މީގެ ނުވަ އަހަރު ކުރިން ވިލިމާލޭގައި ގްރޫޕަކުން ހަމަލާދީ އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ އެކަކުގެ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

އޭޕްރީލް، 2011 ގައި ވިލިމާލޭގެ ކުޑަކުދިންގެ ޕާކް ކައިރީގައި ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާއަށް ގްރޫޕަކުން ލަކުޑި ބުރި ފަދަ ތަކެތިން ހަމަލާދީ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުން 2017 ގައި މަރުގެ ހުކުމް އިއްވީ ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ މައްޗަށެވެ.

އޭގެ ތެރެއިން ނަޒީފްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މިރުޒާއަށް ހަމަލާދިން މީހުންގެ ތެރޭގައި ނަޒީފާއި އިތުރު ބަޔަކު ތިބިކަން ހެކިންގެ ބަހުން އެނގޭ ކަމަށާއި އެކަމާ މެދު އެއްވެސް ޝައްކެއް ހެކިންގެ ބަހުގައި އުފެދިފައި ނެތް ކަމަށެވެ. އަދި އެ މާރާމާރީ ހިނގި ވަގުތު ބަޔާންކޮށް ދިނުމާއި ބޭނުންކުރި ހަތިޔާރު ސިފަކޮށް ދިނުމުގައި ތަފާތުތަކެއް ހުއްޓަސް، އެކަމުގައި ޝައްކެއް އުފެދޭ ކަމެއް ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ގިނަ ބަޔަކު ބައިވެރިވެގެން މިރުޒާއަށް ހަމަލާ ދިންއިރު، އޭނާ މަރުވުމަށް މެދުވެރިވި ހަމަލާދިނީ އޭގެ ތެރެއިން ސީދާ ކާކުކަން އެއީ ޔަގީންކަމާ އެކު ބަލަން ޖެހޭ ނުކުތާއެއް ނޫނެވެ. ސަބަބަކީ ގިނަ ބަޔަކު ބައިވެރިވެގެން އެފަދަ އަމަލެއް ހިންގާއިރު، މަރުވުމަށް މެދުވެރިވާ އެތިފަހަރަކީ އޭގެ ތެރެއިން އެކަކު ޖަހާ އެތިފަހަރެއް ކަމަށް ވިޔަސް، އެކަމުގައި ބައިވެރިވި އެންމެން ވެސް ވަކިވަކިން އެކަމަށް ޒިންމާ ކުރުވޭނެތީ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެއީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ތަމާލުއުގެ އުސޫލާއި އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލު ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އިސްލާމީ ޝަރީއަތުގައި އެފަދަ މައްސަލަތައް ސާބިތުވާނީ ދެ ފިރިހެނުންގެ ހެކިބަހުން ކަމަށް އޮންނައިރު، އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި އަންހެނުން ތިއްބަސް އެ ހުކުމުގައިވާ ގޮތުން މަރުގެ މައްސަލަތައް ސާބިތުކުރެވޭނީ ދެ ފިރިހެނުންގެ ހެކިބަހުން ކަމަށް އެކަނި ނުުބުނެވޭނެ އެވެ. އަދި ހައްދާއި ގިސާސްގެ މައްސަލަތަކުގައި މެޑިކަލް އެވިޑެންސަކީ ވެސް އިސްލާމީ ފިގުހުގައި މިހާރު ބަލައިގެންފައިވާ އުސޫލެއް ކަމަށާއި އަދި ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް އެފަދަ މައްސަލަތަކުގައި ގަބޫލުކުރެވިދާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ގާނޫނު އޮތް ގޮތުން ގުރުއާނުގައި ކަނޑައެޅިފައިވާ ކަންކަން ފިޔަވައި އެހެން ހުރިހާ ކަމެއްގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ހަމަހަމަ ކަމަށާއި އަދި ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު އޮތް ގޮތުން ގުރުއާނުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ހަތަރު ފިރިހެނުންގެ ހެކިބަސް އެކަނި ބަލައިގެނެވެން އޮތީ ޒިނޭގެ މައްސަލަތަކުގައި ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންވެ، ޒިނޭ ފިޔަވައި ހައްދާއި މަރުގެ މައްސަލަތަކުގައި ބަލައިގަނެވޭނީ ހަމައެކަނި ދެ ފިރިހެނުންގެ ހެކިބަސް އެކަނި ކަމަށް ބުނެވެން ނެތް ކަމަށް ވެސް ފަނޑިޔާރުން ކަނޑައެޅި އެވެ.

މީގެ އިތުރުން ހުކުމުގައި ބުނީ އެ ހާދިސާ ހިނގި ތަނުގައި ނަޒީފް ނެތް ކަމަށް ބުނެ ހުށަހެޅި ދިފާއީ ހެކިންގެ ބަހަށް ރިއާޔަތް ކުރިޔަސް، ދައުލަތުން ހުށަހެޅި ދެ ހެކިންގެ ބަހަށް ބަލާއިރު އެ ހާދިސާ ހިނގި ތަނުގައި ނަޒީފް ހުރިކަން ސާބިތުވާ ކަމަށެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ނަޒީފްގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަކީ ސައްހަ ހުކުމެއް ކަމަށް ކަނޑައަޅައިފަ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.