހާ ކަންކަމުން ދުރުވެ، ހެޔޮކަންކަމުގައި ވާދަކުރުން. އެކަމަކު ދިވެހިންގެ ހާލު ސަހަރޯ ހީވޭ
އެޑްމުންޑޯ
19 May 2025
ފުލުހުން މިކަލޭގެ ހައްޔަރުކުރާނެކަމަށް އުންމީދުކުރަނީ
ހަހަހަ
19 May 2025
ބައެއް ފަހަރު ސްކޭމް ޖައްސާ މީހުން ތިބެނީ އެތެރެ އެތެރެއިން ފުލުހުންނާވެސް ގުޅިގެން. ފުލުހުންނަށް މައްސަލައެއް ހުށައެޅުމަށްފަހު ޕޮލިސް އައިއޯ ދެތިން މަސް ފަހުން ބަހުބަރު!
އައްޑޫ ބަކުރު
19 May 2025
ދެންތިނިމުނީ ޕޮލިހުން ނައްވާނެ އެއްވެސް ކަންމެއްނޮއޮންނާނެ ނަމަކު ތިބޭބައެއް ލާރި ދިޔަ އެކައުންޓުވެސް އެމީހުންނައްނުހޯދޭނެކަން ޔަޤީން
އަލީ އިބްރާހީމް
19 May 2025
ދެފަރާތެއްގެ މެދުގައި ހިނގާފައިވާ މަދަނީ ކަމަކާ، ޖިނާއީ މައްސަލަ ބަލަން ތިބޭ ބަޔަކާ ގުޅުވަން ހަމަރަނގަޅު. ރާއްޖޭގަ މިވާގޮތަކީ ފަރުދީ ޒިންމާއެއް ނޯވޭ .. ރަޖިސްޓްރީ ނެތް ހުއްދަ ނެތް ބަޔަކާ އެކީ އެފަދަ ދުވަހެއްގެ މުނާސަބަތެއް ހަމަޖައްސާގެން ވެސް ނުވާނެތާ ..
ފުރޭތަ1
19 May 2025
250 މީހުންގެ ސަޔަށް ތިއީ ވަރަށް ކުޑަ އަގެއް ޑެކަރޭޝަން އާ ތަނުގެ ކުލި ހިމަނައިން. މާ އަގު ކުޑަނަމަ ވިސަނާލަންވާނެ މިއުޅެނީ ރަނގަޅު ބައެއް ނޫންކަން
ފޫހި
19 May 2025
މި އޮންލައިން ވިޔަފާރިއަށް އިތުބާރުނުކޮށްބަލަ. ރަޖިސްޓްރީކޮށްގެން ޤަވާޢިދުން ހިންގާ ފަރާތްތަކުން ޚިދުމަތް ހޯދަބަލަ. މަ ކާ މޭޒެއް ގަންނަންވެގެން ޕޭޖެއް ބަލާފަ ގުޅީމަ ފައިސާ ދައްކަންބުނި. ފައިސާ ދެއްކުމުގެ ކުރިން ބަލާލަން ބޭނުމޭ ބުނީމަ ބުނީ ޝޯރޫމް ހުންނާނެ ތަނާއި އެތަނުގެ ނަން. ފައިސާ ނުދައްކާދިޔައީ އެބުނިތަނަށް ގޮސްބަލާލަން. އެތަނަށް ގޮސް އެހީމަބުނީ އެއީދޮގެއްކަމަށާއި އެބުނާ ޕޭޖަކާ އެމީހުންނާ އެއްވެސް ގުޅުމެއްނެތްކަމަށް. އެފަހުން ޕޭޖްތަކަށް ސަލާމް
އޮމްބްޑްސްމެން (ކޮންސިއުމާ ޑޮޓް ގޮވް ޑޮޓް އެމްވީ)
19 May 2025
ހުރިހާ ކަސްޓަމަރުންވެސް ހައްގުތައް ހިމާޔަތްކުރުމަށް ކޮންސިއުމާ އޮމްބްޑްސްމޭންއަށް މައްސަލަ ހުށަހަޅުއްވާ! އިންސާފުލިބުން ދުރުވިއަސް ކުރެވެންހުރި މަސައްކަތް ކުރައްވަންވާނެ! ފޭސްބުކްގައި ލިޔުނު ފޯސްޓް އަދި ސަޕޯޓިންގ ޑުކިއުމަންޓްއާ އެކު ހުށަހަޅުއްވާ! ކޮންސިއުމާ ޕޮރޮޓެކްޝަން ބޮޑު ޤާނޫނެއް ހަދާ ބޮޑު މަަގާމަށް އަރުއްވާ މިކަންކަމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ހަމަ ވިންދެއްވެސް އަރުވާނުލާ އިކޮނޮމިކް މިނިސްޓްރީ އަދި އޮމްބްޑްސްމިހާ އުޅުއްވަނީ!