ޓިއުރިން، އިޓަލީ (ޖޫން 14) - އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން ރޯމާ އަށް ކުޅޭ ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޔަނިޗް 32 މިލިއަން ޔޫރޯއަށް ގަނެފި އެވެ.

އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ވަނީ ޔުވެންޓަސްގެ މެޑިކަލް ޓެސްޓުން އިއްޔެ ފާސްވެ އެ ކްލަބާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

ޔަނިޗް ޔުވެންޓަސްއާ ގުޅުނީ އޭނާ ވެސް އެކަމަށް ވަރަށް ބޮޑަށް ބޭނުންވެގެންނެވެ. އޭނާ ގަތުމަށް ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް އައީ މަސައްކަތްކުރަމުންނެވެ.

ފްރާންސްގެ ލިޔޯން އިން 2011 ވަނަ އަހަރު ރޯމާއާ ގުޅުނު ޔަނިޗް ވަނީ މިދިޔަ ސީޒަނުގައި ރޯމާ އިން އިޓާލިއަން ލީގުގެ ތިން ވަނަ ހޯދިއިރު 10 ގޯލް ޖަހައި 12 ލަނޑު ޖަހަން މަގުފަހުކޮށްދީފަ އެވެ.